ނިކާރާގުއާގައި ހިނގި އެކްސިޑެންޓެއްގައި ގިނަ ބަޔަކު ގޮވައިގެން ދުއްވި ބަހެއް ފަރުބަދައެއްގެ މަތިން ކައްސާލައިގެން ކުޅަނދުރު ހަތާތަކެއް ހުރިގަހެއްގައި ޖެހިއްޖެ އެވެ.
މި އެކްސިޑެންޓުން އެންމެން ސަލާމަތްވިއިރު ހަ މީހުން މަރުވެފައިވަނީ ކުޅަނދުރު ހަތާތަކަށް ގެއްލުން ލިބުމުން ކުޅަނދުރުތައް އައިސް ކަށި ޖެހުމުގެ ސަބަބުންނެވެ.
ކުޅަނދުރު ކަށި ޖެހުމުގެ ސަބަބުން މަރުވި ހަ މީހުންގެ ތެރޭގައި ކުޑަ ކުއްޖަކު ވެސް ހިމެނެ އެވެ.
ނިއު ޔޯކް ޕޯސްޓްގައިވާ މި ޚަބަރުގައި ބުނެފައިވާ ގޮތުގައި ބަސް ދަތުރުކުރަމުން ދިޔައީ ޖިނޮޓޭގާ ކިޔާ ރަށަކުން ސެން ސެބަސްޓިއަން ޑެ ޔަލީ ކިޔާ ރަށަކަށެވެ. ބަސް މަގުން ކަހާލައިގެން ވަރަށް އުހުން ތިރިއަށް ވެއްޓިގޮސް ޖެހިފައިވަނީ ކޮފީ ގަސްތަކެއްގެ މައްޗަށެވެ. އެ ކޮފީ ގަސްތަކުގައި ގިނަ އަދަދެއްގެ ކުޅަނދުރު ހަތާތައް ހުއްޓެވެ.
ބަސް ވެއްޓުމުން ބައެއް ފަސިންޖަރުންނަށް އަނިޔާ ވިޔަސް އެކަކު ވެސް މަރެއް ނުވެ އެވެ. ނަމަވެސް ކުޅަނދުރު ހަތާތަކަށް ގެއްލުން ވުމުން އޭގައި ތިބި އެތައް ސަތޭކަ ކުޅަނދުރެއް ނުކުމެގެން އައިސް ބަހުގައި ތިބި މީހުންނަށް ހަމަލަދިނީ އެވެ. އަދި މި ހަމަލައިގައި ކުޅަނދުރު ކަށި ޖެހުމުގެ ސަބަބުން ހަ މީހުން ވަނީ މަރުވެފަ އެވެ.
އެވަގުތު ބަހުގައި ޑްރައިވަރާ ލައިގެން 45 މީހުން ތިއްބެވެ. މަރުވި ހަ މީހުންގެ އިތުރުން އެކްސިޑެންޓްގައި 14 މީހަކަށް ސީރިއަސް ގެއްލުންތަކެއް ލިބިފައި ވެއެވެ.
އެފްރިކާގައި އުޅޭ މާމުއި ކުޅަނދުރަކީ ވަރަށް ނުރައްކާތެރި ވައްތަރެކެވެ. އާދައިގެ ކުޅަނދުރެއް ކަށި ޖަހާވަރަށް ވުރެ 10 ގުނަ ބާރަށް މިސޮރުމެން ކަށި ޖަހާ ކަމަށް ވެއެވެ.