ލައިފްސްޓައިލް

ވަޅުލަން ގެންދަނިކޮށް ސަންދޯކުގައި ތަޅަން ފަށައިފި

ކާރު އެކްސިޑެންޓެއްގައި މަރުވި އަންހެނެއްގެ ޖަނާޒާއަށް ދިޔަ ގިނަ ބަޔަކު ބިރުން ގޮސް ހަލާކުވާ ވަރުގެ ކަމެއް ހިނގައިފި އެވެ.

އަންހެން މީހާ ސަންދޯކުގައި ތަޅަ ތަޅާފައި އަހަރެން މަރެއް ނުވެޔޭ ގޮވުމުންނެވެ.

ޕެރޫގެ ލެމްބާކިއު ސިޓީގައި ދިރިއުޅޭ ރޯޒާ އިސަބެލް ކެސްޕެޑެސް ކަލައްކާ ނަމަކަށް ކިޔާ މި އަންހެން މީހާ މަރުވި ކަމަށް ނިންމީ އެކްސިޑެންޓަށް ފަހު އޭނާ ގެންދިޔަ ހޮސްޕިޓަލުންނެވެ.

މި ހާދިސާގައިވާ އަންހެން މީހާގެ ޅިޔަނަކު ވެސް މަރުވެފައިވެ އެވެ. އަދި އޭނާއަށް ބޮޑުދައިތަ ކިޔާ ތިން ކުއްޖަކަށް ވެސް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފަ އެވެ.

މިދިޔަ އަންގާރަ ދުވަހު ރޯޒާގެ ޖަނާޒާގެ ކަންތައް ކުރިއަށް ގެންދިއުމަށްޓަކައި އޭނާ ސަންދޯކަށް ލައި މަތިޖަހާފައި އޮއްވާ އޭނާ ވަނީ ސަންދޯކުގައި ތަޅަ ތަޅާފައި "އަހަރެން މަރެއް ނުވެޔޭ، އަހަރެން މަރެއް ނުވެޔޭ" ގޮވާފަ އެވެ. އެއާއެކު އެތަނަށް ހާޒިރުވެ ތިބި އެންމެންނަށް ލިބިގެން ދިޔައީ ބޮޑު ޝޮކެކެވެ.

ރޯޒާ ސަންދޯކުގައި ތަޅަންފެށީ އޭނާގެ ގާތް ތިމާގެ މީހުން އޭނާ އޮތް ސަންދޯއް ކޮނޑަށް އަރުވައިގެން ގެންދަނިކޮށެވެ. އެމީހުން ވަގުތުން ސަންދޯއް ބިންމަތީގައި ބަހައްޓާފައި ސަންދޯކު މަތިގަނޑު ނެގިއިރު ރޯޒާ ދިރިއޮއްވާ ވަނީ ފެނިފަ އެވެ.

ގަބުރުސްތާނުގައި ޖަމާއަތްތެރިއަކަށް އުޅޭ ޖުއާން ސެގުންޑޯ ކާޖޯ ބުނީ ސަންދޯކު މަތިގަނޑު ނެގުމާއެކު ރޯޒާ ލޯ ހުޅުވާލި ކަމަށެވެ. އޭރު އޭނާ އޮތީ ދާހިތްލާ ފޯވެފައި ކަމަށް ވެސް ޖަމާއަތްތެރިޔާ ބުންޏެވެ.

"އަހަރެން ވަގުތުން އޮފީހަށް ވަދެފައި ފުލުހުންނަށް ގުޅީ،" ޖަމާއަތްތެރިޔާ ބުންޏެވެ.

ރޯޒާ މަރު ނުވާކަން އެނގުމުން އޭނާގެ ތިމާގެ މީހުން ވަނީ ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އަދި ހޮސްޕިޓަލުގައި ލައިފް ސަޕޯޓް ގުޅާފައި އޮންނަތާ ހަ ގަޑިއެއްހާއިރު ފަހުން ރޯޒާ ވަނީ ހަމަ ހަގީގަތުގައި ވެސް މަރުވެފަ އެވެ.

ރޯޒާގެ ތިމާގެ މީހުން ލަފާ ކުރާ ގޮތުގައި އެކްސިޑެންޓްވުމާއެކު ރޯޒާ އޮތީ ކޯމާ އަށް ގޮއްސަ އެވެ. އޭނާ މަރުވީ ކަމަށް ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ހީވީ އެހެންވެ އެވެ.

މިހާރު އެ ސަރަހައްދުގެ ފުލުހުން ގެންދަނީ މި މައްސަލަ ހިނގައި ދިޔަ ގޮތް ތަހުގީގުކުރަމުންނެވެ.