އަންހެނުން

އަނިޔާގެ ހިސާބުތައް ވަރަށް އަނދިރި!

މިދިއަ 25 ނޮވެމްބަރަކީ ތަފާތު ދުވަހެކެވެ. އެއީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވަން ވަކާލާތު ކުރަން ފާހަގަކުރާ ބައިނަލް އަގުވާމީ ދުވަހެެވެ. ސޯޅަ ދުވަހަށް ކުރިއަށްގެންދާ އެކްޓިވިޒަމްގެ މި އަހަރުގެ ޝިއާރަކީ އޮރެންޖްދަވޯލްޑް: ފަންޑް، ރެސްޕޮންޑް، ޕްރިވެންޓް އަދި ކަލެކްޓް އެވެ. އަނެއްކޮޅު މީގެ ދެ ތިން ހަތަރު ދުވަހެއް ކުރިން މީޑިއާގައި ދައުރުވަމުން ދިޔައީ މެދު އަތޮޅުތަކުގެ ރަށެއްގައި ހަތަރު މައިންނަށް ކުރިމަތިވި ލާއިންސާނީ އަމަލުތަކެއްގެ ވާހަކައެވެ.

ކުޑަކުއްޖަކު ޖިންސީ އަނިޔާގެ ޝިކާރައަކަށްވެ ހޮސްޕިޓަލްގައި ފަރުވާދޭ ވާހަކަތަކަކާއި "މައްސަލަ ނުބެލޭނެ" ކަމަށް އެ ރަށު ފުލުހުން ބުނި ކަމަށް ބުނާ ވާހަކަތަކެކެވެ. ކުދިން ސުކޫލަށް ނުފޮނުވުމާއި، ކާން ނުދީ ބެހެއްޓުމާއެކު އެ ހަތަރު މައިންނަށް ކޮށްފައިވާ އެކި އެކި ނަފްސާނީ އަދި ޖިސްމާނީ އަނިޔާތަކެއްގެ ވާހަކަ އެކެވެ. އަދި މިއީ ފާއިތުވީ ތިން މަސް ދުވަހުގެ މައްސަލައެކެވެ

ތަފާސް ހިސާބުތަކަށް ބަލާއިރު ފެންނަނީ ވަރަށް އަނދިރިކޮށެވެ. އެއްވެސް އަލިކަމެއް "އޮރެންޖް ކަމެއް" ނެތެވެ. އެއީ ރާއްޖޭގެ ކޮންމެ ހަތަރު ކުދިންގެ ތެރެއިން އެއް ކުއްޖަކީ އަނިޔާ ލިބޭ ކުއްޖަކަށްވާއިރު ކޮންމެ ތިން އަންހެނުންގެ ތެރެއިން އެކަކީ ގެވެށި އަނިޔާ ލިބިފައިވާ މީހެކެވެ.

އޮކްޓޫބަރު 2020 ގައި މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސްއަށް 257 މައްސަލަ ރިޕޯޓުކޮށް އެޓެންޑް ކޮށްފައި ވެއެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި ގެވެށި އަނިޔާގެ މައްސަލަތައް ހިމެނެ އެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާ

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 135 މައްސަލަ އޮކްޓޫބަރު މަހު ޖެންޑާއަށް ރިޕޯޓް ކޮށްފައި ވެއެވެ. އެ އެންމެ ގިނައިން ރިޕޯޓު ކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އޭގެ 43 މައްސަލަ ރިޕޯޓް ކޮށްފައި ވެއެވެ.

ޖިންސީ ހާނިއްކައިގެ 38 މައްސަލަ އާއި ޖިސްމާނީ ހާނިއްކައިގެ 24 މައްސަލަ ހިމެނޭ އިރު ގެވެށި އަނިޔާގެ އަމަލެއް ހިންގާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 15 މައްސަލަ އާއި ނަފްސާނީ ހާނިއްކައިގެ ނުވަ މައްސަލަ އާއި ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ހަތަރު މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ބުލީ ކުރުމުގެ މައްސަލަ އަކާއި ބުލީ ކުރުމާއި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ މައްސަލައެއް ހިމެނެ އެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 40 މައްސަލަ އޮކްޓޫބަރު މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅާފަ އެވެ. އެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓް ކޮށްފައި ވަނީ ޖިސްމާނީ އަނިޔާ ކުރުމުގެ 20 މައްސަލަ އެވެ. މީގެ އިތުރުން ނަފްސާނީ އަނިޔާ ކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 11 މައްސަލަ އާއި ބިރު ދެއްކުމުގެ ގޮތުން ކުރާ ކަންކަމާ ގުޅޭ ތިން މައްސަލަ އާއި ޖިންސީ ހާނީއްކައިގެ ދެ މައްސަލަ އާއި ރޭޕް ކުރުމުގެ ދެ މައްސަލަ އާއި އިހުމާލުވުމުގެ ދެ މައްސަލަ ހިމެނެ އެވެ.

މި ހިސާބުތައް މިއީ ބަލާލަން އެހާ ފަސޭހަ އަދަދު ތަަކަކަށް ނުވާއިރު ދުވަސް ނިމި އިރުގެ އަލިކަން އުދަރެހުން ފިލައިގެން ދިޔައީ މުޅި ދުނިޔެ އޮރެންޖު ކޮށްލާފަ އެވެ. "#އޮރެންޖްދަވޯލްޑް" އަދި އެކި ފަރާތްތަކުން އަންހެނުންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް ނެރެފައިވާ ބަޔާންތަކާއި ޓްވީޓްތަކުން ސޯޝަލް މީޑިއާއަށް ބަންޑުން ކޮށްފަ އެވެ.

ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަމައެކަނި ސެލްފީ ބޯޑު ހިފައިގެން ފޮޓޯ ނެގުމާއި، ރަސްމީ އިދާރާތައް އޮރެން ޖުން ދިއްލުން ކަހަލަ ރަމްޒީ އެތައް ކަމެއް ކުރި އެވެ. ސްޓޭޓަސް އެއް ޖަހާލައި ފޮޓޯއެއް ދޫކޮށްލައި ހެދި އެވެ. ސުޕްރީމް ކޯޓާއި ޖަސްޓިސް ބިލްޑިންގ އޮރެންޖުން ދިއްލި އެވެ.

މެދު އަތޮޅުތަކުގެ ރަށެއްގައި ހިނގި ހާދިސާގައި އަނިޔާ ލިބުނު ފަރާތުން ޖެންޑާ މިނިސްޓްރީގެ ކޭސް ވޯކަރަކަަށާއި، ފުލުހަކަށާއި އަދި ޑޮކްޓަރެއްގެ ސަމާލުކަން ހޯދުމަށް މަސައްކަތް ކުރި ވާހަކައަށް ބީރު ކަންފަތެއް ލިބުނު ވާހަކަ އަޑުއިވުމަކީ ރަސްމީ މުއައްސަސާތައް މިފަދަ އަނިޔާތަށް ހުއްޓުވުމުގައި ފެއިލްވެފައިވާ މިންވަރު އެނގޭ ކަމެކެވެ.

އެ ކޭހުގައި އެކަންޏެއް ނޫނެވެ. މިއީ އެފަދަ ކޮންމެ ކޭހަކާއި ގުޅިގެން ތަކުރާރުކޮށް އިވޭ އަޑުތަކެވެ. އިބްތިހާލްގެ ކޭހުގައި ވެސް ދެ އަހަރުގެ ކުއްޖާގެ ބައްޕަ އަދި ކާފަ ރޭޕް ކުރި ކޭސް ފަދަ ކޮންމެ ކޭހެއްގައި ވެސް އަޑުއިވޭ ވާހަކަތަކެކެވެ. އެކަމަކު ނުރައްކަލުގެ ރަނގަބީލު އަޑުއިވޭ މީހަކު ނުހުރެ އެވެ. ހަމަ އެކަނި އޮންނަނީ މުނާސަބާ ފާހަގަ ކުރުމެވެ.

އުމްރާނީ ތަރައްގީއަށްވުރެ ދުޅަހެޔޮ މުޖުތަމައުއަކަށް ކުރަންވީ އިންވެސްޓްމަންޓް ބޮޑެވެ. ހޭލުންތެެރި ކުރުމާއި ތަމްރީން ކުރުމަށް އަދި އަނިޔާ ރިޕޯޓް ކުރެވޭ ފަސޭހަ ގޮތް އިންތިޒާމު ކުރުމާއެކު މައްސަލަތައް އަވަސް ފިޔަވަޅު އަޅަން ޖެހެ އެވެ. އިންސާފު ހޯދައި ދިނުމުގައި ފަހަތު ފަޔަށް ބުރަވެ "ޒީރޯޓޮލެރެންސް" އޭ ބުނެލައިގެން ހަމައެއް ނުޖެހެ އެވެ.