ރިޕޯޓް

އަނިޔާއާ އިހުމާލުގެ ހަޔާތަށް ހިތްދަތި ނިމުމެއް!

"ޖެހި ޖެހީނުން މަރާލައި، ފޮށްޓަކަށް ލައި މޫދަށް އެއްލާލާށޭ." އެއީ އެންމެ ތިން އަހަރާއި ހަ މަހުގެ ތުއްތު ކުއްޖަކަށް ތަކުރާރުކޮށް ދިން ލާއިންސާނީ އަނިޔާތައް އެންމެ ގާތުން ފެނުނު އެކަކު ދިން ކަމަށް ބުނާ ހިޔާލެވެ. މަންމައެއްގެ ހިތުގައި އެ މައުސޫމް ފުރާނައަށް އޮތް ރުޅިވެރިކަމާއި ނަފުރަތު އެނގިހުރެ ދިން ހިތްވަރެވެ. އެކަހަލަ ކިތަންމެ މީހެކެވެ. އަނިޔާކުރާ މަންޒަރު ފެނުނު އެތައް ލޮލެކެވެ. ވޭނުން ފުރިގެން ބަނޑުންވެގެން ދިއަ ރުއިމާއި ކުކުރުމުގެ އަޑުތައް އިވުނު އަވަށްޓެރިންނެވެ. އެ ހުރިހާކަމެއް ނުފެންނަކަމަށް ހެދި ރަހުމަތްތެރިންނެވެ. މޫނު އަނެއް ފަރާތަށް ލައި، ކަންފަތުގައި އަތް އެޅި އާއިލާ މީހުންނެވެ. އޭގެން ވާހަކައެއް ފޯރި މަދު ފަހަރަކު، ރައްކާތެރިކަމެއް އަދި އެހީއެއް ނުވި މުއައްސަސާތަކެވެ.

މައެއްގެ ދެ އަތުން ބަނޑުއަޅައިވިހޭ ތުއްތު ދަރިއެއްގެ ފުރާނަ ނަގާލުން އެއީ ހުވަފެނަކުންވެސް މީހަކު ނުދެކޭނެ ފަދަ ބިރުވެރި އަދި ހިތާމަވެރި ހާލަތެކެވެ. ކާންނުދީ، ބަރަހާނާ ހާލުގައި ނަޖިސްތަކާއެކު ގައިން ތާހިރުނުކޮށް ތިން އަހަރުގެ ދަރިފުޅު ބެހެއްޓުމަކީ "ބަސްނާހާތީ" އަދަބު ދިނުންކަމަށް ގަބޫލުކުރި މަންމަ އެކެވެ. އެ މައުސޫމު ކުއްޖާ ފެންނަ ކޮންމެ ފަހަރަކު ކޮންޓްރޯލް ނުވާ މިންވަރަށް ރުޅިގަނޑު ފަޅައިގެންދާތީ އެވެ. ލިބޭ ކޮންމެ ފުރުސަތެއްގައި ހަމަލާއެއް އަމާޒުކުރީ ރަހުމެއް ހަމްދަރުދީއެއް ނެތި އެވެ.

މިއީ، އެއް ދުވަހު ހެނދުނު ހޭލައި، ތަޅުންގަނޑު މަތީގައި ނިންދަވާފައި އޮތް އަލަތު ދަރިފުޅު ގާގައި ކޮޅުފައިން ތަޅައި، ކަރުގާ ހިފައި މަރާލުމުގެ ވިސްނުން ސިކުނޑިއަށް ވެރިވެގެން ދިއަ މައެއްގެ ވާހަކަ އެވެ. އަމިއްލަ ދަރިފުޅު މަރަށް ތެޅި ތެޅި އޮއްވައި، ޖެހިގެން ހުރި ގޭގައި ޓީވީ ބަލަން އިނދެވުނު އަންހެނެކެވެ.

އެވަގުތު އިބްތިހާލް ވަރަށް މަޑުމަޑުން މަންމާއޭ ކިޔާ ގޮވާލި
އާފިޔާ މުހައްމަދު މަނިކު

އެހެނަސް، އެފަދަ ރަހުމްކުޑަ ދަރަޖައަކަށް އެ މަންމަ ވެއްޓިގެން ދިއުމުގެ ކުރިން، އޭނާ އަކީ ވެސް އަންހެނެކެވެ. އެއް ޒަމާނެއްގައި ކުޑަ ކުއްޖެކެވެ. ކިޔަވަން ލޯބިކުރި ޒުވާނެކެވެ. އޭނާގެ މައުސޫމްކަން ފޭރިގަތީ ހަމަ މަންމަ އެކެވެ. އޭނާގެ މަންމަ އެވެ. އެތައް އަހަރެއް ވަންދެން ދޮން ބައްޕަގެ ޖިންސީ ޝިކާރައަކަށް ހެދިއިރު، އެ މަންމަ ހުރީ ބަލާށެވެ. ހިތްވަރު ދޭށެވެ. އެވަރުން ނުވެގެން، އެތައް ބަޔަކަށް ދަރިފުޅުގެ ހަށި ވިއްކީ އެވެ. ދެކޮޅު ހަދައިފިނަމަ، ތަޅައި އަނިޔާކުރި އެވެ. ހަމައެކަނި ފައިސާގެ ދަހިވެތި ކަމުގައި އެވެ. މިވެސް މަންމަ އެކެވެ.

ވަރަށް ރުޅި އާދޭ. ހިތަށް އަރާ ދޮންބައްޕަ މަރާލަފާނަމޭ ވެސް. އެގޮތަށް ހެދީމަ
އާފިޔާ މުހައްމަދު މަނިކު

މަންމަގެ އަނިޔާތަކުން ސަލާމަތްވާން، އެކި ފަހަރު މަތިން ހިމާޔަތް ހޯދަން ދިއަ އާއިލާގެ އެހެން މީހުންގެ ކިބައިން ވެސް ތަކުރާރުވީ ހަމަ އެ އަނިޔާތަކެވެ. ވަޅިން ބިރު ދައްކައިގެން، އެ މައުސޫމް ޖިސްމުން އެދުން ފުއްދި އެތައް ބަޔެކެވެ. އޭރުވެސް ކުރަމުން ދިއަ އާދޭސްތަކުގެ އަޑުއަހާނެ މީހަކު ނެތެވެ. އެހީތެރިވެދީ، ރައްކާތެރިކޮށްދޭނެ އެންމެ އަތެއްވެސް ހިއްލައި ނުލި އެވެ. ކަމާބެހޭ އިދާރާތަކަށް ހުށަހެޅި މައްސަލަތަކުގެ އަދަދެއްވެސް ނޭނގެ އެވެ. ވީ އެއް ކަމެއްވެސް ނެތެވެ.

އަދިއަދަށް ދާންދެން ވެސް އާފިޔާގެ ނަފްސަށް ލިބުނު އަނިޔާތަކަށް އިންސާފު ލިބިފައެއް ނެތް
ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު ސަމީރު

އަނދިރި ހަޔާތެއްގެ ތެރެއިން އަނިޔާ އާއި ހިތްދަތިކަމުގެ ދުނިޔެއަކުން އުފަންވީ އިތުރު ފުރާނެ އެކެވެ. ބައްޕައަކީ ކާކުކަންވެސް ނޭނގޭ ފަދަ ނިކަމެތިކަމެކެވެ. ދުނިޔެއަށް ލޯ ހުޅުވާލުމުގެ ކުރިންވެސް އެ ތުއްތު ފުރާނަ ވަނީ މައެއްގެ ލޯބިން މަހުރޫމްވެފައި އެވެ. ރަހުމްކުޑަ ދޮން ބައްޕަގެ ދަރިއެއްކަން ގަބޫލުކުރެވޭތީ އެވެ. ރުޅި އަންނަނީ އެހެން ވީމަ އެވެ. މި ދަރިފުޅަކީ އެ ހިތްދަތި ދުނިޔޭގެ ރަމްޒެކެވެ. މުޅި އުމުރު ތަހައްމަލު ކުރި އަނިޔާތަކުގެ ދިރިހުރި ނިޝާނެކެވެ.

ދުނިޔެ މަތިން ފޫހިވެ، ގޮތް ހުސްވެފައި ހުއްޓާ އުއްމީދުގެ އަލިކަމެކެވެ. ފިރިއެއްގެ ލޯތްބާއި އަޅާލުމެވެ. މުޅި ހަޔާތް އެދެމުންދިއަ ރައްކާތެރިކަމާއި ހިމާޔަތެވެ. އެކަމަކު އިތުރު ދެ ދަރިންނާއެކު އުފާވެރި ހަޔާތެއްގެ އުއްމީދު ދެމިއޮތީ މަދު ދުވަސްކޮޅަކަށެވެ.

ކުރީގެ ބިރުވެރި އަދި ހިތްދަތި ހަނދާންތަކުން ދުރުވުމުގެ ފުރުސަތެއް މުޖުތަމައުއެއް ނުދިނެވެ. އަމާޒުކުރީ މަލާމާތާއި ފުރައްސާރަ އެވެ. އަލަތު ދަރިފުޅަކީ ދޮން ބައްޕަގެ ނިޝާނެއްކަން ތަކުރާރުކޮށް ހަނދާންކޮށްދިނީ އެވެ. އެތައް އަހަރެއްގެ އަނިޔާއިން ނަފްސުގައި ލާފައިހުރި ފާރުގަނޑުތައް އަނެއްކާވެސް ހިލުވާލީ އެވެ. ފަރުވާއިން މަހުރޫމްވެފައިވާ ނަފްސަށް ނަފަރަތު ވެރިވާން ހިތްވަރު ދިނީ އެވެ. އެ މުޑުދާރު ދޮންބައްޕާއާ ވައްތަރުކުރީ އެވެ. ބޮޑުވެގެން ދަރިފުޅުވެސް ދޮންބައްޕަހެން އަންހެނުންނަށް އަނިޔާކުރާނެކަމަށް ސިކުނޑީގައި ތަސައްވަރު ކުރުވީ އެވެ. އެންމެ ކައިރީގައި ތިބި މީހުންނެވެ. ގާތް ރަހުމަތްތެރިންނެވެ.

އާފިޔާ އަށް ކުޑައިރުއްސުރެން ފެށިގެން ލިބުނު އަނިޔާތައް ބެލި، އިންސާފު ލިބިފައި ނެތުމަކީ އާފިޔާގެ ފުށުން މުހައްމަދު އިބްތިހާލަށް ލިބުނު އަނިޔާތަކަށް އިންސާފު ނުލިބެންވީ ސަބަބެއް ވެސް ނޫން
ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު ސަމީރު

އެ ހުރިހާ ކަމެއް އެނގޭ އެތައް ބަޔަކު ތިބިކަން އެ ބައެއްގެ އަމިއްލަ އިއުތިރާފުން ވަނީ ހާމަވެފައި އެވެ. އެކަމަކު އެއް ބަޔަކު އެކަން ސިއްރު ކުރީ އެވެ. އަނެއް ބަޔަކު ދިނީ ހިތްވަރެވެ. ބާކީ ތިބި މީހުން ކުރީ މަލާމާތެވެ. ޒަހަމްތައް ލޮލަށް ފެންނަން ހުރިއިރު، އެ ކުއްޖާ ރައްކާތެރިކޮށް ނުދިނީ އެވެ. މި ވާހަކަ ކުރިންވެސް އަޑުއިވިއްޖެ އެވެ. ހަމަ ފަރުވާކުޑަ އިހުމާލުގެ މާޒީ ތަކުރާރުކުރީ އެވެ.

ދެ ކޮއްކައަށް މަންމަގެ ލޯތްބާއި އަޅާލުން ފެންނަ ކޮންމެ ފަހަރަކު ކުރާނެ އަސަރު ހިތަށް ގެންނަންވެސް ނޭނގޭނެ އެވެ. އެ ތުއްތު ދަރިފުޅުގެ އެއްވެސް ކުށެއް ނެތެވެ. އޭނާއަށް އޮތީ އަނިޔާ އާއި ނަފުރަތުގެ މާޒީއަކުން އުފަންކުރުވި ހަޔާތެކެވެ. އަނިޔާވެރި ވޭންދެނެވި ތިން އަހަރެވެ. ލޯބިވާ މަންމަގެ ދެ އަތުންނެވެ. އަނިޔާ އާއި އިހުމާލުގެ ހަޔާތަކުން އުފަންކުރުވި ކުށްވެރިއެކެވެ. ރަހުމްކުޑަ ގާތިލެކެވެ.

މުޅި ރާއްޖެ ސިއްސުވައިލި ރަހުމުކުޑަ މަރަށް، ހިތްދަތި ނިމުމެކެވެ. ގާތިލަކަށް އަދަބު ދެވިއްޖެ އެވެ. ގިނަ ބަޔަކަށް 20 އަހަރުވެސް މަދެވެ. ގޮވަމުންދަނީ މަރަށް މަރެވެ. އެކަމަކު އެ ބަޔަކަށް ސުވާލެކެވެ. ހިތްފަޅައިގެންދާވަރުގެ މި ހާދިސާގައި ވަނީ އެންމެ ކުށްވެރިއެއް ހެއްޔެވެ؟ ހަގީގީ އިންސާފު ގާއިމުވެއްޖެ ހެއްޔެވެ؟