ރިޕޯޓް

ދިރާސީ އަހަރުވީ އުނދަގޫ ބޮޑު ގޮންޖެހުމަކަށް

މި 2020 ވަނަ އަހަރުގެ ދިރާސީ އަހަރަކީ ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުންނަށް ވެސް ގޮންޖެހުން ގިނަ ގޮންޖެހުންތައް ބޮޑު އަހަރެކެވެ. ރާއްޖޭގައި ކިޔަވާ އެތައް ހާސް ކުދިންގެ ތައުލީމަށް ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ސްކޫލްތައް ބަންދުވެފައި ކިޔަވަން ދެން ފެށުނީ ދަންފަޅި ސިސްޓަމަކަށެވެ. ބެލެނިވެރިން ގަބޫލު ކުރާ ގޮތުގައި ބައިބައަށް ބަހާލައިގެން ކިޔަވައިދޭން ޖެހުމުން އުނގެނުމަށް އޮތް ފުރުސަތު ވަރަށް ބޮޑަށް ހަނިވި އެވެ. ޓީޗަރުންނަށް އެތައް ގުނައެއް މަސައްކަތާއެކު ބުރަ ބޮޑުވިއެވެ. ކުރިން ކޮންމެ ދުވަހެއްގައި ކުދިން ސްކޫލަށްގޮސް ކިޔަވާނެ ފުރުސަތު ލިބުނު އިރު އެ ފުރުސަތު ގެއްލުނެވެ. އަދި ކިޔަވައިދޭ ގޮތަށް ބޮޑު ބަދަލުތަކެއް އައެވެ.

ރާއްޖޭގައި ކަރިކިއުލަމް ބައްޓަން ކޮށްފައިވާ އޮންނަނީ ވަރަށް ބޮޑަށް ކުދިންނާއި ގާތުން ކިޔަވައިދޭ ގޮތަކަށެވެ. ޒަމާނުއްސުރެ ކްލާސްރޫމްތަކުގައި ކިޔެވުމާއި ކިޔަވައިދިނުމުގެ ސަގާފަތް އޮތް އިރު ދަރިވަރުން ތިބީ ދުރުންދޭ ތައުލީމާއި އޮންލައިންކޮށް ކިޔަވަން ތައްޔާރު ވެގެނެއް ނޫނެވެެ. އަދި ގެނައި ކުއްލި ބަދަލާއެކު އެތައް ބައިވަރު ގޮންޖެހުންތަކެއް އެކަމުގައި ވެސް ކުރިމަތިވެފައި ވެއެވެ.

މާލޭގައި ދުވަސްވީ އެއް ޕްރީސްކޫލުން މައުލޫމާތު ދެއްވި ޓީޗަރަކު ވިދާޅުވި ގޮތުގައި މި އަހަރުގެ އެކަޑެމިކް އަހަރު ނިމިގެން ދިޔައިރު އެންމެ އުނދަގޫވި ކަމަކީ ކުދިންގެ ފެންވަރު ބަލައި އެ ކުދިންގެ، އެ ގްރޭޑް ނިމޭ އިރު ހާސިލްވާންޖެހޭ ލަނޑުދަނޑި ހާސިލްވެފައި ހުރިތޯ ބަލާށެވެ.

"ޔޫކޭޖީ ނިންމާ ގްރޭޑް އެކަށް ކުދިން ދާއިރު ކުއްޖާގެ ފެންވަރު ނުހުރެދާނެ ކަމުގެ ބިރު އެބައޮތް. ކްލާސްރޫމްތަކުގައި ކިޔަވައިދޭ އިރު ކުއްޖާގައި ފެންވަރު ހުރި ކަމަށް އަޅުގަނޑުމެންނަށް ޔަގީން ކުރެވޭ. ލިޔަން އެނގި ކުދި ބަސްތައް ކިޔާ ޖުމްލަ ހެދޭނެ. އެކަމަކު މި ފަހަރު މި ދިމާވީ ކުއްޖާ ރަނގަޅަށް އެސެސް ނުކުރެވޭ ފަހަރަކަށް. އޮންލައިން ކްލާހުގައި ކިޔަވާދޭ އިރު ހުރިހާ ކުދިންނަށް މި ދޭން ޖެހެނީ އެއް މަސައްކަތެއް،" އޭނާ ވިދާޅުވި އެވެ.

އެހެން ޓީޗަރަކު ވިދާޅުވި ގޮތުގައި ޕްރީސްކޫލް ކްލާހެއްގައި ކުއްޖާގެ ކިބާގައި ހުރި ފެންވަރު ވަޒަންކޮށް މަސައްކަތް ހަވާލުކުރުމެގެ ފުުރުސަތު އޮންނާނެ އެވެ، ބަސް ހަދައު ޖުމްލަ ހެދޭ ފެންވަރުގެ ކުދިންނަށް ދޭނީ އެ މަސައްކަތެވެ.

"ތަސްވީރެއް ދައްކާލާ ޖުމްލަ ހަދަން ބުނާ އިރު އެންމެ ބޭސިކަކީ މިސާލަކަށް ފެށޭ އަކުރު ލިޔަން، ދެން މި އޮންނަނީ ބަސް ލިޔަން ދެން ޖުމްލަ. މިއީ ޓީޗަރުގެ ހާޒިރުގައި ކުއްޖާ ކުރާ މަސައްކަތެއްކަމުން ވަރަށް ބޮޑު ޔަގީންކަމެއް އޮވޭ. މިހާރު އޮތް ގޮތުން ބައެއް ކުދިންގެ ފަރާތުން ފޮނުވާފައިވާ މަސައްކަތްތަކަކީ އަމިއްލަ މަސައްކަތް ކަމުގައި ނުވުމަކީ ވެސް އެކަށީގެންވާ ކަމެއް."

ބައެއް ޓީޗަރުން ފާހަގަ ކުރައްވާ ގޮތުގައި ޕްރީސްކޫލްތަކަށް ބޭނުންވާ އެކަށީގެންވާ އެއްބާރުލުމެއް އެޑިއުކޭޝަން މިނިސްޓްރީއަކުން ނުލިބެ އެވެ.

"މިނިސްޓްރީން އަންގާފައިވާނެ އެެލްކޭޖީން ފެށިގެން މަތީގެ ހުރިހާ ކުދިންނަށް އޮންލައިންކޮށް ކިޔަވައިދިނުން ކުރިއަށް ގެންދަން އެކަމަކު އަޅުގަނޑުމެނަށް ވެސް އަދި އަޅުގަނޑު ވާހަކަ ދެއްކި އެހެން ޕްރީސްކޫލްތަކުގެ ޓީޗަރުން ފާހަގަ ކުރެއްވި ގޮތުން ވެސް އިންޓަނެޓްގެ ހަރަދު ޖެހުނީ އަމިއްލައަށް މެނޭޖް ކުރަން. އިންޓަނެޓް ވީ ވަރަށް ބޮޑު މައްސަލައަކަށް. ސްލޯވުމާއެކު ޑޭޓާއަށް ޑިޕެންޑްވާން ޖެހުމުން ބޮޑު ހަރަދެއް ކިޔަވާ ދިނުމަށް އަމިއްލަ ޖީބުން ކުރަން ޖެހުނީ،"

ޕްރީސްކޫލްގައި ކަނޑައެޅިފައިވާ ފޮތް ބައެއް ޓެކްސް ފޮތްތަކެއް ނުހުރެ އެވެ. އޮންނަނީ ކުޅުމުގެ ތެރެއިން ކުއްޖާއަށް އުނގައްނާދިނުމެވެ. ވަރަށް ބޮޑަށް އޮންނަނީ "ލާން ތުރޫ ޕްލޭ" އަށެވެ. އޮންލައިން ކްލާސްތަކުގައި ޖެހެނީ ކުއްޖާއަށް ކޮންމެވެސް ވީޑިއޯ ދައްކައިގެން އެއިން ދަސްކޮށްދޭށެވެ.

ވޯކްޝީޓްތައް އޮންލައިންކޮށް ފޮނުވައި މަސައްކަތްތައް ނިންމާފައި ކްލާހެއްގެ 25 ކުދިންގެ މަސައްކަތް އަނެއްކާ ފޮޓޯ ނަގުވައިގެން ބަލަންޖެހެ އެވެ. އެއިން ވަރަށް ބޮޑު އެއްޗެއް އިންޓަނެޓަށް ހަރަދު ކުރަން ޖެހެ އެވެ. ވައިފައި ސްލޯނަމަ ޑޭޓާޕެކޭޖްތައް އަމިއްލައަށް ގަންނަން ޖެހެ އެވެ. އެކަމަކު އެޑިއުކޭޝަން މިނިސްޓްރީން ދޭންވާ އެއްބާރުލުން ދިން ނަމަ ރަނގަޅެއްވީހެވެ.

އޮންލައިންކޮށް ކިޔަވާއި ދިނުމަށް އޮންނަ ހުރަސްތައް ފާހަގަކުރަމުން ބެލެނިވެރިޔަކު ބުނި ގޮތުގައި އޮންލައިންކޮށް ކިޔަވާއިރު ބެލެނިވެރިންނާއެކު އޮންނަ ބޮންޑެއް ކުއްޖާ އާއި ޓީޗަރުގެ ނޯވެ އެވެ.

"އޮފީހުގެ މަސައްކަތް ކުރަމުން ގޭގައި ކުދިން ބަލަމުން އަދި ވަކިން އިށީނދެ ކިޔަވައި ދިނުމަކީ ފަސޭހަ ކަމެއް ނޫން،"

ކޮވިޑް-19 އިގެ ބަލީގެ އަސަރު އެކި ގޮތްގޮތަށް ދިރިއުޅުމަށް ކޮށްފައިވާ އިރު ކިޔަވަން ފަސޭހަ މާހައުލެއް ގޭތެރޭގައި ކުދިނަކަށް ނޯވެ އެވެ. އަދި ކުދިން އޮންލައިންކޮށް ކިޔަވަން ހޭނެން ދުވަސް ނެގުމާއި ކުދިންގެ ސަމާލުކަން ފިލާވަޅަށް ގެންދިއުން ވެފައި ވަނީ ވަރަށް ބޮޑު އުނދުގުލަކަށެވެ. ކްލާހުގައި ހުރިހާ ކުދިން ބައިވެރިވެގެން އިންޓަރެކްޓް ވެގެންދާ ގޮތަކަށް ކިޔެވުމެއް ނުދެ އެވެ.

"އިންޓަނެޓް މެދުވެރިކޮށް ބޮޑެތި ކުދިންއަށް ކިޔަވާ ދިނުމަށް ފަސޭހަ ވެދާނެ. އެކަމަކު ޕްރައިމަރީ ސްކޫލްގައި ކިޔަވާ ކުއްޖަކަށް މިއީ ބޮޑު ވަރަށް މަސައްކަތެއް"

ސާނަވީ އަދި މަތީ ސާނަވީ އަހަރުގެ ތައުލީމް ހާސިލް ކުރާ ކުދިންނަަށް ބަލާއިރު ވެސް ސުކޫލްގެ މާހައުލަކީ ކުއްޖާއަށް ގޭތެރޭގެ މާހައުލުން ދުރުވެ އިޖްތިމާއީ ގުޅުން ބަދަހިކޮށް އެކުވެރިކަމާއި ބައިވަރު އެހެން ކަންކަން ދަސްކުރަން ލިބޭ ފުރުސަތެކެވެ. އެހެން ނަމަވެސް އެ ފުރުސަތު ވަނީ މިހާރު ހަނިވެފައެވެ.

މަތީ ސާނަވީ ގްރޭޑަށް ބަލާއިރު މެއި / ޖޫން މަހު އޮންނަ ޖީސީއީ އޭލެވެލްގައި މިއަހަރު ބޮޑެތި މައްސަލަތަކެއް ދިމާވި އެވެ. މިނިސްޓްރީ އިން ހަމައެކަނި މެއި / ޖޫން އިމްތިހާނުތަކުގައި ބައިވެރިވާ ކުދިންއަށް ޓޮޕްޓެން ގައި ބައިވެރިވެވޭ ގޮތަށް އަދި އޮކްޓޯބަރުގައި ބައިވެރިވާނަމަ އެ ފުރުސަތު ނެތް ކަމުގައި ބުނުމާއެކު އިހުތިޖާޖުތަކެއް ކުރިއަށް ދިޔައެވެ. އަދި ޖޫން މަހުގެ އެގްޒެމިނޭޝަން ޕޭޕަރު ލީކްވުމުގެ މައްސަލަތައް މެދުވެރިވެ އަދި އިތުރު ޕޭޕަރު ލީކް ނުވާނެ ކަމުގެ ޔަގީންކަން ދިން އިރު އަނެއްކާވެސް ޕޭޕަރުތައް ލީކްވެ އެންމެ ފަހުން ޖޫން މަހުގެ އޭލެވެލް އިމްތިހާން ކެންސަލްކޮށް އޮކްޓޯބަރަށް ފަސްކުރަން ޖެހުނެވެ.

"ވަރަށް އުފާވި ޖޫން އެގްޒާމް ކެންސަލްވުމުން. ވަރަށް ޑީމޯޓިވޭޓްވި ކުރިން އޮތްގޮތަށް ޓޮޕްޓެންގައި ނުހިމެނޭނެ ވާހަކަ ބުނުމުން. ރަނގަޅު ނަތީޖާއެއް ލިބުނަސް ޓޮޕްޓެންއަށް ކޮލިފައި ނުވުމަކީ ވަރަށް އަންފެއާ ކަމެއްގެ ގޮތުގައި ދެކުނީ. ޕޭޕަރުތައް ލީކްވެ ވަރަށް ބޮޑު ސްޓްރެސް އެއް ލިބުނީ،" އޭލެވެލްއަށް ކިޔަވާ ކުއްޖަކު ބުންޏެވެ. މިއަަަހަރުގެ ދިރާސީ އަހަރަކީ ވަރަށް ގިނަ ތަފާތު އެކި އެކި ގޮންޖެހުންތައް އޮތް އަހަރެކެވެ. ޕްރީސްކޫލް އިން ފެށިގެން އެންމެ މަތީ ގްރޭޑްތަކަށް ކޮވިޑް-19 އިގެ އުނދަގޫ ތަޖުރިބާ ކުރަން ޖެހިފައި ވެއެވެ.