ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދިރާސީ އާ އަހަރު

ބޮޑު ބަދަލާއެކު ތައުލީމީ އާ އަހަރެއް

ވިހިވިހި ވަނަ އަހަރުގެ ދިރާސީ އަހަރު ނިމިގެން ދިޔައީ އެތައް ދަތި އުނދަގޫތަކަކާ އެކު އެވެ. ގިނަ ގޮންޖެހުންތަކާ އެކު އެވެ. މުޅި ދުނިޔެ ހާސްކުރިވި ކޮވިޑް-19 އިގެ ބަލާއާފާތް ރާއްޖެއަށް ކުރިމަތިވީ އަހަރުގެ ފުރަތަމަ ދެ މަސް ނިމި ތިންވަނަ މަހެއް ފެށުނު ތަނާއެވެ. ބަލިމަޑުކަމާއެކު ދިވެހި އިގްތިސާދު އިނދަޖެހުނެވެ. ތައުލީމީ ދާއިރާ ހުއްޓުނެވެ. ނިސްބަތުން އެންމެ ބޮޑު އަސަރެއް ކުރި އެއް ދާއިރާއަކަށް ތައުލީމީ ދާއިރާ ވެގެން ދިޔައެވެ. އަހަރުގެ ހުރިހާ އިމްތިހާނުތަކެއް ހެން ތާރީހުން ކައްސާލާ ފަސްކުރަން ޖެހުނެވެ. އެތައް މަހަކަށް ކިޔެވުން މެދުކެނޑުނެވެ. ފިޒިކަލް ކްލާސްތައް ކުރިއަށް ގެންދިއުމަށް ހުރަސް އެޅި އޮންލައިންކޮށް ކިޔަވަން މަޖުބޫރުވިއެވެ. އެއީ ދިވެހި ތައުލީމީ ދާއިރާ ކުރި މުޅިން އާ ތަޖުރިބާ އެކެވެ. ނަމަވެސް މި ހުރިހާ ކަމެއްގެ ތެރެއިން ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިން ދެއްކީ ނަމޫނާ އެވެ. ކިޔަމަންތެރި ކަމާއި ކެތްތެރިކަމުން މިސާލު ދެއްކިއެވެ.

އާންމު ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނުވި ކޮވިޑް-19 ގެ ބަލާއާފާތާއެކު 2020 ވެގެން ދިޔައީ ތައުލީމީ ދާއިރާއަށް އެހެން ގޮތަކުންވެސް ތަފާތު އަހަރަކެވެ. ދިރާސީ އަހަރުގެ ކިޔެވުން ފެށުމާއި ނިމުން ހަމަޖެހިފައިވާ ތާރީހުތައް ބަދަލުވީއެވެ. އެ ނިންމުން އައީ އެޑިއުކޭޝަން މިނިސްޓްރީން ކުރި އެތައް މަޝްވަރާތަކަކަށް ފަހު އެވެ. އެކަން ނުކޮށް ވާންވެސް ނެތީއެވެ. ކޮވިޑާ ގުޅިގެން މިދިޔަ އަހަރުގެ އޮކްޓޯބަރު / ނޮވެމްބަރުގައި ހަދަން އޮތް އިމްތިހާނުތައް މި އަހަރަށް ފަސްކުރަން ޖެހުނީ އެވެ. އަދި އަހަރު ނިމޭ ދުވަސްކޮޅަކީ ޓޫރިޒަމް ދާއިރާގެ ޕީކު ދުވަސްކޮޅު ކަމުން ދަރިވަރުންގެ ބޮޑު ޗުއްޓީއާ ދިމާކޮށް ޗުއްޓީ ނުލިބޭ ޝަކުވާއަށް ހައްލު ހޯދާދޭން މި ސަރުކާރުން ވީ ވައުދު ފުއްދަންވެސް ޖެހުނީއެވެ. އެހެން ކަމުން މިނިސްޓްރީން ނިންމީ 2020 ގެ ދިރާސީ އަހަރު ނިމި 2021 ގެ ދިރާސީ އަހަރު ފެށުމުން އަހަރުގެ މެދުތެރެއަށް ބަދަލު ކުރުމަށެވެ.

އެހެން ކަމުން މުޅީން އައު ބަދަލާއެކު 2021ގެ ދިރާސީ އަހަރު ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އެކަމަށް ދެން އޮތީ ދެތިން ދުވަހެވެ. އަންނަ އަންގާރަ ދުވަހު ދިރާސީ އައު އަހަރެއްގެ ކިޔެވުން ފަށަނީ މުޅީން އައު އަޒުމަކާ ވަރުގަދަ އުންމީދަކާއެކު އެވެ.

މި އަހަރުގެ ދިރާސީ އަހަރު ފެށުމަށް ތައްޔާރުވަމުންދާއިރު މިއީ މި ގޮތަށް އަހަރުގެ މެދުތެރެއިން ދިރާސީ އަހަރުގެ ކިޔެވުން ފެށޭ ފުރަތަމަ ފަހަރެވެ. ނޮވެންބަރު / ޑިސެންބަރު ގައި ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުންނަށް ލިބޭ ބޮޑު ޗުއްޓީ މިފަހަރު މި ލިބުނީ ޖުލައި /އޮގަސްޓްގައެވެ. އެހެންވީމަ މި ބަދަލަށް މުޅީން ހޭނެން ވަގުތު ނަގާނެ އެވެ. މި ސަރުކާރުގެ ވިސްނުމަކީ މި އަހަރު އަމަލު ކުރަން ފަށާ އުސޫލުން ކުރިއަށް އޮތް އަހަރުތަކުގައިވެސް އަމަލު ކުރަމުން ގެންދިއުމަށެވެ.

މިފެށޭ ދިރާސީ އާ އަހަރުގެ އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގެ މެދުން މިޑްޓާމް ބްރޭކް ލިބޭނީ އޮކްޓޫބަރު 17 ވަނަ ދުވަހުން ފެށިގެން ހަފްތާ އަކަށެވެ. ޑިސެމްބަރު 23 ވަނަ ދުވަހު ފުރަތަމަ ޓާމް ނިމޭއިރު ދެވަނަ ޓާމުގެ ކިޔެވުން ފެށުމަށް ހަމަޖައްސާފައި ވަނީ ޖެނުއަރީ 16، 2022 ގައެވެ.

މި ބަދަލާ އެކީ ދަރިވަރުންނަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެއެވެ. އެގޮތުން ލިބޭނެ އެންމެ ބޮޑު އެއް ފައިދާއަކީ ބައިނަލްއަގްވާމީ ގޮތުން ލިބޭ ފުރުސަތުތައް ދަރިވަރުންނަށް އިތުރުވެގެން ދިއުމެވެ. އެއީ އެ ދުނިޔޭގެ ގިނަ ގައުމުތަކެކޭ އެއްގޮތަށް ދިރާސީ އަހަރުގެ ކިޔެވުން ފެށުމާއި ނިމުން އެއް ގޮތް ކޮށްފައިވުމެވެ.

ދެވަނަ ޓާމުގެ މެދުން މިޑްޓާމް ބްރޭކް ދިނުމަށް ހަމަޖައްސާފައި ވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ ތިންވަނަ ދުވަހުން ފެށިގެން ހަފްތާ އަކަށެވެ. ބޮޑު ޗުއްޓީ ފެށުމަށް ހަމަޖައްސާފައި ވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު އެވެ. އެއް މަސް ދުވަހުގެ ބޮޑު ޗުއްޓީއަކަށް ފަހު 2022 ވަނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖައްސާފައި ވަނީ އޮގަސްޓް ހަތްވަނަ ދުވަހު އެވެ.

މި ފެށޭ ދިރާސީ އާ އަހަރު ތަފާތުވާ އަނެއް ސަބަބަކީ ކޮވިޑްގެ ބޮޑު ބަންދަކުން ނިކުމެ ދަރިވަރުން ސުކޫލުތަކަށް ނިކުންނަން ޖެހުމެވެ. ނިމިދިޔަ އަހަރުގެ ކިޔެވުން ބަރޯސާވެފައި އޮތީ އިންޓަނެޓްގެ ޒަރިއްޔާއިން އޮންލައިން ކޮށެވެ. ކޮމްޕިއުޓަރަށާއި ޓެބްލެޓަށެވެ. ފޮތް ފަންސުރުތައް އެއްފަރާތް ކޮށްލަން ޖެހުނެވެ.

ގޭގައި ތިބެގެން ސުކޫލު މަސައްކަތްތައް ކުރަން ޖެހުމާއި ދަރިވަރުންނާއި ޓީޗަރުން ބައްދަލުނުވެ އެތައް މަހެއް ވޭތުވެގެން ދިޔަ އެވެ. ނަފްސާނީ ގޮތުން ވެސް ބައެއް ކުދިންނަށް އެކަމުގެ އަސަރު ކުރި އެވެ. ހާއްސަކޮށް ދަށް ގްރޭޑްގެ ދަރިވަރުން އެ އަސަރު ބޮޑުވިއެވެ. ކިޔެވުމަށް އެކި ގޮތްގޮތުން ލިބުނު ގެއްލުން ބޮޑެވެ. ހެދިބޮޑުވުމުގައި ކޮންމެހެން ފުރިހަމަވާން ޖެހޭ ބައެއް ކަންކަން ފުރިހަމަ ނުވެ ދިޔައެވެ.

"ކިޔެވުން ހުއްޓި އަދި އޮންލައިން ކްލާސްތަކުގެ ސަބަބުން ބައެއް ކުދިން ކިޔެވުމާ ދުރުކަން ފާހަގަކުރެވުނު. ވޯކް ނިންމައި އޮންލައިންކޮށް ފޮނުވާން އަންގާއިރު ތާރީހު ފަހަނައަޅާ ދާފަހުން ބެލެނިވެރިންނަށް ގުޅައި މެސެޖުކޮށް އާދޭސްކޮށްގެން ވެސް ކުދިންގެ ވޯކް ހޯދިން. ކިޔެވުމާ ދުރުހެން ހީވާ ވަކި ވަކި ކުދިންނަށް ގުޅައިގެން ވާހަކަ ދައްކަން. ކިޔުވުން މަތިން ފޫހިވެފަ ބައެއް ކުދިން ތިބީ. އާ އަހަރު ފަށާއިރު އެފަދަ ކުދިން ބެކް ޓު ނޯމަލް އަށް ގެންނަން އުނދަގޫވެދާނެ،" ގްރޭޑް ތިނަކަށް ކިޔަވައިދޭ ޓީޗަރަކު ބުންޏެވެ.

އާ އަހަރަށް ތައްޔާރުވަމުން ދާއިރު ދެން އޮތީ އެޗްޕީއޭގެ ގައިޑްލައިންތަކެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި މިދިޔަ އަހަރު ބައެއް ގްރޭޑްތަކުގެ ކުދިން ސުކޫލަށް ހާޒިރުކޮށްގެން ކިޔަވައިދިނެވެ. އާ އަހަރުގެ ކިޔެވުން ފަށާއިރު ވެސް ކޮވިޑާ ގުޅިގެން އެޅި ބައެއް ފިޔަވަޅުތައް އަދިވެސް އެ ގޮތުގައި އެބަ އޮތެވެ. އެގޮތުން ދަރިވަރުން ކުލާސް ތަކުގައި ތިބޭއިރު ގައިދުރުކުރުމާއި މާލެ ސަރަހައްދުގައި ސްކޫލުތަކުގެ ކިޔެވުން ފެށޭ ގަޑި އެކި ގުރޭޑްތަކަށް ތަފާތު ވާނެ އެވެ. މީގެ އިތުރުން ހައިރިސްކް ދަރިވަރުން ސްކޫލްގައި އުޅޭ ވަގުތުތަކުގައި މާސްކާއެކު ފޭސް ޝީލްޑް ބޭނުން ކުރަން ވެސް ވަނީ އަންގާފަ އެވެ. އަންނަ މަހުން ފެށެގެން ސުކޫލުތަކަށް ވަދެވޭނީ ވެކްސިން ވެސް ފުރިހަމަކޮށްގެންނެވެ.

ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް އެންމެން ކުރި ގަދަ މަސައްކަތާއެކު މިހާރު އާދެވިފައި މިތިބި ހާލަތުން ދިރާސީ އައު އަހަރެއް މި ދަނީ މުޅީން އައު ފެށުމަކުން ފަށާށެވެ. ކުރިއަށް މި ފެށޭ ދިރާސީ އަހަރު އެކީ ސުކޫލުތަކަށް ހާޒިރުވެ ކިޔެވޭނެ ކަމުގެ އުންމީދު ގައެވެ. އެ އުންމީދު ހާސިލުކުރުމަށް ފިޔަވަޅުތަކުގައި ގަދައަށް ހިފަހައްޓަން ޖެހެއެވެ. ވެކްސިން ޖެހޭ އާބާދީ ވެކްސިން ފުރިހަމަކޮށް ރައްކާތެރިކަން ލިބިގަންނަން ޖެހެއެވެ. އެކަންކަން ކޮށްފިނަމަ 2020 ގެ ހިތި ތަޖުރިބާ މާޒީގެ ތެރެއަށް ދޫކޮށް 2021 ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވޭނެ އެވެ. ހުރިހާ ދަރިވަރުންނަށް އުފާވެރި އަދި ކާމިޔާބު ދިރާާސީ އަހަރަކަށް އެދެމެވެ.