ދިރާސީ އާ އަހަރު

އާ އުއްމީދުތަކަކާ އެކު އާ އަހަރެއް

ދިރާސީ އާ އަހަރުގެ ކިޔެވުން ދަރިވަރުންނާއި ތައުލީމީ ދާއިރާގެ ބޭފުޅުން މިއަދު ފެށީ އާ އުންމީދުތަކަކާއި އާ ހިތްވަރަކާ އެކު އެވެ. ދިރާސީ އާ އަހަރުގެ ފެށުން ރަނގަޅުކޮށް މިއަހަރުވެސް ރަނގަޅު ކާމިޔާބީތަކެއް ހޯދުމަށް އެޑިޔުކޭޝަން މިނިސްޓްރީންވެސް ބުރަ މަސައްކަތްތަކެއް ކުރެ އެވެ. އަމާޒަށް ވާސިލްވުމަށް ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ހޯދުމާއި ވަސީލަތްތައް ގާއިމުކޮށްދިނުން ހިމެނެ އެވެ. މަސައްކަތުގެ ބޮޑު ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ މިއަދު ސްކޫލުތަކަށް ފެށޭއިރު ހުރިހާ ދަރިވަރުންނަށް ފޮތްތައް ލިބޭނެ ކަމަށެވެ. އެކަމަކު މިދިޔަ އަހަރު ކިޔެވި ސްކޫލު ބަދަލުކުރާ ދަރިވަރުންނަށް ބައެއް ފޮތްތައް އަދިވެސް ނުލިބެ އެވެ. އެފަދަ ފޮތްތައް ދަރިވަރުންނަށް ދޫކުރާނީ އެ ކުދިން ވަކިވި ސްކޫލުން ކަމަށް މިނިސްޓްރީން ބުނެ އެވެ.

ދެން އޮތީ ކޮންމެ އަހަރަކުވެސް ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރު ދިމާވާ ޓީޗަރުން ހަމަނުވުމުގެ މައްސަލަ އެވެ. ކިޔެވުން ފެށޭއިރު ސްކޫލުތަކަށް ޓީޗަރުން ހަމަނުވުމަކީ އާންމު ޝަކުވާއެކެވެ. މި މައްސަލަ ހައްލުކުރުމަށް މިނިސްޓްރީން ވަނީ މިއަހަރުގެ ފުރަތަމަ ތިން މަހު ހުރިހާ ސްކޫލެއްގެ އިސްވެރިންނާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުންތަކުގައި ސްކޫލުތަކަށް ޓީޗަރުން ބޭނުންވާ މިންވަރު އޮޅުންފިލުވައި، އަލަށް ހޯދަން ޖެހޭ ޓީޗަރުންނަކީ ކޮބައިތޯ ދެނެގަނެފައިވެ އެވެ. އެގޮތުގެ މަތިން އެކި ސްކޫލުތަކުން 122 ޓީޗަރުން ބޭނުންވާ ކަމަށް ބުނެފައިވެ އެވެ. އެހެން އަހަރުތަކާ ތަފާތުކޮށް މިދިޔަ ޖުލައި މަހުގެ ތިންވަނަ ދުވަހުން ފެށިގެން މިނިސްޓްރީން އައީ ބިދޭސީ ޓީޗަރުން ވެސް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސެކަންޑަރީ ގްރޭޑުތަކަށް ދިވެހި ޓީޗަރުން ހޯދަން ދައްޗެވެ. އެކަމަކު ޖުމްލަ ގޮތެއްގައި ބަލާއިރު ކުރިޔާ ހިލާފަށް މިހާރު ދިވެހި ޓީޗަރުން މަގާމުތަކަށް ކުރިމަތިލާ މިންވަރު ވަނީ ގިނަވެފަ އެވެ. އެއީ ޓީޗަރުންގެ މުސާރައަށް ގެނެވުނު އާ ބަދަލުތަކާއެކު އެވެ. މީގެ ކުރިން ޕްރިންސިޕަލުންނަށް އިއުލާނު ކުރުމުން ވެސް ލިބެނީ ފިނި ތަރުހީބެކެވެ. ދެތިން ހަތަރު ފަހަރަށް ވެސް އިއުލާނުކުރާ ފަހަރު އާދެ އެވެ. އެކަމަކު މިހާރު އެ މަގާމަށް ކުރިމަތިލާ މީހުންގެ އަދަދު ގިނަ އެވެ. ގިނަ މީހުން ޝަރުތު ވެސް ހަމަވެ އެވެ. ޓީޗަރުންގެ މުސާރަ ބޮޑުވުމާއެކު ކުރިން ޓީޗަރުންނަށް އުޅުނު މީހުން ވެސް އަނެއްކާ ކިޔަވައިދިނުމަށް އެނބުރި އައިސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މުސާރައަށް އައި ބަދަލާއެކު ކުރިން ފީލްޑްގައި އުޅޭފަ ދޫކޮށްލާފަ ތިބި މީހުން ވެސް ބެކްޓް ޓު ފީލްޑަށް އަންނަމުން ދަނީ. ރަގަޅު ބަދަލެއް މީ،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އިތުރު ސްކޫލްތަކުގެ މަސައްކަތް ހަލުވި ދުވެލީގައި

އާ އަހަރުގެ ކިޔެވުން ފެށިގެން ދިޔައިރު ސަރުކާރުން އާ ސްކޫލުތަކެއްގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. މި ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ އެކި ސްކޫލުތަކުގައި މިހާތަނަށް 209 މަޝްރޫއުގެ މަސައްކަތް ފަށައިފައިވެ އެވެ. އެންމެ ފާހަގަކޮށްލެވެނީ އަލަށް އާބާދުވަމުން އަންނަ ހުޅުމާލެ ދެވަނަ ފިޔަވައްސެވެ. އެ ސަރަހައްދުގައި ހަތަރު ސްކޫލެއްގެ މަސައްކަތް ކުރަމުން އެބަދެ އެވެ. އެގޮތުން އަހްމަދު ކާމިލް ޕްރައިމަރީ ސްކޫލާއި، ސަލާހުއްދީން ސްކޫލާއި، ޖަމީލް ދީދީ ޕްރީ ސްކޫލް އަދި ނަން ނުކިޔާ ސްކޫލެއްގެ މަސައްކަތް ވެސް ކުރަމުން އެބަދެ އެވެ.

މިނިސްޓްރީ އިން މައުލޫމާތު ދިން ގޮތުގައި އަހުމަދު ކާމިލް ޕްރައިމަރީ ސްކޫލްގެ ކިޔެވުން ފެށޭވަރުވާނީ އަންނަ މަހު އެވެ. އެ ސްކޫލުގައި 12 ކްލާސްރޫމް ހުރެ އެވެ. އެ ސްކޫލުން ޖާގަ ހޯދާފައިވާ ދަރިވަރުން މިވަގުތު ކިޔަވާނީ އެހެން ތިން ސްކޫލެއްގަ އެވެ. އެއީ ގާޒީ ސްކޫލާއި، ރެހެންދި ސްކޫލުގެ އިތުރުން ހުރަވީ ސްކޫލުގަ އެވެ.

"ސަލާހުއްދީން ސްކޫލްގެ ކިޔެވުން މިއަންނަ ޖެނުއަރީ މަހު ފެށޭވަރުވާނެ. އަދި ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ސީއެޗްއެސްސީގެ އާ އިމާރާތް ވެސް ބާރަށް ކުރިއަށް އެބަދޭ. އެތަން މާޗް މަހުން ފެށިގެން ބޭނުންކުރެވޭ ވަރުވާނެ. ދެން ދަރުމަވަންތަ ސްކޫލް ވެސް މިއަހަރުގެ ޑިސެމްބަރަށް ބޭނުން ކުރަން ފެށޭނެ. އަދި އަޅުގަނޑު ފާހަގަކޮށްލަން މިއަހަރުގެ ބަޖެޓުގަ އެބައޮތް ހުޅުމާލޭގަ އިތުރު ހަތަރު ސްކޫލެއް އެޅުމުގެ މަސައްކަތްވެސް،" ޑރ. އައިޝަތު ވިދާޅުވި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި 92،300 އެއްހާ ދަރިވަރުން ކިޔަވަ އެވެ. މިއީ ސަރުކާރު އަދި އަމިއްލަ ސްކޫލްތައް ހިމެނޭހެން ގެނެސްފައިވާ އަދަދެކެވެ. ހަމައެކަނި މާލެ ސަރަހައްދުގެ ސްކޫލުތަކުގެ އެކި ގްރޭޑްތަކަށް ވަނުމަށްވެސް 5،360 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ފޯމު ހުށަހަޅާފަ އެވެ. މީގެ ތެރޭގައި އަތޮޅުތެރެއިން އަންނަ ކުދިންގެ އަދަދު ގިނަ އެވެ. އާންމު ގޮތެއްގައި އަތޮޅު ތެރެއިން އާ އަހަރު ފެށޭއިރު އަންނަނީ 500 އެއްހާ ކުދިންނެވެ. އެކަމަކު މިއަހަރު އެ އަދަދު ވަނީ ދެގުނަވެފަ އެވެ. ޓްރާންސްފާ އަދަދު މިފަހަރު ގިނަވެފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ހިޔާ ފްލެޓްތަކަށް ގިނަ ބަޔަކު ހިޖުރަ ކުރުމާ ގުޅިގެންނެވެ.

ތައުލީމީ ދާއިރާގެ އަޑުތަކަށް ބަލާއިރު ދެން އެންމެ ހިނގާ މައުލޫއަކީ މިސަރުކާރުގެ ނާސްތާ ޕްރޮގްރާމުގެ ސިޔާސަތެވެ. މިއަހަރުގެ ދިރާސީ އާ އަހަރާ އެކު އެ ސިޔާސަތަށް ވަނީ ބަދަލެއް ގެނެސްފަ އެވެ. ކުރިން އެއްވެސް ހިފެހެއްޓުމެއް ނެތި އޮތް ބަޖެޓަކުން ނާސްތާ ޕްރޮގްރާމަށް ހަރަދުކޮށްގެން ކޮންމެ ކުއްޖަކަށް ވެސް ނާސްތާ ދިޔައީ ދެމުންނެވެ. އެކަމަކު މިއަހަރު ނާސްތާ ދޭން ނިންމާފައިވަނީ ކޮންމެހެން ބޭނުންވާ ދަރިވަރުންނަށެވެ. ސަރުކާރުން ހަރަދު ކުޑަކުރަން މަސައްކަތް ކުރަމުން ގެންދާތީ ނާސްތާ ޕްރޮގްރާމު ވެސް ގޮތަކަށް ހަމަޖައްސާލީ އެވެ.

ދިރާސީ އާ އަހަރު ފަށާފައިވާތީ ނަތީޖާ ނެރެވުނު މިންވަރެއް ވަޒަންކުރެވޭނީ އަހަރު ނިމުމުންނެވެ. ދެން އޮތީ އެކަމަށް އިންތިޒާރުކުރުމެވެ. ނަތީޖާ ލިބެން ދެން ނަތީޖާ ރަނގަޅުވާނެ ކަމަށް އުއްމީދުކުރުމެވެ.