ދިރާސީ އާ އަހަރު ފަށަން ތައްޔާރުވަމުން އަންނައިރު ބޭނުންވާ ވަރަށް ޓީޗަރުން ހަމަވެފައިވާ ކަމަށާއި ކިޔެވުން ފަށާއިރު ދަރިވަރުންނަށް ފިލާވަޅުތައް ނުގެއްލޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ދިރާސީ އާ އަހަރާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ކިޔެވުން ފެށޭއިރު އެއްވެސް ސުކޫލެއްގައި ކިޔެވުން ނުހުއްޓޭނެ ކަމަށާއި 10 ވަނަ ދުވަހު ހުރިހާ ސުކޫލެއްގައި ކިޔަވައިދޭނެ ކަމަށެވެ. އަދިވެސް ޓީޗަރުން އިތުރުކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށާއި ޓީޗަރަކު ނެތިގެން އެއްވެސް ދަރިވަރެއްގެ ކިޔެވުން ނުހުއްޓޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ދިރާސީ އާ އަހަރު ރާއްޖޭގައި ކިޔަވައިދޭން އަންނަ ބިދޭސީ ޓީޗަރުން ވެކްސިން ފުރިހަމަކޮށްފައިވީ ނަމަވެސް ބިދޭސީ ޓީޗަރުން ފަސް ދުވަހުގެ ކަރަންޓީނު ވާން ޖެހޭނެ ކަމަށެވެ. ކަރަންޓީނުގައި ތިބޭ މުއްދަތުގައި ބިދޭސީ ޓީޗަރުން އޮންލައިންކޮށް ކިޔަވައިދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ދަރިވަރުންގެ ކިޔެވުމަށް ބޭނުންވާ ފޮތްތައް މި އަހަރު ދެނީ ދެ ގޮތަކަށެވެ. އެއީ ޑިޖިޓަލް ފޮތްތާއި ހާޑް ކޮޕީ ފޮތްތަކެވެ. ގްރޭޑް ނުވައަކާއި ގުރޭޑް 11 އިގެ ދަރިވަރުންނަށް މިފަހަރު ކިވައިދޭނީ ޑިޖިޓަލް ފޮތް ބަޔަކުންނެވެ.
މިނިސްޓަރު ވިދާޅުވީ ގިނަ ދަރިވަރުންނަށް މިހާރު ފޮތްތައް ހަވާލުކޮށްފައިވާނެ ކަމަށާއި ހާޑްކޮޕީ ނުދެވޭ ދަރިވަރުންނަށް ސޮފްޓް ކޮޕީ ދީފައިވާނެ ކަމަށެވެ.
"ފޮތްތައް ފޮނުވުމުގެ މަސައްކަތް ވަރަށް ދުރާލާ ރާވައިގެން ގިނަ ފޮތްތަކެއް މިހާރު ވަނީ ދަރިވަރުންނަށް ދެވިފަ. ހާޑްކޮޕީ ފޯރުނުކޮށްދެވޭ ކުދިންނަށް އަޅުގަނޑުމެން ވާނީ ސޮފްޓްކޮޕީ ފޯރުކޮށްދީފަ. އެހެންވީމަ އެއްވެސް ގޮތަކުން ކިޔެވުން ކުރިއަށް ގެންދަން ދައްޗަކާ ދިމައެއް ނުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު މިފަހަރު ރާއްޖޭގެ ބޮޑު ބައެއްގައި ކިޔެވުން ކުރިއަށް ގެންދާނީ ދަރިވަރުން ސުކޫލަށް ހާޒިރުކޮށްގެންނެވެ. މޮނީޓަރިންގައި އޮތް ރަށްތަކުގައި ކިޔަވައިދޭނެ ގޮތަކާއި މެދު އެރަށެއްގެ ޓާސްކްފޯހުން ގޮތްތަކެއް ނިންމާނެ ކަމަށާއި އެފަދަ ރަށްތަކުގައި ކުދިން ހާޒިރުކޮށްގެން ކިޔަވައިދެވޭ ނަމަ ކިޔަވައިދޭނީ ކުދިން ހާޒިރުކޮށްގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. ހާލަތު މާ ގޯސް ރަށްރަށުގައި ކިޔަވައިދޭނީ އޮންލައިންކޮށެވެ.
މިފަހަރު ކިޔަވައިދޭނީ އާންމު ހާލަތުގައި ސެޝަންތައް ނަގައިދޭ ދިގުމިނަށެވެ. މާލެ ސަރަހައްދުގައި ސުކޫލްތަކުގެ ވެކްސިން ޕްރޮގްރާމް ނިމެންދެން ފުރަތަމަ ދެ ހަފްތާ ކިޔަވައިދޭނީ އެކި ގަޑިގަޑިއަށް ކުދިން ހާޒިރުކޮށްގެންނެވެ.