މިނިސްޓްރީ އޮފް އެޑިއުކޭޝަން

193 ބިދޭސީ ޓީޗަރުން ނަގައިފި

އަންނަ އޯގަސްޓު މަހުގައި ފަށާ ދިރާސީ އާ އަހަރަށް 193 ބިދޭސީ ޓީޗަރުން ނަގައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ އަހުމަދު އަލީ މިއަދު އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ދިރާސީ އާ އަހަރަށް ވާންޖެހޭ ގިނަ ތައްޔާރީތައް ވެފައިވާއިރު ދަރިވަރުންނަށް ބޭނުންވާ ފޮތް ބައި މިހާރު ބަހާ ނިންމާފައި ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ސްކޫލުތަކަށް ބޭނުންވާ ޓީޗަރުން ހޯދަން މަސައްކަތް ކުރާ ކަމަށާއި ޓީޗަރުން ބޭނުން ވެގެން އެދިފައިވާ ސްކޫލުތަކަށް ހުއްދަ ދީފައިވާއިރު ދިވެހި ޓީޗަރުން ގިނަ ކުރަން ދިވެހި ޓީޗަރުން ހޯދަން ވެސް އިއުލާނު ކޮށްފައިވާނެ ކަމަށެވެ.

ބައެއް މާއްދާތަކަށް ދިވެހި ޓީޗަރުން ނުލިބޭ ކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ އެ މަގާމުތައް ފުރަން 193 ބިދޭސީ ޓީޗަރުން ރެކުރޫޓް ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ޓީޗަރުން ނިސްބަތްވާ ގައުމުތަކުގެ ތަފްސީއެއް ނުދެ އެވެ.

ދިރާސީ އާ އަހަރު ފެށޭ އިރުގައި ސްކޫލްތަކުގައި ކޮންމެހެން ކުރަން ޖެހޭ މަރާމާތުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށާއި ސްކޫލްތައް ހުޅުވާލާއިރު ދަރިވަރުންނަށް ރައްކާތެރި ދުޅަހެޔޮ މާހައުލެއްގައު ކިޔެވުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮވިޑްގެ ސަބަބުން ރާއްޖޭގެ ސްކޫލުތައް ބަންދުކޮށް ގިނަ ދަރިވަރުނަށް ކިޔަވައިދެމުން ގެންދަނީ އެންލައިން ކޮށެވެ. ދަރިވަރުންގެ ކިޔެވުމުގެ ޕާފޯމެންސް ވަނީ ކޮވިޑް އާއި ގުޅިގެން ވަރަށް ދަށްވެފަ އެވެ.