ދެހާސް އެކާވީސް ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން މާދަމާ ފެށޭނެ އެވެ. އެތައް ގޮންޖެހުންތަކާއެކު ނިމިގެންދިޔަ 2020 ވަނަ އަހަރުގެ ދިރާސީ އަހަރު މާޒީގެ ތެރެއަށް ދޫކޮށް ދަރިވަރުން މާދަމާ ސުކޫލުތަކަށް ނިކުންނާނީ މުޅީން އައު އަޒުމަކާއެކުއެވެ. މިދިޔަ އަހަރުގެ ގިނަ ދުވަސްތައް ސުކޫލަށް ހާޒިރުނުވެ ހޭދަކުރަަން ޖެހުމުން ކުދީންނަށް ލިބުނު ގެއްލުން އިންތިހާ ބޮޑެވެ. ނަފްސާނީ ގޮތުންނާއި އެ ނޫން ގޮތްގޮތުންވެސް ކުދިންނަށް އެތައް އަސަރެއް ކޮށްފައިވެއެވެ. އެހެންވީމަ ސުކޫލުތަކަށް ހާޒިރުވެ ކިޔެވޭނެ ގޮތްވުމަކީ ހުރިހާ ދަރިވަރުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ތައްޔާރުވަމުންދާއިރު އެޑިއުކޭޝަން މިނިސްޓްރީގެ އެންމެ ފަހުގެ ތައްޔާރީތައް ހިއްސާކުރުމަށް އިއްޔެ ވަނީ ނޫސްވެރިންގެ ބައްދަލްވުމެއް ބާއްވާފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ބޭނުންވާ ވަރަށް ޓީޗަރުން ހަމަވެއްޖެ އެވެ. ދަރިވަރުންނަށް ފިލާވަޅުތައް ނުގެއްލޭނެ ގޮތަށް އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ. އަދި އެއްވެސް ސުކޫލެއްގައި ކިޔެވުން ނުހުއްޓޭނެ އެވެ.
ދަރިވަރުންގެ ކިޔެވުމަށް ބޭނުންވާ ފޮތްތައް މި އަހަރު ދެނީ ދެ ގޮތަކަށެވެ. އެއީ ޑިޖިޓަލް ފޮތްތާއި ހާޑް ކޮޕީ ފޮތްތަކެވެ. ގްރޭޑް ނުވައަކާއި ގުރޭޑް 11 އިގެ ދަރިވަރުންނަށް މިފަހަރު ކިވައިދޭނީ ޑިޖިޓަލް ފޮތް ބަޔަކުންނެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ގިނަ ދަރިވަރުންނަށް މިހާރު ފޮތްތައް ވަނީ ހަވާލުކޮށްފައެވެ. ހާޑްކޮޕީ ނުދެވޭ ދަރިވަރުންނަށް ސޮފްޓް ކޮޕީ ދީފައިވާ ކަމަށެވެ.
"ފޮތްތައް ފޮނުވުމުގެ މަސައްކަތް ވަރަށް ދުރާލާ ރާވައިގެން ގިނަ ފޮތްތަކެއް މިހާރު ވަނީ ދަރިވަރުންނަށް ދެވިފަ. ހާޑްކޮޕީ ފޯރުނުކޮށްދެވޭ ކުދިންނަށް އަޅުގަނޑުމެން ވާނީ ސޮފްޓްކޮޕީ ފޯރުކޮށްދީފަ. އެހެންވީމަ އެއްވެސް ގޮތަކުން ކިޔެވުން ކުރިއަށް ގެންދަން ދައްޗަކާ ދިމައެއް ނުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް އަވަސްއިން ވާހަކަ ދެއްކި ސުކޫލުތަކުގެ ޕްރިންސިޕަލުން މިނިސްޓަރުގެ މި ވާހަކަތައް ދޮގުކުރެއެވެ. މެދު އަތޮޅުތަކަށް ނިސްބަތްވާ ބޮޑު ރަށެއްގެ ސުކޫލެއްގެ ޕްރިންސިޕަލަކު ވިދާޅުވި ގޮތުގައި ދިރާސީ އައު އަހަރު ފެށޭއިރު ދަރިވަރުންގެ ސުކޫލު ފޮތްތައް ހަމައެއް ނުވެއެވެ. އަދި އެކަން އޮތީ މިނިސްޓަރު އެ ވިދާޅުވާ ގޮތަކަށް ނޫނެވެ.
އެ ސުކޫލުގެ ދަރިވަރުންގެ ތެރެއިން ގުރޭޑް އެކެއްގެ ދަރިވަރުންނަށް ލިބިފައިވަނީ ހަތަރު ފޮތެވެ. ދިވެހި މާއްދާ އާއި އިސްލާމް އަދި ގުރުއާން އޮތީ ޑިޖިޓަލްކޮށެވެ. ނަމަވެސް އެހެން ގުރޭޑްތައް ހިމެނޭހެން ބައެއް މާއްދާތަކުގެ ފޮތްތައް އަދި ނުލިބެއެވެ.
"މީގެ ކުރީން މިފަދަ މައްސަލަތަކެއް ދިމާވެފައެއް ނެތް. މިފަހަރު ފޮތްތައް މި ފޮނުވީ 'ކޮށާރު ޕޯޓަލް' މެދުވެރިކޮށް އަޅުގަނޑުމެން ފޮނުވި ގޮތަށް ކަމަށް ބުނި ނަމަވެސް އަޅުގަނޑު ފޮނުވި އަދަދަށް ފޮތެއް ނުލިބޭ. ދުރާލާ ފޮނުވައިގެންވެސް ދަރިވަރުންނަށް ބޭނުންވާ މިންވަރަށް ފޮތް ނުލިބޭ. މިނިސްޓަރު ވިދާޅުވި ނަމަވެސް ދިރާސީ އަހަރުގެ ކިޔެވުން މި ފެށުނީ ދަރިވަރުންނަށް ހުރިހާ ފޮތްތައް ނުލިބި،" ޕްރިންސިޕަލަކު ވިދާޅުވިއެވެ.
މީގެ އިތުރުން ބައެއް ސުކޫލުތަކަށް ޓީޗަރުންވެސް ހަމަ ނުވާ ކަން ޕްރިސިޕަލުން ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑަކަށް ނޭންގެ ޓީޗަރުން ހަމަވެއްޖެ ކަމަށް މިނިސްޓަރު އެ ވިދާޅުވަނީ ކިހިނެތްކަން. ޔަގީނުންވެސް މި ސުކޫލަށް ޓީޗަރުން ހަމައެއް ނުވޭ. މާދަމާ ސުކޫލުތައް ހުޅުވޭއިރު ހުރިހާ މާއްދާތައް ކިޔަވައިދޭން މި ސުކޫލުގައި ޓީޗަރުން ނެތް. ބައެއް މާއްދާތައް އެ މާއްދާތަކަށް ހާއްސަ ނޫން ޓީޗަރުން ކިޔަވައިދޭ ގޮތަށް އޮތީ،"
ސުކޫލުތަކުގެ ކިޔެވުން ފެށޭއިރު ގުރޭޑް 1 ،2 އަދި 3 ގެ ދަރިވަރުންގެ އަތުގައި ޓެބްލެޓެއް ނެތެވެ. އެ ގުރޭޑްގެ ތިން މާއްދާއެއް އޮތީ ޑިޖިޓަލްކޮށެވެ. ކުރީންވެސް ދޭ އުސޫލުން ދިރާގާއި އުރީދޫން ކުދިންނަށް ޑޭޓާ ފޯރުކޮށް ދިން ނަމަވެސް ޑޭޓާ ފޯރުކޮށްދޭ އުސޫލާއިމެދު ބެލެނިވެރިންގެ ޝަކުވާ އަބަދުވެސް އޮވެއެވެ.
ބެލެނިވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ އެކަމަށް ބޮޑު ހަރަދެއް ކުރަން ޖެހުމެވެ. ފޯރުކޮށްދޭ ކަމަށް ބުނާ ޑޭޓާގެ ބަދަލުގައި ބެލެނިވެރިންގެ އަތުން ބޮޑު އަދަދެއް ހަރަދުކުރަން ޖެހުމެވެ.
"ބެލެނިވެރިންގެ ވަރަށް ބޮޑު ޝަކުވާއެއް އެ މީހުންގެ ފޯނުން ޑޭޓާ ހުސްވާކަމުގެ ޝަކުވާއަކީ. ހަމައެކަނި ބެލެނިވެރިންނެއް ނޫން ޓީޗަރުންގެވެސް ވަަރަށް ބޮޑު ޝަކުވާއެއް. އެޑިއުކޭޝަނުން ބުނި ނަމަވެސް އެ ފޯރުކޮށްދޭ ޑޭޓާއިން ލިބޭ ފައިދާއެއް ނެތް. މިދިޔަ ދިގު ބަންދުގެ ތެރޭގައިވެސް ޓީޗަރުންގެ މަސައްކަތް އެ ކުރީ އަމިއްލަ ޑޭޓާގައި،" ކުރީން އަތޮޅު މަދަރުސާއެއްގެ ޕްރިންސިޕަލް ކުރެއްވި އަދި މިހާރު މާލޭގެ ސުކޫލެއްގެ ޕްރިންސިޕަލަކަށް ހުންނެވި ބޭފުޅަކު ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިހާރު ދަނީ ޑިޖިޓަލްކޮށް ޕްލެޓްފޯމެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެކަން ސުކޫލުތަކަށް މިހާރު ވަނީ ރަސްމީކޮށް އަންގާފައެވެ.
އަދި ޓީޗަރުން އަހުލުވެރި ކުުރުމުގެ މަސައްކަތް މިއަދު ފަށާނެ އެވެ. ނަމަވެސް އެކަމަށް މާދަމާއާ ހަމައަށް މުޅީން ތައްޔާރުވެވޭނެ ކަމާމެދު ބައެއް ޕްރިސިޕަލުން ސުވާލު އުފައްދައެވެ.
"އަޅުގަނޑުގެ ވާހަކައަކީ ދުރާލާ ތައްޔާރުވީނަމަ މިއަދު އެއް ނޫން ދެއްތޯ އެ ވިދާޅުވާ ޑިޖިޓަލް ޕްލެޓްފޯމަށް ޓީޗަރުން އަހުލުވެރި ކުރުވާނީ. އަޅުގަނޑަށް ދެންނެވޭނީ ދިރާސީ އަހަރަށް ތައްޔާރުވުން މިދިޔައީ ސުމަކުން ކަމަށް،"
އައު އަހަރު ފެށުމުގެ ކުރީން ކޮންމެ އަހަރަކުވެސް ސުކޫލުތައް މަރާމާތު ކުރެއެވެ. ކޮންމެ އަހަރަކުވެސް ކޮންމެހެން ކުރަންޖެހޭ ބައެއް މަރާމާތުތައް ހުރެއެވެ.
ނަމަވެސް މިއަހަރުގެ ދިރާސީ އަހަރު ފެށެނީ ސުކޫލުތަކަށް ކޮންމެހެން ބޭނުންވާ މަރާމާތު ނެތިއެވެ. ވަރަށް ގިނަ ސުކޫލުތަކުން ވަނީ މަރާމާތަށް ބޭނުންވެ އެކަމުގެ ހުއްދައަށް އެޑިއުކޭޝަންގައި އެދިފައެވެ. އެކަމަކު ސުކޫލުތަކަށް އެ ހުއްދަ އެޑިއުކޭޝަނުން ދީފައެއް ނުވެއެވެ.
ބައެއް ޕްރިންސިޕަލުން ފާހަގަކުރި ގޮތުގައި އެންމެ ބޮޑު ކަންބޮޑުވުމަކީ އެޑިއުކޭޝަން މިނިސްޓްރީއާ މުއާމަލާތް ކުރުމުގައި ހުރި އުނދަގޫތަކެވެ. ކޮންމެހެން އަންގަން ޖެހޭ ކަންކަން ވަގުތުގައި ނޭންގުމެވެ. ބައެއް ކަންކަން ސުކޫލުތަކުގެ ވެރިންނަށް އެނގެނީ މީޑިއާއިންނެވެ.
މިފަދަ އެތައް ސަބަބަކާއެކު މިއަހަރުގެ ދިރާސީ އަހަރަށް އެޑިއުކޭޝަނުން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ބުނަން އުނދަގުލެވެ. ސުކޫލުތަކުގެ ވެރިންގެ ބަހަކީ އެއީ އެވެ. ނަމަވެސް އެ ތައްޔާރީތައް ނެތިވެސް މާދަމާ ސުކޫލުތަކަށް ޓީޗަރުންނާއި ދަރިވަރުން ނިކުންނާނީ ވަރުގަދަ އަޒުމަކާއެކު އެވެ. އެހާމެ ބޮޑު އުންމީދަކާއެކު އެވެ. އެއީ ކޮވިޑްގެ ހާލަތު އިތުރަށް ގޯސްނުވެ ސުކޫލުތަކަށް ހާޒިރުވެ ކިޔެވުމުގެ ފުރުސަތު ލިބޭނެ ކަމަށް އުންމީދު ކުރަމުންނެވެ.