ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ސްކޫލްތައް ހުޅުވަނީ، އަނެއްކާ ބޮޑު ނުރައްކަލަކަށް

ފުރަތަމަ ޓާމު ޗުއްޓީއަށްފަހު މާދަމާ އަކީ ސްކޫލްތައް ހުޅުވޭ ދުވަހެވެ. ދެވަނަ ޓާމުގެ ކިޔެވުން ފެށެން ކައިރިވެފައި ވަނިކޮށް
ކޮވިޑް-19 ގެ ބަލި ފެތުރުން އަވަސްވެ ހާލަތު ގޯސްވެދާނެ ކަމުގެ ބިރު ވަނީ ހީވާން ފަށާފައެވެ. ރާއްޖޭގައި ކޮވިޑްގެ އާ ވޭރިއަންޓް، އޮމިކްރޯން ދަނީ ފެތުރެމުންނެވެ. ކޭސްތައް މައްޗަށް ގޮސް، އިތުރު ފިޔަވަޅުތައް އަޅާނަމަ އެކަމުން އެންމެ ބޮޑަށް އަސަރު ކުރާނީ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށެވެ. މީގެ ކުރިން ވެސް ސްކޫލްތައް ބަންދުކޮށްގެން އަދި އޮންލައިންކޮށް ކިޔަވަން ޖެހުމުގެ ސަބަބުން ވަރަށް ބޮޑެތި ތަކުލީފުތަކަކާ އެ ދަރިވަރުންނަށް ކުރިމަތިވި އެވެ. ކިޔަވައިދިނުމުގައި ޓީޗަރުންނަަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވިއެވެ. މިއަދުވެސް އެ ހާލަތު ތަކުރާރު ވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހާހަކާ ގާތް ކުރެއެވެ.

ކޮވިޑްގެ އާ ވޭރިއެންޓް އޮމިކްރޯންގައި ފެންނަމުންދާ ކޭސްތައް ކުރީގެ ވޭރިއަންޓް، ޑެލްޓާ އަށް ވުރެ މާބޮޑަށް ވެސް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. އޮމިކްރޯންގެ ކޭސްތައް މުޅި ރާއްޖެއަށް ފެތުރިގެންދާނެ ކަމުގެ އިންޒާރު އެޗްޕީއޭ އިންވެސް ވަނީ ދީފަ އެވެ. އޮމިކްރޯންގެ ކޭސްތައް އެއް ދުވަހާއި ތިން ދުވަހާއި ދެމެދުގެ މުއްދަތެއްގައި ދެގުނަ ވެގެންދާނެ ކަމުގެ އިންޒާރު ވެސް އޮތީ ދީފަ އެވެ. އެހެންކަމުން ޔަގީނަށްވެސް ބޯމަތީގައި އޮތީ މިދިޔަ އަހަރުގެ މޭ މަހު އައި ކޮވިޑްގެ ނުރައްކާތެރި ވިލާގަނޑަށް ވުރެވެސް ނުރައްކާ ހާލަތެއްކަން އަންދާޒާ ކޮށްލެވެ އެވެ.

ފުރަތަމަ ޓާމް ނިމި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވަރަށް ގިނަ ބަޔަކު ރަށްރަށުން މާލެ އައެވެ. ޗުއްޓީއާ ދިމާކޮށް، ޑޮކްޓަރަށް ދެއްކުން ފަދަ އަސާސީ ހިދުމަތްތައް ހޯދަން އަބަދުވެސް ގިނަ ބަޔަކު އަތޮޅުތެރެއިން މާލެ އާދެ އެވެ. މިދިޔަ އަހަރު ކޮވިޑްގެ ހާލަތު ވަރަށް ގޯސްވުމަށްފަހު ނިއުނޯލަމްގައި އޮތުމުން އޭރު އެޅި ވަރުގަދަ ފިޔަވަޅުތައް ލުއިކުރި އެވެ. ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ތިބި މީހުންނަށް ހާއްސަ ލުއިތަކެއް ވެސް ލިބިގެން ދިޔަ އެވެ. އެޔާއެކު މި ޗުއްޓީގައި ސްކޫލް ބަންދުވުމާ ގުޅިގެން އެތައް ދުވަހަކު ބަންދުގައި ތިބުމަށް ފަހު ގިނަ ބަޔަކު މާލެ އައީ އެވެ. އެކަމަކު ކިޔެވުން ފެށެން ވަރަށް ކުޑަތަން ވެފައި ވަނިކޮށް، މިދިޔަ ހަފްތާ ތެރޭގައި މަޑުމަޑުން ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށި އެވެ. އެޔަށްފަހު މި ދެތިން ދުވަހު 500 އިން މައްޗަށް ޕޮޒިޓިވިޓީ ރޭޓް ދިޔައީ އެވެ. އެ ރޭޓް ފަސް ޕަސެންޓަށްވުރެ މަތި ވެއްޖެ ނަމަ އެރަށަކުން ފުރާއިރު 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ޓެސްޓެއް އޮންނަން ޖެހެ އެވެ. ވެކްސިން ނުޖަހާނަމަ ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށްވުރެ މަތި ރަށަކުން ދިއުމަށްފަހު ކަރަންޓީނު މުއްދަތު ފުރިހަމަކުރުމަށްފަހު ޓެސްޓް ހަދަން ޖެހޭ ގޮތަށް އެޗްޕީއޭ އިން ވަނީ ފިޔަވަޅު އަޅައިފަ އެވެ. އިއްޔެގެ ޕޮޒިޓިވް ނަންބަރު 900 އިން މަތީގައި ހުރިއިރު މާލޭގެ ޕޮޒިޓިވް ރޭޓް ވަނީ 12 ޕަސެންޓަށް އަރާފައެވެ.

ހާލަތު ގޯސްވެ ސްކޫލް ކުދިންނަށާއި މުވައްޒަފުންނަށް ވެސް ހާއްސަ އުސޫލުތަކެއް އެޗްޕީއޭއިން އޮތީ ކަނޑައަޅައިފަ އެވެ. އެގޮތުން ރާއްޖެއިން ބޭރުން އަންނަ މީހުންނަށް ސްކޫލަށް ނިކުމެވޭނީ ރާއްޖެ އަންނަތާ ތިން ދުވަހާއި ފަސް ދުވަހުގެ ތެރޭގައި ޓެސްޓް ހެދުމަށްފަހު ނެގެޓިވް ނަތީޖާއަކާ އެކީ އެވެ. މޮނީޓަރިންގައި އޮތް ރަށަކުން އައުމަށްފަހު ވެސް މި އުސޫލުން އަމަލުކުރަން ޖެހެ އެވެ. އަނެއްކޮޅުން އެޑިއުކޭޝަން މިނިސްޓްރީއިން މިހާރު ވަނީ ގްރޭޑް އެކަކުން ފެށިގެން އަށެއްގެ ދަރިވަރުން ހަފްތާއަކު ދެ ދުވަހު ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދިނުމަށް އަންގައިފަ އެވެ. އެކަމަކު އެގޮތަށް ނިންމާފައި ވަނީ މި ފެށޭ ހަފްތާ އެކަންޏެވެ.

ސްކޫލް ކުދިންގެ ވެކްސިން ޕްރޮގްރާމްގެ ދަށުން 90 ޕަސެންޓް ދަރިވަރުން މިހާރު ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ. ސުކޫލް ދަރިވަރުންގެ ތެރެއިން ވެކްސިން ޖަހައި ދެމުން އަންނަނީ 12 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ. އެ ކުދިންނަށް ޖަހައި ދެނީ ފައިޒާ ވެކްސިނެވެ. ސުކޫލް ކުދިންގެ ވެކްސިން ޕްރޮގްރާމް ފަށައިފައިވަނީ މިދިޔަ އަހަރު އޮގަސްޓް މަހުގެ 15 ވަނަ ދުވަހު އެވެ. އެ ޕްރޮގްރާމް ވަރަށް ކާމިޔާބެވެ. ކުދިންގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޗްޕީއޭ އާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއިން އަންނަނީ ކުރަމުންނެވެ.

ބެލެނިވެރިން އެދެނީ ކުރީގެ ހާލަތަށް ނުދިއުމަށް

އެޗްޕީއޭ އިން ދީފައިވާ އިންޒާރުތަކާ ގުޅިގެން އެންމެ ބޮޑަށް ކަންބޮޑުވެފައި ތިބީ ބެލެނިވެރިންނެވެ. ކުރީ ފަހަރު ހެން ކުދިންގެ ކިޔެވުން ހުއްޓި ނުވަތަ އޮންލައިން ކްލާސްތަކެއް ބާއްވަން ޖެހެއްޖެނަމަ ކުދިންގެ ކިޔެވުމަށް އަސަރުކުރާނެތީ އެވެ. ސްކްރީން ކުރިމަތީގައި އެތައް ގަޑިއިރެއްވާން ދެން ކުދިން ތިބެން ޖެހޭނެތީ އެވެ. ޓީޗަރާއި އެކުގައި ކިޔަވާ، އެހެން ކުދިންނާ ބައްދަލުނުވާނެތީ އެވެ. ކުދިންގެ އުޅުމަށް ބަދަލު އައިސް، ނަފްސާނީ ގޮތުން ކުދިންނަށް އަސަރުކޮށްފާނެތީ އެވެ.

"ސްކޫލަކީ ހަމައެކަނި އިލްމު އުނގެނެންދާ ތަނެއް ނޫން. އެހެން ކުދިންނާ ގުޅިގެން އުޅުމާއި މީހުންނާ ބައްދަލުވެ، ވާހަކަދައްކާ މިކަހަލަ ކަންކަން ވެސް ދަސްވާނީ ކުދިން ސްކޫލަށް ފޮނުވައިގެން. އަޅުގަނޑުގެ ދަރިފުޅު އުޅެނީ ގްރޭޑް ދޭއްގައި. މި އޭޖަކީ އެހެން ކުދިންނާ ގުޅިގެން އެކީގަ އުޅެ ވަރަށް މަޖާކޮށް އުޅެން ޖެހޭ އޭޖެއް. އެހެންވީމަ އަޅުގަނޑު ނޭދެން ސްކްރީން ކުރިމަތީ އެހެން އެކަނި ކިޔަވާށޭ ކިޔާފަ ބައިންދާކަށް. ސްކޫލަށް ފޮނުވަން ބޭނުންވަނީ. އެކަމަކު މި ބުނީ ކޮވިޑްގެ ހާލަތު ގޯސްކޮށް އޮއްވައި އެއްގޮތަކަށް ވެސް ފޮނުވަން ބޭނުންވެޔެކޭ ނޫން،" ޖަމާލުއްދީން ސްކޫލްގައި ކިޔަވާ ދަރިވަރެއްގެ ބެލެނިވެރިޔަކު ބުންޏެވެ.

އެހެން ބެލެނިވެރިޔަކު ބުނި ގޮތުގައި ގޭގައި ބަންދުވެގެން ތިބި ދުވަސްކޮޅު އޭނާގެ ކުދީންގެ އުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައެވެ. ދުވަހުގެ ފެށުމާއި ޝެޑިއުލް މުޅިންހެން ބަދަލުވުމާއި ގުޅިގެން ހެނދުނު ކުރިން ހޭލުމާއި، ފިލާވަޅުތައް ހަދާ ވަގުތާއި ކިޔަވާ ވަގުތުތަކަށް ވެސް ބޮޑު ބަދަލެއް ގެންނަން ޖެހުނެވެ. އުމުރުން ހަތް އަހަރުގެ ކުއްޖަކާއި 10 އަހަރުގެ ކުއްޖެއް ހުންނައިރު އެކުދިންގެ މުޅި ދުވަސް ތަރުތީބުވާހެން ރާވައިލައިފައި ހުންނަ ކަމަށް އޭނާ ކިޔައިދިނެވެ. އެކަމަކު ސްކޫލްތައް ބަންދުކުރުމާއި ގުޅިގެން މި ޝެޑިއުލްއަށް ބަދަލު ގެނެސް، ފޮތްތަކާއި ކިޔެވުމާއި ކުދިން ވަރަށް ބޮޑަށް ދުރުވި އެވެ.

"އަޅުގަނޑު ބޭނުންވަނީ ކުރިން ވެސް ދިޔަ ގޮތަށް އެޗްޕީއޭގެ ގައިޑްލައިންތަކާ އެކީ ކުދިން ސްކޫލަށް ފޮނުވަން. ހާލަތު ގޯސްވެ ކުދިން ގޮވައިގެން ގޭގައި ބަންދުވެގެން ހުންނާކަށް ބޭނުމެއް ނޫން. އެކަމަކު އެފަދަ ހާލަތެއް އައިސްފިނަމަ ދެން ޖެހޭނީ މަޑުކުރަން ދެއްތޯ،" އެ ބެލެނިވެރިޔާ ބުންޏެވެ.

ހުރިހާ ކޮޅަކުން ނުރައްކާ

ކޮވިޑްގެ ނުރައްކާ ބޮޑުވެދާނެ ކަމަށް ހީވެފައިވާ މި ދަނޑިވަޅުގައި ކުދިން ސްކޫލަށް ފޮނުވުމަކީ އެހާ ރައްކާތެރިކަމެއް ކަމަކަށް ގިނަ ބަޔަކު ނުދެކެ އެވެ. އެކުދިން ސްކޫލަށް ފޮނުވަން ކިތަންމެ ބޭނުން ނަމަވެސް، ނުރައްކާ އޮތުމުން ފަސް ޖެހޭބބެލެނިވެރިން ގިނަ އެވެ. އެއް މާހައުލެއްގައި ދަރިވަރުން ގިނަ ވަގުތުތަކެއް ހޭދަ ކުރަން ޖެހުމަކީ ބަލި ފެތުރުމުގެ ރިސްކު ވަރަށް ބޮޑު ކަމެކެވެ.

"އަޅުގަނޑު ނޭދެން އަޅުގަނޑުގެ ދަރިފުޅު އަބަދު ގޭގަ ހުންނާކަށް. އެކަމަކު އެހާ ބައިވަރު ކުދިންތަކެއް ތެރެއަށް ފޮނުވަން ވެސް ފަސްޖެހޭ،" މި ހާލަތުގައި ދަރިވަރުން ސުކޫލަށް ފޮނުވަން ޖެހިލުންވާ ބެލެނިވެރިޔަކު ބުންޏެވެ.

ދަރިވަރުން ސްކޫލަށް ފޮނުވައިގެން ބަލި ޖެހުމުގެ ރިސްކް އޮތްއިރު، ގޭގައި ބަންދުވެގެން ލިބޭ ގެއްލުން ވެސް އެހާ ބޮޑެވެ. ކްލާހަކުން ކުއްޖަކު ޕޮޒިޓިވްވެއްޖެ ނަމަ މުޅި އެ ކްލާސް ކަރަންޓީނު ކުރާން ޖެހޭނެ އެެވެ. ބަލީގެ ރިސްކް އެހާ ބޮޑެވެ. އަނެއްކޮޅުން އެކުދިން ގޭގައި ތިބެ ކިޔަވަަން ޖެހިއްޖެ ނަމަ އެއީވެސް އޮތް ރަގަޅެއް ނޫނެވެ. ސްކްރީން ކުރިމަތީ ހޭދަކުރަން ޖެހޭ ވަގުތު ގިނަވެ، ސިއްހީ ގޮތުން ވެސް އެތައް ގެއްލުންތަކެއް ދަރިވަރުންނަަށް ލިބިގެންދާނެ އެވެ. އަމިއްލަ ނަފްސް އެހެން މީހުންނާ އެކަހެރިކޮށް، އެހެން ކުދިންނާ ބީރައްޓެހިވެގެން ހިނގައިދާނެ އެވެ. އެއްކޮޅަކުން ވެސް މިކަމުގައި ކޮޅެއް ނުފެންނާތީ އެވެ.