ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް އެޑިއުކޭޝަން

ސުކޫލު މުވައްޒިފުން ވެކްސިން ފުރިހަމަ ކުރަން އަންގައިފި

Jul 26, 2021

މި އަހަރުގެ ދިރާސީ އަހަރު ފެށުމުގެ ކުރީން ސުކޫލު މުވައްޒިފުން ކޮވިޑް-19 އިން ދިފާއުވުމަށް ޖަަހަން ޖެހޭ ވެކްސިން ފުރިހަމަ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ހުރިހާ ސުކޫލުތަކަށް އަންގައިފި އެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ފެބްއަރީ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭގައި ވެކްސިން ޕްރަގްރާމް ދަނީ ހިންގަމުންނެވެ. ނަމަވެސް އަދިވެސް ވެކްސިންގެ ދެ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައިނުވާ މީހުން އެބަތިއްބެވެ. އީދު ބަންދަށް މިދުވަސްވަރު މާލެ ސަރަހައްދުގައި ވެކްސިން ޖެހުން ވަނީ މެދުކަނޑާވެސް ލާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސުކޫލުތަކަށް ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އޮގަސްޓް މަހު 2021 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު ހުރިހާ މުވައްޒިފުންވެސް ވެކްސިން ފުރިހަަމަ ކޮށްގެން ތިބުމަށެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ މީހުންނާއި ދެވަނަ ޑޯޒް ޖުހަތާ ތިބި މުވައްޒިފުންނަށް ފަސޭހަ އިންތިޒާމެއްގެ ތެރެއިން ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަަމަށްވެސް ބުނެފައިވެއެވެ. އަދި އެ މަޝްވަރާތައް އެޗްޕީއޭއާއެކު ކޮށްފައިވާ ކަމަށް އެޑިއުކޭޝަން ވަނީ ބުނެފައެވެ.

މީގެ އިތުރުން ވެކްސިން ނުޖެހޭ މުވައްޒިފުން އެކަން ސަބަބާއެކު ބަޔާންކޮށް އެޑިއުކޭޝަނަށް ހުށައެޅުމަށް ވަނީ އަންގާފައެވެ. އެ ގޮތުން ވެކްސިން ނުޖެހޭ ސަބަބު ބަޔާންކުރާ އެޗްޕީއޭގެ ލިޔުމެއް ހުށައަޅަން ޖެހެއެވެ. މާބަނޑު މީހުންނާއި ބައެއް އެެހެން ސަބަބުތަކާއި ގުޅިގެންވެސް ވެކްސިން ޖެހުން ފަސް ކުރަން ޖެހެއެވެ. ނަމަވެސް ފައިޒާ ވެކްސިން މާބަނޑު މީހުންނަށް ދެއެވެ. އެ ބްރޭންޑްގެ ރާއްޖޭގައި ހުރީ މަދު އަދަދެއްގެ ވެކްސިނެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެންމެ ބޮޑަށް އަސަރުކޮށްފައިވާ އެއް ދާއިރާއަކީ ތައުލީމީ ދާއިރާއެވެ. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭ އެތައް މަސްތަކެއް ހޭދަވީ ސުކޫލުތައް ބަންދުގެ ހާލަތުގައެވެ.