ރިޕޯޓް

ސްކޫލަށް ނުކުންނަން ކުރި ވިޔަފާރި ވަރަށް މަތި!

Jan 8, 2017
2

ދިރާސީ އާ އަހަރުގެ ކިޔެވުނު މި ފެށުނީ އެވެ. ކިޔެވުން ފެށުނުއިރު މިއީ ހަމަ ޔަގީނުންވެސް އެންމެ ބޮޑު ހަރަދެއް ކުރާ ދުވަސް ވަރަށް ވާނެ އެވެ. އެކަން ފިހާރަތަކަށް ވިޔަފާރިވީވަރުން ވެސް އެނގެ އެވެ. ވަކިން ހާއްސަކޮށް ރެއަކީ މިފަހުގެ ތާރީހުގައި ފިހާރަތަކުން އެންމެ ވިޔަފާރިވީ އެއް ރެއަށްވާނެ އެވެ. ސްކޫލަށް ފޮނުވަންކުރި ވިޔަފާރީގެ އަގު އުޅެނީ ވަރަށް މަތީގަ އެވެ. މިއާއެކު ފިހާރަތަކުގެ ވިޔަފާރި ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފަ އެވެ.

"ވިޔަފާރި ވަރަށް ބޮޑުތައް ރަނގަޅު. ހާއްސަކޮށް މިދިޔަ [ޑިސެމްބަރު] މަހު ވަރަށް ރަނގަޅު ވިޔަފާރި. މިހާރު ވެސް ވަރަށް ބޮޑުތަން ރަނގަޅު،" ސްކޫލަށް ބޭނުންވާ ސާމާނު ރާއްޖޭގައި އެންމެ ފުޅާކޮށް ކުރާ "ޝޫލައިން" ފިހާރަތަކުގެ ވެރިޔާ ޝާކިރު އަބްދުﷲ ވިދާޅުވި އެވެ.

ދިރާސީއާ އަހަރުގެ ކިޔެވުން މިއަދު ފެށި އެންމެ ބޮޑަށް ފިހާރަތަކުން ވިކިފައިވަނީ ސްކޫލަށް ދާން ކުދިން ބޭނުންކުރާ ސާމާނެވެ. މިގޮތުން ސްކޫލް ބޫޓާއި ސްކޫލް ދަބަސް އަދި އިންޓަވަލް ހަން ހިމެނެ އެވެ. އަދި ޔުނީފޯމު ފަހާ ތަންތަނުގެ ވިޔަފާރި ވެސް އުޅެނީ ވަރަށް މަތީގަ އެވެ.

ސްކޫލް ހުޅުވާތީ ރޭ ވަނީ ގިނަ ބަޔަކު ވިޔަފާރިކޮށްފަ އެވެ. މަޖީދީމަގުގެ ގިނަ ފިހާރަތަކުގެ ކުރިމަތީގައި ޕާކު ކުރަންވެސް ދަތިވާ ވަރަށް މީހުން ގިނަ އެވެ.

ސްކޫލް ކުދިނަށް ބޭނުންވާ ސާމާނު ވިއްކާ އެހެން ފިހާރައެއް ކަމަވާ އެމިޒޮންގެ ވެރިޔާ، އަހުމަދު ވަސީމް ވިދާޅުވި ގޮތުގައި މި ދުވަސްވަރު ވިޔަފާރި ރަނގަޅެވެ. ގިނައިން ވިކެނީ ސްކޫލް ކުދިންނަށް ބޭނުންވާ ސާމާނެވެ.

މާލޭގައި ފަސް ފިހާރަ ހިންގާ ޝޫލައިން ފިހާރައިގެ ވެރިޔާ، ޝާކިރު ވިދާޅުވި ގޮތުގައި އެހެން ދުވަސްތަކާ ބަލާއިރު، މިހާރު ދުވާލެއްގެ މައްޗަށް ލައްކައެއްހާ ރުފިޔާގެ ވިޔަފާރި އިތުރަށް ކުރެވެ އެވެ.

"މިދިޔަ އަހަރާ އަޅާބަލާއިރު ދުވާލަކު ލައްކައެއްހާ ރުފިޔާ އިތުރު. އެހެންވެ ބުނެވޭނީ ވިޔަފާރި ވަރަށް ރަނގަޅު ކަމަށް،" ޝާކިރު ވިދާޅުވި އެވެ.

ފިހާރަތަކުގެ އިތުރުން، ބުކްޝޮޕްތަކަށް ވެސް ރެއަކީ އެންމެ ބާރުބޮޑު އެއް ރެއަށްވާނެ އެވެ. މާލޭގެ ބޮޑެތި ބުކްޝޮޕްތައް ކަމަށްވާ ނޮވެލްޓީ އާއި އަޝްރަފީ އަދި ރައުންޑް ވަން ފަދަ ބުކްޝޮޕްތައް އޮތީ ފުރިފަ އެވެ. ސަރުކާރުން ސަބްސިޑައިޒް ކޮށްގެން ވައުޗަރު ދީގެން ފޮތް ދޫކުރި ނަމަވެސް އެންމެ ފަހު ވަގުތަށް ބޭނުންވާ ކުދި ސާމާނު ހޯދަން ގިނަ ބަޔަކު ވަނީ ގޮސްފަ އެވެ.

ނޮވެލްޓީގެ މާކެޓިން މެނޭޖަރު އިރުފާން އިސްމާއީލް ވިދާޅުވި ގޮތުގައި އެ ބުކްޝޮޕުން ވެސް މި އަހަރު އެންމެ ފެންވަރު ރަނގަޅު ސްޓޭޝަނަރީ އާއި ފޮތް ވިއްކި އެވެ.

"އަޅުގަނޑުމެން މި އަހަރުވެސް މި ވިއްކީ އެންމެ ފެންވަރު ރަނގަޅު ސާމާނު. ހާއްސަކޮށް ފޮތާއި ސްޓޭޝަނަރީ ވެސް ފެންވަރު ރަނގަޅު. އެހެންވެ މި އަހަރުވެސް ވަރަށް ވިޔަފާރި ރަނގަޅު،" އިރުފާނު ވިދާޅުވި އެވެ.

ގިނަ ފިހާރަތަކުން ބުނާ ގޮތުގައި އެވްރެޖު ގޮތެއްގައި މީހަކު 600ރ. އާއި 1،000ރ. އާ ދެމެދުގެ ވިޔަފާރިއެއް ކުރެ އެވެ.

ކުރިން ވާހަކަ ދެއްކި ޝޫލައިންގެ ވެރިޔާ ޝާކިރު ވިދާޅުވީ އެ ކުންފުނީގެ ފިހާރަތަކުން އާއްމު ގޮތެއްގައި މީހަކު 800ރ. އާއި 1،000ރ. ގެ ވިޔަފާރި ކުރާ ކަމަށެވެ.

"ސްކޫލް ދަބަސް ވަަރަށް ގިނައިން ވިކޭ. އަޅުގަނޑުމެން މި ވިއްކާ ހުރިހާ އެއްޗިއްސަކީވެސް ފެންވަރު ރަނގަޅު އެއްޗިހި. އެހެންވެ އާއްމުންގެ ފަރާތުން ވަރަށް ރަނގަޅު ތަރުހީބެއް ލިިބޭ،" ޝާކިރު ވިދާޅުވި އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުނީ އެވެ. ކިޔެވުން ފެށިއިރު، ވިޔަފާރިތައް ތިބީ އުފަލުން ފޮޅިފަ އެވެ.ސަބަބަކީ އެ ތަންތަނުން މިފަހަރުވެސް ކުރި ވިޔަފާރި ރަނގަޅުވުމެވެ.