ކޮވިޑް-19 ގައި އިތުރު ދިވެއްސަކު މިއަދު މަރުވެއްޖެ އެވެ.
އެޗްޕީއޭއިން ދެންމެ ބުނީ މިއަދު ހެނދުނު 9:34 އެހާ ކަންހާއިރު އުމުރުން 41 އަހަރުގެ އަންހެނަކު ކޮވިޑް ބަލީގައި މަރުވެފައިވާ ކަމަށެވެ. އޭނާއަކީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންދިޔަ މީހެއް ކަމަށެވެ. އޭނާ މަރުވުމުން ކޮވިޑްގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 24 އަށް އެރީ އެވެ. އޭގެ ތެރޭގައި ބިދޭސީންގެ ފަސް މީހަކު ވެސް ހިމެނެ އެވެ.
އިތުރު މީހަކު މަރުވި އިރު ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް ރިކޯޑް މިންވަރަކަށް އުފުލިފައިވާތާ މަހެއްހާ ދުވަސް ވެއްޖެ އެވެ. މިހާރު ވެސް އައިސޮލޭޝަނާއި ކަރަންޓީނުގައި ތިބި މީހުންގެ އިތުރުން ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން 146 މީހަކު ހޮސްޕިޓަލްތަކުގައި އެބަތިއްބެވެ.
ކޮވިޑްގެ ބަލި މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރަންޖެހޭ މީހުން އެޑްމިޓް ކުރަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އިތުުރުން ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް) އެވެ. އެ ހޮސްޕިޓަލްގެ ދެ ފްލޯއެއް ވަނީ ކޮވިޑަށް ހާއްސަކޮށްފަ އެވެ. އެގޮތުން ޑީއެޗްގެ 11 ވަނަ ބުރީގައި ތިބެނީ ކޮވިޑްގެ އެންމެ ހާލު ބޮޑު ބަލި މީހުނެވެ. އެ ފްލޯގައި ގާއިމްކޮށްފައި ވަނީ އައިސީޔޫއެކެވެ. ޑީއެޗްގެ 16 ވަނަ ބުރީގައި ތިބެނީ ކޮވިޑްޖެހޭ މާބަނޑު މީހުނެވެ.
ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އެންމެ ފަހުންގެ އަދަދަކީ 5,909 އެވެ. އޭގެ ތެރެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 3488 އެވެ.