ވޮޝިންގްޓަން (އޯގަސްޓް 20) - ރިއާލިޓީ ޝޯއެއް ގޮތަށް ވެރިކަން ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެ، އެމެރިކާގެ ކުރީގެ ރައީސް ބެރެކް އޮބާމާ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅު ވެއްޖެ އެވެ.
މިހާރު ކުރިއަށްދާ ހަތަރު ދުވަހުގެ ޑިމޮކްރެޓިކް ކޮންވެންޝަންގައި އޮބާމާ ވިދާޅުވީ ރައީސް ކަމުގެ ޒިންމާ އަދާކުރައްވައި، އެއްވެސް ކަމެއްގައި ބައިބައިވުން ނުއުފެދޭ ގޮތަށް އަމަލު ކުރައްވަން ޓްރަމްޕް ބޭނުންފުޅު ވެސް ނުވާ ކަމަށެވެ.
"އެމެރިކާގެ ރައީސަކަށް ލިބިވަޑައިގަންނަވާ ބާރުގެ ބޭނުން ހިއްޕަވައިގެން އެހެން ބައަކަށް މަންފާއެއް ހޯއްދަވައި ދެއްވަން މަސައްކަތް ކުރައްވާތަނެއް ނުފެނޭ. އެ ބާރުގެ ބޭނުން ހިއްޕަވަނީ އަމިއްލަ ފައިދާ އަށާއި، ހަމައެކަނި އެމަނިކުފާނުގެ ރަހުމަތްތެރިންގެ މަންފާއަށް،" އޮބާމާ ވިދާޅުވި އެވެ.
އޮބާމާ އިތުރަށް ވިދާޅުވި ގޮތުގައި، ޓްރަމްޕްގެ ވެރިކަމުގައި ދުނިޔޭގައި އެމެރިކާއަށް އޮންނަ އިހުތިރާމް ކުޑަވެފައިވާ ކަމަށާއި، އެމެރިކާގެ ޑިމޮކްރެޓިކް މުއައްސާސަތައް ވެސް ނުރައްކަލެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށެވެ. އެގޮތުން، އޮބާމާ ވަނީ އެމަނިކުފާނުގެ ނައިބު ރައީސް އަދި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑަން އަށް ވޯޓު ދެއްވުމަށް ގޮވާލައްވައިފަ އެވެ.
އޮބާމާގެ ވާހަކަފުޅާ ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ އެމަނިކުފާނަށް ވެރިކަމަށް ވަޑައިގެންނެވުނީ އޮބާމާ ސަރުކާރުގެ ނާގާބިލު ކަމުން ކަމަށެވެ.
"ރައީސް އޮބާމާގެ ޒިންމާތައް ރަނގަޅަށް އަދާ ނުކުރައްވާ. އަޅުގަނޑު މިއަދު މި މަގާމުގައި މިހުރީ ރައީސް އޮބާމާ އާއި ނައިބު ރައީސް ބައިޑެންގެ ނާގާބިލު ކަމުން،" އޮބާމާއަށް ރައްދު ދެއްވަމުން ޓްރަމްޕް ވިދާޅުވި އެވެ.
ޑިމޮކްރެޓިކް ކޮންވެންޝަންގެ ތިން ވަނަ ރޭ ބައިޑެންގެ ރަނިން މޭޓުގެ ޓިކެޓް ކަމަލާ ހެރިސްއާ ވަނީ ރަސްމީކޮށް ހަވާލު ކުރައްވައިފަ އެވެ. އަދި ކޮވިޑް-19 އާ ގުޅިގެން މައިގަނޑު ގޮތެއްގައި އޮންލައިންކޮށް ކުރިއަށް ގެންދާ ކޮންވެންޝަންހެ ފަހު ރޭ، ބައިޑެން ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ.