ދުނިޔެ

އޮބާމާއަށް ހެއްދެވުނު އެންމެ ބޮޑު ގޯހަކީ ކޮބައިތޯ ޓްރަމް އެއްސެވި

ޑޮނަލްޑް ޓްރަމްޕް 2017 ވަނަ އަހަރު އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެން އޯވަލް އޮފީހުގައި ބާރަކް އޮބާމާއާ ބަައްދަލު ކުރައްވައި، އޮބާމާއަށް ހެއްދެވުނު އެންމެ ބޮޑު ގޯހަކީ ކޮބައިތޯ ސުވާލު ކުރެއްވި ކަމަށް އަލަށް ނެރެން ތައްޔާރު ކޮށްފައި އޮތް ފޮތެއްގައި ބުނެފައިވާ ކަމަށް ޚަބަރުތައް ބުނެފި އެވެ. އެ ފޮތުގެ ނަމަކީ "ޕެރިލް" އެވެ.

ޕެރިލްގައި ބުނެފައިވާ ގޮތުން އެ ސުވާލަށް ދެއްވާނެ ޖަވާބެއް އޮބާމާއަށް އެނގިވަޑައި ނުގެންނެވި އެވެ. އޮބާމާ ވިދާޅުވި ކަމަށް ވަނީ "އަޅުގަނޑުގެ ހަނދާނަކަށް ނާދޭ އެފަދަ އެއްވެސް ކަމެއް" އެވެ.

އޮބާމާގެ ފަރާތުން އެ ސުވާލަށް ވަކި ޖަވާބެއް ހޯއްދެވުމަށް ޓްރަމްޕް އިތުރު މަސައްކަތެއް ނުކުރައްވައި މައުލޫ ބަދަލު ކުރެއްވި ކަމަށް ވެސް ފޮތުގައި ވެއެވެ. ޓްރަމްޕް އެއްސެވި ކަމަށް ވަނީ "މަނިކުފާނު އާންމުކޮށް ދުއްވާ ކާރަކީ މިއީތޯ؟" އެވެ. ޓްރަމްޕް މި ސުވާލު ކުރެއްވި ކަމަށް ވަނީ ވައިޓް ހައުސްއިން ނުކުމެ ވަޑައިގެން ކެޕިޓަލްއަށް ވަޑައިގެންނެވި މަގުމަތީގައި ކަމަށް ވެސް ފޮތުގައި ވެއެވެ.

އެމެރިކާގައި ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ޓްރަމްޕް ފާހަގަ ކުރެވިފައި ވަނީ ވިދާޅުވާން ބޭނުންފުޅުވެއްޖެ ނަމަ އޭނާ ހުންނެވި ތަނެއް ނުބައްލަވައި އެއެއްޗެއް ވިދާޅުވާ ބޭފުޅަކަށެވެ. ޓްރަމްޕަކީ ސުވާލު ކުރެއްވުމާއި އިންކާރު ކުރެއްވުމުގައި ވެސް އެއްވެސް މީހެއްގެ މޫނަށް ކަނދުރާއަށް ބައްލަވާ ބޭފުޅެއް ނޫނެވެ.

ދުނިޔޭގެ މަޝްހޫރު ނޫސްތަކުން ޓްރަމްޕް އަބަދުވެސް ސުރުހީ ހޯއްދަވަ އެވެ. އެ ވަގުތަކު ހިތްޕުޅަށް އަރާވަޑައިގެންނެވި އެއްޗެއް ހަމަ ވަގުތުން ޓްވީޓް ކުރައްވަ އެވެ.