އިހަވަންދޫ

ހައެއްކަ ޒުވާނުންގެ އިސްނެގުމެއް: ސުމަކުން ރީތި މައިޒާނަކަށް!

ހއ. އިހަވަންދޫން: ފަތުހުﷲ އަހުމަދު
Aug 21, 2020
7

ދުނިޔެ ހުއްޓުވާފައިވާ ކޮވިޑްގެ ބަލާއާފާތުގައި ރާއްޖެ ބަނދެވިފައިވާއިރު އަތޮޅުތަކުން ކޮވިޑްގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވި އެއް ރަށަކަށްވީ އުތުރުގެ މިރަށް، ހއ. އިހަވަންދޫ އެވެ. ރާއްޖޭގެ އެންމެ އުތުރަށް ކޮވިޑްގެ ވައިރަސް ފުރަތަމަ ދަތުރުކުރީ މި ރަށުގެ "ކާވިޔާ" ބޯޓުންނެވެ. އެހެންވެ 14 ދުވަހަށް މިރަށް ލޮކްޑައުންކޮށް މީހަކަށް ގެއިން ބޭރަށް ނުނިކުމެވި އުޅެން ޖެހުނެވެ. އެ ދަތީގެ ތެރޭގައި ވެސް މި ރަށުގެ ހައެއްކަ ޒުވާނަކު އިސްވެ އުޅުނީ ރަށު ތަރައްގީއަށް ދިގު ފިޔަވަޅެއް އަޅައި ދެވޭތޯ އެވެ.

އެންމެ ފުރަތަމަ ވެސް އާދައިގެ މަތީން ބައްދަލުވެލައި ވާހަކަ ދައްކާލަން ކޮފީއަކަށް އެރި އެވެ. ނަމަވެސް، ކޮފީގައި ތިބެ ދެކެވުނު ވާހަކައިން ކުރި ފަޅައި އިޖުތިމާއީ ރޫހުގައި ފެށުނު ވާހަކަތައްވީ އުފެއްދުންތެރި ހިޔާލަކަށެވެ. ކޮވިޑް އޮތަސް، ނެތަސް މިރަށުގެ މިސްކިތްމަގަށް ނިސްބަތްވާ ހައެއްކަ ޒުވާނުންނަށް ބުރަވެވުނީ ރަށަށް ކޮށްދޭ ކަމެއްގެ ގޮތުގައި، ރަށުގެ އިރު އުތުރު ފަރާތު އަތިރިމަތީން ގޮނޑަކަށް ވެފައިވާ މިސްކިތްމަގު ސާފުކޮށް ރީތި މައިޒާނެއް ތަރައްގީ ކުރާށެވެ. ކޮފީއެއްގައި ދެކެވުނު ވާހަކައިން ފެށި އެ މަސައްކަތުގައި ރީއްޗަށް ކުލަޖައްސައި ނިންމައިގެން މިރޭ "މިސްކިތްމަގު މައިޒާން" ދިއްލައި ހުޅުވާލާނެ އެވެ. -- ކޮވިޑް ދިއުމުން އަންނާށެވެ. މިއީ ހުޅުވާލެވިފައިވާ ދައުވަތެކެވެ.

"ސީދާ އެދުވަހު އެ ހިޔާލު ހިފައިގެން ކައުންސިލަށް ގޮސް، އަމަލީ މަސައްކަތް ފަށަން ކޮފީގައި ތިބެ ވާހަކަދެކެވުނީ. އެ ކޮފީ ނިންމައިލައިފަ އަޅުގަނޑުމެންގެ 'ކޮފަލި ޓީމު' -- ޒުވާނުން ނިސްބަތްވާ ފުޓުބޯޅަ ޓީމެއް -- ގެ ބައިވެރިންނާ ބައްދަލުކޮށް ހިޔާލު ހޯދުމަށް ފަހު ކައުންސިލްގެ ބައްދަލުވުމަކަށް އެދުނީ. އެ ބައްދަލުވުމަށް ދާންވާއިރަށް ރަފްކޮށް ކުރެހުމެއް ހިފައިގެން ދިޔައީ." މި މަސައްކަތުގައި އިސްކޮށް ހަރަކާތެރިވި މުޙައްމަދު މާއިޒު 20، ބުންޏެވެ.

މާއިޒު ބުނި ގޮތުގައި ކައުންސިލުން އެދުނީ މަސައްކަތް ކުރިއަށްދާއިރު ޒިންމާވާނެ ބައެއް ދެއްކުމަށެވެ. އެހެންވެ މާއިޒުއާއެކު ކުރިޔަށް ނުކުތީ އަލީ ރީހާނާއި އިސްލާމާއިލް ހައްމާޒާއި މޫސާ ސައްމާހާއި ހުސައިން ޒަކީގެ އިތުރުން މުޙައްމަދު މާދިހެވެ. މުޅީން ވެސް 25 އަހަރުން ދަށުގެ ޒުވާނުންނެވެ. އެންމެންގެ އެވްރެޖު އުމުރަކީ ވިއްސެވެ.

ހިތްވަރު ގަދަ ހަތް ޒުވާނުން ކުރިޔަށް ނުކުމެ ފެށީ ރަށަށް މައިޒާނެއް ތަރައްގީ ކޮށްދިނުމުގެ މަސައްކަތެވެ. އެ މީހުންގެ ފަހަތުން އާއިލާތަކާއި ހިސާބުގަނޑުގެ އެންމެން މަސައްކަތުގެ އެއްކޮޅުގައި ހިފި އެވެ. ރަށު ކައުންސިލާއި ރަށު ފެނަކަ އާއި ރަށުގައި ގާއިމުވެ ތިބޭ ފުލުހުންނާ އެ ޒުވާނުންގެ ފަހަތުގައި ތިއްބެވެ. ކުރީން ގޮނޑެއް ގޮތަށް އޮތް ސަރަހައްދު އެންމެންގެ އެހީއާއެކު ސާފުކޮށްލައި ރަށާއި، އެންމެން ހިތް އުފާވާނެ ފަދަ ސަރަހައްދަކަށް ބަދަލުކޮށްލުމުގައި މި ރަށުގެ އަންހެނުންނާއި ޒުވާނުންނާއި ކުދީން ވެސް ހައެއްކަ ޒުވާނުންނާއެކުގައި ނުކުތެވެ.

ކޮވިޑްގެ ސަބަބުން އެ ޒުވާނުންގެ މަސައްކަތްތައް މެދު ކަނޑައިލަން ވެސް ޖެހުނެވެ. ބޮޑު އީދާއެކު ކޮވިޑްގެ ދެވަނަ ރާޅެއްގައި މި ރަށުން ފަސް މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ރަށް މޮނިޓަރިންއަށް ގެންދިއުމުން ވެސް މަސައްކަތުން އަތް ދޫކޮށްލާން ޖެހުނެވެ.

"އެންމެ ބޮޑު ގޮންޖެހުމެއް މިއައީ ކޮވިޑްގެ ސަބަބުން. ދެ ފަހަރު މިރަށް ލޮކުޑައުން ކުރުމުން. މާސްކު އަޅައިގެން މަސައްކަތުގައި އުޅެން ޖެހުމުން. އެކަމާ ގުޅިގެން ފައިސާގެ ދަތިކަން ވެސް ކުރިމަތިވި... އަސްލު އެއްވެސް ބަޖެޓެއް އޮވެގެންނެއް ވެސް ނޫން ފެށީ. ދުރައިލާ ފައިސާ ހޯދައިގެން ބޮޑު ބަޖެޓެއް ހިފައިގެންނެއް ވެސް ނޫން މަސައްކަތަށް ނުކުތީ. އަޅުގަނޑުމެން ރަށުގެ އިސްފަރާތްތަކާއި ބައެއް ވިޔަފާރިވެރިންނާ ގުޅައިލުމުން އެހީވެދެއްވާނެ ކަމަށް ވިދާޅުވި. ނަމަވެސް ކޮވިޑްގެ ސަބަބުން ވިޔަފާރިތަކަށް އަސަރު ކުރުމުން ލިބޭނެ ކަމަށް ހިސާބުޖެހި އަދަދަށް ފައިސާއެއް ނުލިބުނު." މާއިޒު ބުންޏެވެ.

ގޮންޖެހުންތަކާއެކު އުނދަގޫ ދުވަސްތަކެއް ގުނަމުން، މައިޒާން ތަރައްގީކޮށް ނިންމާލި އިރު، ދަތުރު ގޮސް މޫދަށް އެރިލައި ހިތްހަމަ ޖައްސާލަން ފަހި މައިޒާނެއްގެ ގޮތުގައި "މިސްކިތްމަގު މައިޒާން" ވަނީ ފުރިހަމައަށް ތަރައްގީ ކޮށްފަ އެވެ. ބާބެކިޔު ސްޓޭންޑްތަކާއި މޫދު އުނދޯލީގެ އިތުރުން މޫދަށް އެރުމަށްފަހު ފެންވެރޭނެ އިންތިޒާމުތަކާއި އަވި ކުޑަތަކާއި ކުޑަކުދިން ކުޅޭނެ ޕާކެއް ވެސް ހިމެނޭ ގޮތަށް މުޅި މައިޒާންވަނީ ރީތިކޮށްލައިފައެވެ. ފޫހިފިލުވާލާއި ވައި ޖައްސާލުމަށް ޖޯލިފަތިތަކާއި ހެއްލާ އުނދޯލިން މުޅި ސަރަހައްދު ޒީނަތްކޮށްދީފައި ވެއެވެ. ތިމާވެށްޓާ ރަހުމަތެރިކޮށެވެ. މައިޒާން ހުޅުވާލި ނަމަވެސް އަދިވެސް ޒުވާނުންގެ ޕްލޭންތައް އެބަހުއްޓެވެ.

"އަދިވެސް އިތުރު ކަންކަން މިތަނުގައި ތަރައްގީކުރެވޭތޯ ބަލާނަން. ކުރިއަށް އޮތްތަނުގައި އައުޓްޑޯ ޖިމެއްގެ ކޮންޕޯނަންޓްތައް ގާއިމު ކުރެވޭތޯ އެބަ މަސައްކަތްކުރަން." ޒުވާނުންގެ ތެރޭގައި ހިމެނޭ އަހުޝަމް ބުންޏެވެ. "މިތަން ބަލަހައްޓާނީ ސީދާ އަޅުގަނޑުމެން. އަޅުގަނޑުމެން އެދެނީ މި ތަން ހުޅުވިގެން ބޭނުންކުރާ ފަރާތްތަކުން ވެސް ހެދިފައިވާ އުސޫލުތަކަށް ބޯލެނބުން. ފަރުދީ ޒިންމާ އަދާކުރުން. މި ތަނުގެ ބޭނުން ހެޔޮގޮތުގައި ހިފުން."

ބަޖެޓަކާ ނުލައި މަސައްކަތް ފެށި ނަމަވެސް މައިޒާނުގެ މަސައްކަތް ނިންމާލި އިރު ވަރަށް ގިނަ ފަރާތްތަކެއްގެ ދީލަތި އެހީ ލިބުނެވެ. މުޅި ޕްރޮޖެކުޓަށް ދެ ލައްކައަށް ވުރެ ބޮޑު ބަޖެޓެއް ޚަރަދުވި އެވެ. އެއީ މުޅީން ވެސް ހިލޭ އެހީ އެވެ.

"މި ހުރިހާ މަސައްކަތެއް މި ކުރީ އަޅުގަނޑުމެން އަމިއްލައަށް. އެންމެ ބޮޑަށް އެނގުނީ ކޮންމެ ކަމަކީ ވެސް ވާނެ ކަމެއްކަން. ބޭނުން ވަނީ ހިތްވަރާއެކު މަސައްކަތް ކުރުންކަން. އެންމެން ގުޅިގެން މަސައްކަތްކޮށްފި ނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ." އަހުޝަމް ބުންޏެވެ.

ހައެއްކަ ޒުވާނުން އިސްވެ މި ރަށުގެ އެހެން ޒުވާނުން ގޮވައިގެން ކުރި މި މަސައްކަތަކީ ނަމޫނާ މަސައްކަތެކެވެ. މިރަށުން ވާހަކަދައްކާލި މީހަކު ބުނި ގޮތުގައި ޒުވާނުންގެ އެ މަސައްކަތަށް މި ރަށް އޮތީ ވަރަށް ފަހުރުވެރިވެފަ އެވެ.

"ޒުވާނުންގެ އިސްނެގުމާއި އެ ހިތްވަރަށް ހަމަ ސާބަސްދެން. މިއީ ރަށުގެ ތަރައްގީއަށް ޒުވާނުން ކޮށްދިން ވަރަށް ބޮޑު ހަދިޔާއެއް. ރަށަށް ވަރަށް ބޭނުންވެފައި އޮތް ކަމެއް." މިރަށުގެ މީހަކު ބުންޏެވެ. "އަޅުގަނޑު އެންމެ އުފާވީ ޒުވާނުން އިސްވެ ކުރި އެ މަސައްކަތަށް އެ ސަރަހައްދަށް އިހުގައި ވެސް ކިޔަމުން އާ ނަން ދިނުމުން. އެއިން އެނގުނީ އެއީ ޒުވާނުން ރަށަށް ޓަކައި ދިން ހަދިޔާއެއްކަން،"

އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި ފަހުގެ ތާރީހެއްހައި ޒުވާނުތަކެއް އިސްނަގައިގެން އިހަވަންދޫގައި ކުރި އެންމެ ބޮޑު އެންމެ ފުރިހަމަ މަސައްކަތަކަށް މި މައިޒާނުގެ މަސައްކަތް ވާނެ އެވެ. އަދި މި މަސައްކަތުގައި ހަރަކާތްތެރިވި ޒުވާނުންގެ ފަރާތުން ފެނުނީ ވެސް ވަރަށް ރީތި ނަމޫނާއެކެވެ.

"ފެނުނީ ރީތި ނަމޫނާއެއް. ރަށުގައި އިޖުތިމާއީ ޒުވާން ރޫހެއް އުފެދިފައި އޮތްކަމުގެ ސިގުނަލެއް،" އޭނާ ވިދާޅުވި އެވެ. "ހައެއްކަ ޒުވާނުން ކޮފީއަށް އަރައި އުފެއްދި ހިޔާލެއްގެ ކުލަ ޖައްސައިދީ، އިހަވަންދޫ ހެއްވާލައިފި،"