ދީބާޖާގެ ބަދަލުގެ މައްސަލައަކީ މިހާރު ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ވެފައިވާ މައްސަލައެކެވެ.
އެއީ 2010 ވަނަ އަހަރެވެ. ވެރި ކަމުގައި ހުންނެވީ ރައީސް މުހައްމަދު ނަޝީދެވެ. ދީބާޖާއަކީ އެ ދުވަސްވަރު އުތުރު ޕްރޮވިންސްގައި ދަތުރު ފަތުރުގެ ނިޒާމް ގާއިމް ކުރުމަށް ހުޅުވާލުމުން އެމަސައްކަތް ކާމިޔާބު ކުރި ކުންފުންޏެވެ.
1 ފެބަރުއަރީ 2010 ގައި ދިބާޖާ އާއި ދައުލަތާއި ދެމެދު "ދަތުރު ފަތުރު" ގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ.
ދިބާޖާ އާއި ދައުލަތާ ދެމެދު ވެވުނު އެއްބަސްވުން އޭރުގެ ސަރުކާރުން ބާތިލްކުރި އެވެ. އޭރު ވެރިކަމުގައި ހުންނެވީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެވެ. ސަރުކާރުން އެބަސްވުން ބާތިލްކުރުމަށް ދެއްކި ހުއްޖަތަކީ އެކަށީގެންވާ މިންވަރަށް ދަތުރުފަތުރުގެ ހިދުމަތް ދީބާޖާއަށް، އެ ޕްރޮވިންސްގައި ދެވިފައިނުވުމެވެ.
އެއްބަސްވުމުގަ ދައުލަތާއި ދިބާޖާއާއި މަތިކޮށް ކަންތައްތަކެއް ފުރިހަމަ ކުރަން ހުއްޓެވެ. ދީބާޖާ އަށް އޮތީ އުތުރު ޕްރޮވިންސްގަ ހިމެނޭ ނ،ރ،ބ އަދި ޅ ގައި ދަތުރުފަތުރުގެ ނިޒާމް ތަރައްގީކުރުމެވެ. އެމުއްދަތުގައި ދައުލަތަށް އޮތީ އެބަސްވުމުގަ ބުނާ ބިންތައް ދިބާޖާއާއި ހަވާލުކުރުމެވެ.
ދިބާޖާއިން ބުނާ ގޮތުގައި އެބިންތަކާއި ނުލާ އެންމެ އެކަށިގެންވާ ގޮތަށް ދަތުރު ފަތުރުގެ ނިޒާމް އެސަރަހައްދުގައި ހިންގުމަށް ފައިސާ ހޯދުމުގައި ހުރަސްތަކެއް ހުއްޓެވެ. އެކަމަށް ދީބާޖާއިން އެދުމުން ސަރުކާރުން އެކަން ނުކޮށްދީ އެބަސްވުމާ ވަނީ ހިލާފުވެފައެވެ. އޭގެ ސަބަބުން އުތުރު ޕްރޮވިންސްގައި ދަތުރުފަތުރު ހިންގުމުގައި ދިބާޖާއަށް ގޮންޖެހުންތަކެއް ހުއްޓެވެ. އެންމެ އެދެވޭ ގޮތެއްގައި އެހިދުމަތް ނުދެވުނު ކަމަށް ދީބާޖާއިންވެސް އެއްބަސްވެ އެވެ. އެކަމަކު ހިދުމަތް މުޅިން ހުއްޓުނީ ނޫންކަމަށާއި އެއީ އެއްބަސްވުން ބާތިލްކުރަން ޖެހޭ ސަބަބެއް ކަމަށް ދީބާޖާއިން އޭރުވެސް އަދި މިހާރުވެސް ގަބޫލެއް ނުކުރެއެވެ.
ސަރުކާރާއި ދީބާޖާގެ ހިޔާލު ތަފާތުވުންތައް އެއްގޮތް ނުކުރެވި އެންމެ ފަހުން ދީބާޖާއަށް ދީފައިވާ ރަށް ކަމަށްވާ ރ. ކުޑަކުރަތު އެކުންފުނިން ވަކިކުރެވުނެވެ. މި މައްސަލައަށް އިތުރު ހައްލެއް ނުފެނި 2013 ވަނަ އަހަރު ދީބާޖާއިން ދައުލަތް ގޮވައިގެން ކޯޓަށް ދިޔައެވެ. ދީބާޖާއިން ސިވިލް ކޯޓަށް ހުށައެޅި މައްސަލާގައި ބުނެފައި ވަނީ އެ ކުންފުނިން އުތުރު ޕްރޮވިންސްގައި ތަރައްގީ ކުރި ދަތުރުފަތުރުގެ ނިޒާމް ގެ އެއްބަސްވުން ބާތިލުކުރުމުން އެކުންފުންޏަށް ފޫނުބެއްދޭވަރުގެ ގެއްލުންވި ކަމަށެވެ. އެހެންކަމުން އެ ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ކޯޓުގައި އެދުނެވެ.
ދީބާޖާއިން ސިވިލް ކޯޓަށް ހުށައެޅި މައްސަލަ ދިރާސާކޮށް ބެލިބެލުމުން އެކުންފުންޏަށް ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 354 މިލިޔަން ރުފިޔާ ދައުލަތުން ދައްކަން އެ ކޯޓުން ހުކުމް ކުރިއެވެ.
ސިވިލް ކޯޓުގެ މި ހުކުމާއި އެއްގޮތަށް ގެއްލުމުގެ ބަދަލު ހޯދުމަށް ދީބާޖާއިން ދެކޮޅަށް ދުވާތާ 10 ވަރަކަށް އަހަރު ވަނީއެވެ.
އެންމެ ފަހުން 2022 ވަނަ އަހަރު އަދުލް އިސްސާފުގެ އެންމެ ފަހު ބަސް ބުނާ ސްޕްރީމް ކޯޓަށް މައްސަލަ ހުށައެޅުނެވެ. ސްޕްރީމް ކޯޓުގެ ފަނޑިޔާރުން މައްސަލަ ދިރާސާކުރައްވައި ނިންމެވީ ދިވެހި ދައުލަތާއި ދީބާޖާއާއި ދެމެދު ކުރެވިފައިވާ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ރަގަޅަށް ނޫން ކަމަށެވެ. އެހެންނަމަވެސް ދީބާޖައިން ދައުވާކުރާ ގެއްލުމުގެ އަދަދު އަލުން ހިސާބުކުރަން ސިވިލް ކޯޓަށް ހުށައެޅުމަށެވެ.
އެހެންކަމުން 13 ޑިސެންބަރު 2022 ގަ ސްޕްރީމް ކޯޓުގެ ހުކުމާއި އެއްގޮތަށް ބަދަލު ހޯދުމުގެ މައްސަލަ އަލުން މުރާޖާކުރުމަށް ދީބާޖާގެ ފަރާތުން ހުށައެޅިއެވެ.
ދިބާޖާއީން ސްޕްރީމް ކޯޓުގެ ހުކުމާއި އެއްގޮތަށް ސިވިލް ކޯޓަށް މައްސަލަ ހުށައަޅައި މައްސަލައިގެ ހުކުމަކާ ހަމައަށް ނުދަނީސް 27 ޑިސެންބަރު 2022 ވަނަ އަހަރު ސަރުކާރުން ބަދަލުދޭ އުސޫލެއް އާންމު ކުރުމުން ކޯޓުގައި އޮތް މައްސަލަ ނެގުމަށްފަހު ސެޓްލްމަންޓް ކޮމިޓީއަށް މައްސަލަ ހުށައެޅީ ދިބާޖާގެ ގާނޫނީ ޓީމުގެ މަޝްވަރާއެކުއެވެ.
ސަރުކާރުން އެކުލަވާލި ސެޓްލްމަންޓް ކޮމެޓީގައި ގިނަ ބަހުސްތަކެއް ކުރެވި ދިބާޖާއަށާއި ސަރުކާރަށް ބުރައަކަށް ނުވާ އެބަސްވުމަކަށް އާދެވުނެވެ. އަދި ސެޓްލްމަންޓް ކޮމެޓީއާއި ދީބާޖާއަށް އެބަސްވެވުނު 64 މިލިއަން އަކީ އަދުލުވެރި ބަދަލެއް ކަމަށް އިކޮނޮމިކް ކައުންސިލުން ފާސްކޮށް ކުރިން ދީބާޖާއިން ދައުވާކުރި 348 މިލިއަންގެ ބަދަލުގައި 64 މިލިޔަން ދިނުމަށް 13 އޮގަސްޓް 2023 ގައި ދިވެހި ސަރުކާރުގެ ފަރާތުން ޓްރާންސްޕޯޓް މިނިސްޓްރީއާއި ދިބާޖާއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ.
މި އެއްބަސްވުމުގެ ދަށުން ދީބާޖާއަށް ފުރަތަމަ ޕޭމަންޓް އެއްގެ ގޮތުގައި 12.8 މިލިޔަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ އެއް މަސްފަހުން ބާކީ 51.2 މިލިޔަން ރުފިޔާ ދިނުމަށް ސަރުކާރުން އެއްބަސްވިއެވެ. ނަމަވެސް އެ އެއްބަސްވުމާއި އެގޮތަށް ސަރުކާރުން އަމަލުކޮށްފައި ނުވާތީ އަނެއްކާވެސް ދީބާޖާއަށް ސިވިލް ކޯޓު ނޫން އިހްތިޔާރެއް ނެތެވެ.
މި އަހަރު ޖެނުއަރީ މަހު ދީބާޖާއިން ސިވިލް ކޯޓަށް މައްސަލަ ހުށައެޅިއެވެ. އެއްބަސްވުމާއި އެއްގޮތަށް ސަރުކާރުން އަމަލު ނުކުރުމުގެ ސަބަބުންނެވެ. ސަރުކާރާއި ދީބާޖާއާއި ދެމެދު ވެވިފައިވާ އެއްބަސްވުމަށް އިހްތިރާމްކޮށް އެ އެއްބަސްވުން ތަންފީޒްކުރުމުގެ އަމުރެއް ސަރުކާރުގެ މައްޗަށް ނެރުމުގެ ބޭނުމުގައެވެ.
ދީބާޖާއިން ސިވިލް ކޯޓަށް އެންމެ ފަހުން ހުށައެޅި މައްސަލައިގެ އެންމެ ފަހު އަޑު އެހުމާއި ހަމައިން މައްސަލަ އެގޮތް، މި ގޮތަށް ގޮސް ހުއްޓުމަކަށް އައެވެ. އެންމެ ފަހުން އެމައްސަލައާއި ގުޅިގެން ބޭއްވި އަޑުއެހުން ކެންސަލްކުރަން ޖެހުނީ ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލުންނަށް ހާޒިރު ނުވެވިގެންނެވެ.
ދީބާޖާގެ މައްސަލަ މިހެން ދެ ފެންދޭތެރޭ ދެމެނިކޮށް ދެން ކުއްލިއަކަށް މި ފެނުނީ އޮޑިޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލައާއި ގުޅިގެން ހާއްސަ އޮޑިޓެއް ހެއްދެވިތަނެވެ. އެ ހާއްސަ އޮޑިޓުގައިވާ ގޮތުން ދީބާޖާއަށް އެ ފައިސާ ދޭން ސެޓްލްމަންޓް ކޮމެޓީން ނިންމި ނިންމުމަކީ ގޯހެއްކަމަށް ފާހަގަ ކުރައްވާފައިވެއެވެ. އަދި އެ އެއްބަސްވުން ހެދިފައިވަނީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށާއި އެ އެއްބަސްވުން ހެދި ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށާއި ދިބާޖާއަށް ބަދަލުގެ ގޮތުގައި ދޫކުރި 12.8 މިލިޔަން ރުފިޔާ އަނބުރާ ހޯދުމަށް އެދިފައިވެ އެވެ.
ދީބާޖާ އަތުގަ ސިވިލް ކޯޓުގެ ހުކުމެއް އެބައޮތެވެ. ހުކުމުގައި ބުނެފައިވަނީ ގެއްލުންވި ކަމަށެވެ. ބަދަލުވެސް ލިބެން ޖެހޭނެކަމަށެވެ.
ހަމަ މިގޮތަށް ދީބާޖާ އަތުގައި އަދުލް އިންސާފުގެ އެންމެ މަތީ މަރުހަލާ، އާދެ ދިވެހި ރައްޖޭގެ ސްޕްރީމް ކޯޓުގެ ނިހާއީ ހުކުމެއްވެސް އެބަ އޮތެވެ. ސުޕްރީމް ކޯޓުގެ ފަންޑިޔާރުންގެ ނިންމުމަކީ އުތުރު ޕްރޮވިންސްގެ އެއްބަސްވުން ސަރުކާރުން ބާތިލް ކުރުމުން ދީބާޖާއަށް ގެއްލުންވިކަމަށެވެ. އެހެންނަމަވެސް ދިބާޖާއިން ދައުވާކުރާ ގެއްލުމުގެ ބަދަލު އަލުން މުރާޖާ ކުރުމަށް ސިވިލް ކޯޓަށް ހުށައެޅުމަށެވެ.
ސްޕްރީމް ކޯޓުން އެދުނު ގޮތަށް ހިސާބު އަލުން މުރާޖާ ކުރަން ސްޕްރީމް ކޯޓަށް ހުށައަޅައިފައި ވަނިކޮށް ސަރުކާރު އިއުލާނުކުރި ބަދަލުދިނުމާއި ބެހޭ އުސޫލާއި އެއްގޮތަށް އެމައްސަލަ ސެޓްލްމަންޓް ކޮމެޓީއަށް ހުށައަޅާ އިކޮނޮމިކް ކައުންސިލުން 64 މިލިޔަން ދިނުމަށް ދިވެހި ސަރުކާރާއި އެކުވި އެއްބަސްވުން ވެސް ދީބާޖާ އަތުގައި އެބައޮތެވެ.
ކޯޓުތަކުގެ ހުކުމް ހުރެގެން ދީބާޖާއަށް ލިބެން ޖެހޭ ބަދެލެއްވިއްޔާ ލިބެންވީއެވެ. ދިވެހި ދައުލަތުގެ ސިއްކަ ޖެހި އެބަސްވުންތައް ހުރެގެން ދީބާޖާއަށް ލިބެންޖެހޭ ބަދަލެއްވިއްޔާ ލިބެންވީ އެވެ.
ދީބާޖާއަށް އޮތީ ބަދަލެއް ނޫނެވެ. ދެކޮޅަށް ދަމާ ރަބަރެއް ހެން ފަހަރަކު އަތަކަށް އެނބުރުމެވެ.
އެންމެ ފަހުން އެ ރަބަރަށް ދައްމަން ފެއްޓެވީ އޮޑިޓާ ޖެނެރަލް ނިޔާޒީ އެވެ. 2021 ވަނަ އަހަރު އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަންކުރެއްވި ނިޔާޒީ 2022 ވަނަ އަހަރުން ފެށިގެން މި މައްސަލައަށް ބަހެއްވިދާނުވެ ހުންނަވައި، އަމުދުން 2023 ވަނަ އަހަރު 12.8 މިލިޔަން ރުފިޔާ ދިވެހި ދައުލަތަށް ގެއްލުންވާ ގޮތަށް ދީބާޖާއަށް "ބަހާލި" އިރު ކަހާތަން ހިރުވާހެންވެސް ހީނުވެ، ކުއްލިޔަކަށް 2024 ވަނަ އަހަރު އެއީ މާ ބޮޑު "ގޯހެއް" ކަމަށް ވެގެން މި އުޅުއްވަނީ ކީއްވެތޯއެވެ. އޭރުވެސް ނިޔާޒީ ހުންނެވީ އޮޑިޓަރ ޖެނެރަލް ގެ މަގާމުގައެވެ. މިއަދުގެ، މިވަގުތުވެސް ހަމަ އޮޑިޓާ ޖެނެރަލުގެ މަގާމުގަ އެވެ.
ދީބާޖާއަށް ބަދަލެއް ނެތެވެ. އޮތީ ހުސް ހައިރާން ކަމެވެ. ދިބާޖާއަށް ދެންވެސް އޮތީ ރަބަރަށް ދަމާލާނީ ކޮން "ޖެނެރަލެއް" ތޯ ބަލަބަލާ އޮތުމެވެ. އިންސާފާއި އަދުލްވެރި ބަދަލު އެއީ ދީބާޖާއަށް ނެތް އެއްޗަކަށް ވީ ތާ އެވެ.