ދިވެހި އިންޑިއާގެ ގުޅުން

މި ރާއްޖެއަށް މި އޮތީ ކިހިނެތްވެފައިތަ؟

ރާއްޖެ-އިންޑިއާ އޮތީ ދިގުލާފައިވާ ތާރީހީ ގާތް ގުޅުމެކެވެ. ރާއްޖޭގެ ވެރިކަން ކުރެއްވި އެކި ބޭފުޅުން ގެންގުޅުއްވި ސިޔާސަތުތަކާ ވެސް އެކުއެވެ. ރާއްޖެ-އިންޑިއާ ގުޅުމުގައި އޮންނަ މިންތައް ކަނޑައަޅާ އެކަން ވަރަށް ސާފުކޮށް ވެރިން ތަންފީޒު ކުރައްވާފައި ވެއެވެ. ރޮނގު ހުރަސްކޮށް ހައްދުތަކާއި ހުދޫދުތައް މުގުރާލުމުގެ އެއްވެސް ފުރުސަތެއް ނުދެ އެވެ. މަޖުބޫރެއް ވެގެން ވެސް އެކަން ކުރަން ނުޖެހޭނެ ގޮތަށް ހާރިޖީ ސިޔާސަތު ބައްޓަން ކުރުމުންނެވެ.

ނަމަވެސް ދިވެހި ރައްޔިތުންނަށް މިހެން ބުނެވޭނެ އެވެ. ދިވެހި-އިންޑިއާ ގުޅުމުގެ ހާލަތު މުޅީން ބަދަލުވެއްޖެ އެވެ. ކޮންމެ ދުވަހަކު އިންޑިއާއަށް އެތިވަރު ގޮވައި އެ ވާހަކަތައް ބޭރަށް ނެރެގެން އެ ވާހަކަތައް ދެކެވެނީ އެހެން ވެގެނެވެ. ބަޔަކު ކިތަަންމެ ވަރަކަށް ވަކި ސިޔާސަތުތަކެއް ވަކި ގޮތަކަށް ޕްރޮޕަގޭޑް ކުރި ނަމަވެސް ހަގީގަތަކީ އެއީ އެވެ.

ދިވެހި-އިންޑިއާ ގުޅުމުގެ ރޮނގު ހުރަސް ކުރުމުގެ ތެރެއިން މިހާރު ނުކުމެފައިވާ މައްސަލައަކީ ކުޑަ މައްސަލައެއް ނޫނެވެ. ދޭދޭ ގައުމުތަކުގެ ގުޅުމަށް ބުރުއަރާ ފަދަ ގޮތަކަށް ކޮންޓެންޓް ޑިޒައިންކޮށް، ރާއްޖޭގެ ނޫސްތަކުން އިންޑިއާގެ ވެރިންނަށް ކުޑައިމީސް ބަސް ބުނަނީ އެވެ. އިންޑިއާގެ ވެރިންގެ އިއްޒަތާއި ކަރާމާތަށް ރާއްޖޭގެ ނޫސްވެރިން އަރައިގަންނަނީ އެވެ. އޭގެ ސަބަބުން އިންޑިއާގެ ސެކިއުރިޓީއަށް ނުރައްކާ ވަނީ އެވެ. ރާއްޖޭގައި ތިބި އިންޑިއާގެ ޑިޕްލޮމޭޓުންނަށް އޮތް ތުރެޓް ލެވެލް ހައިވަނީ އެވެ.

ދެ ގައުމުގެ ގުޅުން ބޮޑުވެފައިވާ މިންވަރުން، އުސޫލުތައް އެއްފަރާތް ކޮށްލައި ރޮނގު ހުރަސް ކުރެއްވުމަށް ފަހު އިންޑިއާގެ ޑެޕިއުޓީ ހައި ކޮމިޝަނަރު ރޯހިތު ރިތިޝް އޭނާގެ ޝަކުވާ އުުފުއްލެވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަރިހުގަ އެވެ. ފޯނު ކުރައްވާ ރޯހިތު ވަނީ ބައެއް މީޑިއާ ރިޕޯޓްތަކުގެ ސަބަބުން ހައި ކޮމިޝަނާއި އެ ތާނގެ ޑިޕްލޮމޭޓުންގެ ކަރާމަތާއި ސަލާމަތަށް ނުރައްކާވެ ގެެއްލުންވަމުންދާ ކަމަށް ރޮޒައިނާއަށް ދަންނަވާފަ އެވެ.

ރޯހިތުގެ ޝަކުވާއާއެކު ވަގުތުން ރޮޒައިނާ ވަނީ އެ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސަމާލު ކަަމަށް ގެންގޮސްފަ އެވެ. ކަމެއް ހިންގާން ޖެހޭ ގޮތާއި ގާނޫނާއި ގަވާއިދުގައި އޮތް އެއްޗަކާއި ޑިޕްލޮމެޓިކް ގޮތްފޮތް ނުބައްލަވާ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ނަމުގައި ސިޓީއެއް ތައްޔާރު ކުރައްވާ އެމްއެމްސީއަށް ފޮނުވާލެއްވީ އެވެ.

އެ ސިޓީ ބުނާ ގޮތުން އިންޑިއާގެ ޑެޕިއުޓީ ހައި ކޮމިޝަނަރު ރޯހިތު އެކަމަނާއަށް ގުޅުއްވާ ސެކިއުރިޓީއަށް ނުރައްކާވާ ކަމުގެ ޝަކުވާ ކުރެއްވީ އެވެ. ކަންބޮޑުވުން ފާޅުކުރެއްވީ އެވެ. ޑިޕްލޮމޭޓުންގެ ހައްގުތަކަށް ނުރައްކާ ކުރާ މީޑިއާ ހައުސްތަކުގެ މައްސަލަތައް ބަލަން ޖެހޭނެ އެވެ. ބަލާފައި އެޅި ފިޔަވަޅެއް އަންގާން ވާނެ އެވެ. ރާއްޖޭގައި ތިއްބަވާ ޑިޕްލޮމޭޓުންނަކީ ވަކި ކަހަލަ އިމްތިޔާޒުތަކަކާއި ރައްކާތެރިކަމެއް ލިބިފައިވާ ބައެއްކަން އެމްއެމްސީއަށް ހަނދާން ކޮށްދެމެވެ. -- މި އަދަކީ އެ ކޮމެޓީ ބައްދަލުވާނެ ދުވަހެވެ.

ޑިޕްލޮމެޓުންނަށް ރާއްޖޭއިން ދޭންޖެހޭ އިމްތިޔާޒާއި ރައްކާތެރިކަމުގެ ވާހަކަ ހަނދާން ކޮށްދީ އެމްއެމްސީއަށް ފިލާވަޅު ނަގައިދީ މީޑިއާ ހައުސްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅަން އަންގަވާއިރު އެކަމަނާ ކުރަން ޖެހޭ ކަމެއްވެސް އެކަމަނާއަކަށް އެނގިވަޑައިނުގަތެވެ. ނުވަަތަ ގަސްތުގައި އެނގިވަޑައިނުގަންނަވާ ކަމަށް ހެއްދެވީ އެވެ. ނޫނީ އިންޑިއާއިން އެންގީމާ އެކަމެއް އެ އެންގެވި ގޮތަކަށް ކުރަންޖެހޭ ހާލަތުގައި ހުންނެވީ އެވެ.

މި މައްސަލާގައި މެންބަރު ރޮޒައިނާ ހައްދަވާފައި ވަނީ ކިތަންމެ ގޯހެކެވެ. އަދި މިއީ ދިފާއުގައި ދައްކަވާ ސިޔާސީ ދެކޮޅު ނުޖެހޭ ވާހަކައަކުން ހަމަޖައްސާލެވޭނެ ކަމެއް ވެސް ނޫނެވެ.

އިންޑިއާގެ ޑެޕިއުޓީ ހައި ކޮމިޝަނަރު ރޯހިތު ރިތިޝްގެ ފޯން ކޯލާއެކު އަމިއްލައަށްފުޅަށް ސިޓީއެއް ލިޔުއްވާ އެތައް މެންބަރުންނެއް ތިއްބަވާ ކޮމެޓީއެއްގެ ނަމުގައި ސިޓީ ފޮނުއްވީ އެހެން އެއްވެސް މެންބަރަކަށް އިޝާރާތެއް ވެސް ކޮށްލުމެއް ނެތި އެވެ. ކޮމެޓީ ބައްދަލުވުމަކަށް ގޮވާލުމެއް ނެތި އަދި މެންބަރުންގެ ބަހެއް ވެސް ހޯއްދެވުމެއް ނެތި އެވެ. އެއީ ހިނގާފައިވާ ކަމެއްތޯ ވެސް ބަލައިލުމެއް ނެތިއެވެ. ދިވެހި ނޫހަކަށް ނުވަތަ ނޫސްވެރިންތަކަކަށް ފިޔަވަޅު އަޅަން މައްސަލަ ބަލާން އަންގާއިރު ދިވެހި މަންދޫބަށް ދިވެހި ރައްޔިތަކު އެކައްޗަކަށް ވެސް ނުވުމަކީ ބޮޑު އަރަތެކެވެ. -- ފިޔަވަޅު އަޅަންޖެހޭ 14 ނޫސްވެރިއެއްގެ ލިސްޓެއް އިންޑިއާ ހައިކޮމިޝަނުން ތަރުތީބުކޮށްފައިވާ ކަމަށް އަޑުތައް ފެތުރިފައި ވެއެވެ.

ދިފާއަށް ރޮޒައިނާ ވެސް ވަރަށް ގިނަ ވާހަކަ ދައްކަވަ އެވެ. އޭނާ ވިދާޅުވާ ގޮތުގައި މީގެ ކުރީންވެސް އެކި މައްސަލަތަކުގައި މުޅި ކޮމެޓީން ނިންމުމުގެ ކުރީން މިފަހަރު އަމަލު ކުރި ގޮތަަށް އަމަލު ކޮށްފައިވެ އެވެ. އަދި ރޯހިތުގެ އިތުރުން ކޮމެޓީގެ އެހެން މެންބަރަކު ވެސް އެކަމަނާއަށް ގުޅުއްވާ އެ ވާހަކަ ވިދާޅުވި އެވެ.

އެއީ އެއްވެސް ވާހަކައެއް ނޫނެވެ. އަދި މީގެ ކުރިއޭ އެބުނާ ކަމަކާއި މިކަމާ ވަރުން އަޅުވާއިރު މި މައްސަލައިގެ ނާޒުކު ކަން ވެސް އެވަރު ކޮމެޓީއެއްގެ މުގައްރިރަށް ވިސްނިވަޑައެއް ނުގަތެވެ. އެއީ ސިޔާސީ ބޭފުޅަކު އަމުދުން ދައްކައިގެން ނުވާނެ ވާހަކަ އެކެވެ. ކިތަންމެ މެންބަރަކު ގުޅުއްވިއަސް ކޮމެޓީއެއްގެ ނަމުގައި އަމިއްލަފުޅަށް މީޑިއާއަށް ފިޔަވަޅު އަޅަން ރޮޒައިނާއަށް މީޑިއާ ކައުންސިލަށް ނޭނގޭނެ އެވެ. ކުރީން ކޮމެޓީން ކޮންމެ ކަމެއް ކޮށްފައި އޮތަސް ނެތް ބާރެއް ލިބޭ ގޮތެއް ވެސް ނޯންނާނެ އެވެ.

ސިޔާސީ ބޭފުޅެއްގެ ހައިސިއްޔަތުން އަދި ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ރޮޒައިނާ ވެސް މިކަމާ ކަންބޮޑުވެ ވަޑައިގަންނަވަންވީ އެވެ. ނަމަވެސް ހައިސިއްޔަތުގައި ނެތް ބާރެއް ބޭނުން ކުރައްވައިގެން ކަމާގުޅޭ މުއައްސަސާއަށް ސިޓީ ފޮނުއްވާ މީޑިއާގެ މައްސަލަ ބަލަން ނޭންގޭނެ އެވެ.

މިފަދަ ކަމެއް ދިމާވުމުން ކަން ކުރަންވީ ގޮތް ރާއްޖޭގެ ގާނޫނުތަކުގައި ވެސް އަދި ބައިނަލްއަގްވާމީ ގާނޫނުތަކުގައި ވެސް ސާފުކޮށް ލިޔެފައި ވެއެވެ. ރާއްޖޭގައި ފޮރިން މިނިސްޓްރީގެ އެބަހުއްޓެވެ. އެެހެންވީމަ ޑިޕްލޮމޭޓަކަށް ނުރައްކާވުމުން އެކަން ފޮރިން މިނިސްޓްރީއަށް އަންގަންވީ އެވެ. ފޮރިން މިނިސްޓަރަށް ގުޅުއްވާ އެ ވާހަކަ ދަންނަވަނީ އެވެ. އިންޑިއާގެ ބޭފުޅަކު ގުޅުއްވީމަ ލަހެއް ނެތި ފޯނު ނަންގަވާ ޖަވާބު ދެއްވާނެ ކަމީ ކަށަވަރު ޔަގީން ވެސް ކަމެކެވެ. ވަގުތުން ފިޔަވަޅު އަޅުއްވާނެ އެވެ. ދައުލަތުގެ ސަލާމަތީ ބާރުތަކަށް އަންގަވައިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރައްވާނެ އެވެ. އެކަން އެގޮތަށް ހިނގިވެސް މެއެވެ. ފޮރިން މިނިސްޓްރީން ބަޔާނެއް މެދުވެރިކޮށް މީޑިއާތަކަށް އެކަން ކަށަވަރުކޮށްދިނެވެ. މިހާރު އެންމެ މަތީ ލެވެލްގައި އިންޑިއާ ކޮމިޝަނުގައި ފޯރިމަރަ އެވެ.

މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވެސް ވަނީ ރޮޒައިނާ އަމަލު ކުރެއްވި ގޮތާމެދު ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އުޝާމް ވިދާޅުވި ގޮތުގައި ޑިޕްލޮމޭޓަކު ޝަކުވާއެއް ހުށައަޅުއްވާނަމަ އެކަން ކުރައްވާނީ އޮންނަ ޗެނަލެއްގެ ތެރެއިންނެވެ. އެކަމަށް ބައިނަލްއަގްވާމީ އުސޫލުތަކާއި ރާއްޖޭގައި ވެސް އުސޫލުތައް ހަމަޖެހިފައި އެބަހުއްޓެވެ.

"އަޅުގަނޑުގެ ޕޮއިންޓަކީ މިފަދަ މައްސަލަތަކުގައި އަމަލު ކުރާނެ ގޮތްތަކެއް ހުރިއިރު އެހާ ސީނިއާ ބޭފުޅަކު ގުޅުއްވައިގެން އެގޮތަށް އަމަލު ކުރެއްވުމަކީ އިސޫ [މައްސަލަ] އެކޭ. އެއީ އެއްގޮތަކަށްވެސް އެކަން ހިނގައިގެންވާނެ ގޮތެއް ނޫން. އެކަން ހިނގަންވާނީ ޑިޕްލޮމެޓިކް ޗެނަލްގެ ތެރެއިން،"

ޑެޕިއުޓީ ހައި ކޮމިޝަނަރުގެ ކޯލާއެކު ރޮޒައިނާ އަމަލު ކުރެއްވި ގޮތާމެދުވެސް އުޝާމް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އުޝާމް ވިދާޅުވި ގޮތުގައި ކޮމެޓީގެ އެއްވެސް ބަހެއް ނެތި އެމައްސަލާގައި ކޮމެޓީގެ ނަމުގައި ސިޓީއެއް ފޮނުވާފައިވާނަމަ އެއީ މައްސަލައެކެވެ. އަދި މަޖިލީހުން ނުވަތަ ކޮމެޓީން އެފަދަ މައްސަލައެއްގެ ތެރެއަށް ވަންނަން ވާނީ ނުވަތަ ބަލަން ވާނީ ރަސްމީ ހައިސިއްޔަތު އޮތް އިދާރާއަކުން އެކަން މަޖިލީހަށް ހުށައެޅުމުންނެވެ. އެއީ ފޮރިން މިނިސްޓްރީ އެވެ. ނަމަވެސް އެ މިނިސްޓްރީން އެއްވެސް އިޝާރާތެއް އަދި ރަސްމީ ސިފައެއް އެއްވެސް ކަމެއް އަންގާފައި ނެތީސް މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުގައްރިރަށް ފެންނަ ގޮތަކަށް އަމަލު ކުރުމަކީ މައްސަލައެކެވެ.

"އަޅުގަނޑުގެ ނަޒަރުގައި ކޮމެޓީންވެސް ގޮތެއް ނިންމަން ޖެހޭނީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައި. އެހެން ނަމަވެސް މި މައްސަލާގައި ކޮމެޓީގެ ނިންމުމެއް އަދި ނެތް،"

ކޮމެޓީގެ މުގައްރިރު އެ ގޮތަށް އަމަލު ކުރެއްވުމާއި ގުޅިގެން ކޮމެޓީއަށް މިހާރު ވަނީ މައްސަލަ ވެސް ހުށައަޅާފައެވެ. މިއަދު އޮންނަ ކޮމެޓީ ބައްދަލްވުމުގައި އެކަމާއި ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށް ކޮމެޓީގެ އެހެން މެންބަރަކު ވިދާޅުވިއެވެ.

އެމްޑީޕީއަށް ނިސްބަތްވާ އެ މެންބަރު ވިދާޅުވި ގޮތުގައި މަޖިލީހުގެ ކޮމެޓީތަކުން އަމަލު ކުރަން ޖެހޭ ގަވާއިދެއް ކޮންމެ ކޮމެޓީއެއްގައި ވެސް އޮވެއެވެ. އަދި ހުށައަޅާ މައްސަލަތަކަށް ޖަވާބު ދިނުމުގައި އަމަލު ކުރަން ޖެހޭ އުސޫލެއް އޮވެއެވެ. އެ އުސޫލާއި ގަވާއިދު ވެސް ރޮޒައިނާ ވަނީ މުގުރާލައްވާފަ އެވެ.

"ފުރަތަމަ ކަމަކަށް ފޯނު ކޮށްލާފައި އެވަރުގެ ބޭފުޅަކު ރޮޒައިނާ އަރިހުގައި އެ ޝަކުވާ ކުރައްވާނީ ލައްކަ ގާތްވީމަތާ ދެއްތޯ. އަދި ރޮޒައިނާގެ އަތްޕުޅުގައި ފިސާރި ވަރުގަދަ ބާރެއް އޮތީމާތާ ދެއްތޯ. އަޅުގަނޑުގެ ނަޒަރުގައި މިއީ ރަނގަޅަށް ބަލާ ރޮޒައިނާއާމެދު ފިޔަވަޅު އަޅަަންޖެހޭ ކަމެއް. ރައީސް ސޯލިހްގެ ޕީޖީ ލީޑަރަށް ހެއްދެވިގެން އެހެން ނޫޅެވޭނެ،" އެމްޑީޕީގައި އޮތް ބައިބައިވުމުގައި ރައީސް ނަޝީދުގެ ކޮޅުގައި ހުންނެވި އެ މެންބަރު ވިދާޅުވި އެވެ.

ރޮޒައިނާގެ މި އަމަލާމެދު އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވި އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި އަސްކަރިއްޔާގައި ފަހުރުވެރި ތާރީހެއް އޮތް ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީ (ދީދީ) އެވެ. ދީދީ ވިދާޅުވި ގޮތުގައި ރޮޒައިނާގެ އެ އަމަލަކީ ދެރަވަރު އަމަލެކެވެ. އަދި އެއީ "ޕާލިމަންޓަރީ ޑިކްޓޭޓާޝިޕް" އެއްގެ ގޮތުގައި ވެސް ދީދީ ފާހަގަ ކުރެއްވި އެވެ.

ދީދީ ވިދާޅުވި ގޮތުގައި އިސްކުރަން ޖެހޭނީ ރައްޔިތުންގެ މަސްލަހަތެވެ. އަދި ދިވެއްސަކަށް ފިޔަވަޅު އަޅަން އަންގާއިރު ގާނޫނުގައި އެކަން އޮތްގޮތް ހިސާބަކަށް ބަލައިލަން ޖެހެއެވެ. އެހެން ގައުމެއްގައި ގާނޫނުގައި އޮތް އެއްޗަކަށް ބަލާ މި ގައުމުގައި ފިޔަވަޅު އަޅަން އުޅެގެން ނުވާނެ އެވެ.

"ރައްޔިތުންގެ މަންދޫބުން ދިފާއު ކުރަން ޖެހޭނީ ރައްޔިތުންނާއި ގައުމުގެ މަސްލަހަތް. ދިވެހި ރައްޔިތަކަށް ފިޔަވަޅު އެޅޭނީ ދިވެހި ގާނޫނުން ކުށެއް ކަމަށް ބަޔާން ކުރާ ގާނޫނަކާއި ރައްޔިތަކު ހިލާފް ވީމަ. ދެރަވަރު. މަޖިލިސް ކޮމެޓީން ގޮތެއް ނުނިންމާ މި ބާވަތުގެ ކަންކަން މަޖިލިސް އިދާރާއިން ނިންމުމަކީ 'ޕާލިމަންޓަރީ ޑިކްޓޭޓާޝިޕް' އެއްގެ ސިފަ،" 18 ވަނަ ދައުރުގައި އައްޑޫ ސިޓީގެ ގޮނޑިއެއް ފުރުއްވި މިހާރުވެސް އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ދީދީ ވިދާޅުވި އެވެ.

އެތައް ބައެއްގެ ނަޒަރުގައި މިފަހަރު މި ހިނގި ކަަމަކީ ރާއްޖެ-އިންޑިއާ ގުޅުން މިހާރު އޮތް ހާލަތުގެ ކުޑަކުޑަ ތަސައްވުރެކެވެ. އަދި އިންޑިއާގެ ނުފޫޒާއި ވަކިތަކުގެ ދަށުގައި ރާއްޖެ އޮތް މިިންވަރެވެ. އެ ގައުމުގެ ނުފޫޒާއި ބާރުގެ ތެރެއަށް ދިވެހި ސިޔާސީ ވެރިން ގޮސްފައިވާ މިންވަރެވެ. ގައުމެއް ދެކެ ލޯބިވެ އެ ގައުމެއްގެ ވެރިންނަށް ކިތަންމެ ބޮޑު އިތުބާރެއް އޮތަސް އެކަން އޮންނަން ވާނީ ހައްދެއްގަ އެވެ.

އެހެން ނޫންނަމަ ސާފުކޮށް އޮތް މައްސަލައެއްގައި ގާނޫނާއި ގަވާއިދުތަކުގައި އޮތް އެއްޗެއް ބަލާލީ ހެއްޔެވެ. ކޮށްލާ ކަމަކުން ދެން ނުކުމެ ދާނެ ނަތީޖާއަކާމެދު ވިސްނާލީ ހެއްޔެވެ. ނަމަވެސް އެ ފުރުސަތު ނެތީމަ ކުރާނެ ކަމެއްވެސް ނޯންނާނެ އެވެ.