ދިވެހި އިންޑިއާގެ ގުޅުން

އިންޑިއާގެ ޝަކުވާ ފުލުހުން ބަލަން ފަަށަައިފި

އިންޑިއާއާ ދެކޮޅަށް ހަބަރުފަތުރާ ރާއްޖޭގެ މީޑިއާތަކަށް ފިޔަވަޅު އަޅައިދޭން އިންޑިއަން ހައި ކޮމިޝަނުން ރާއްޖޭގެ ފޮރިން މިނިސްޓްރީގައި އެދިފައިވާތީ އެކަން ފުލުހުން ތަހުގީގު ކުރަމުންދާ ކަމަަށް ރައްޔިތުން މަޖިލީހުގެ ފޮރިން ރިލޭޝަން ކޮމެޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

ހައި ކޮމިޝަނުން އެކަމަށް އެދި ފޮރިން މިނިސްޓްރީ އަށް ފޮނުވާފައިވާ ސިޓީއެއްގެ ކޮޕީ އަވަސް އަށް ވެސއް ވަނީ ލިބިފަ އެވެ.

އެ ސިޓީގައި ބުނެފައިވަނީ ރާއްޖެގެ ބައެއް މީޑިއާ ތަކުން ހަބަރު ފަތުރާ ގޮތާ މެދުގައި ކަންބޮޑުވާ ކަމަށެވެ. އިންޑިއާއާ ގުޅިގެން ރިޕޯޓް ކުރާ ބައެއް ހަބަރުތަކުގެ ސަބަބުން ހައި ކޮމިޝަންގެ މަސައްކަތައް އުނދަގޫވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ކޮމިޝަނަޝާއި އިންޑިއާއިން ރާއްްޖެ ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދީރްގެ ކަރާމާތައް ބުރޫ އަރާ ކަމަށް ވެސް ބުނެފައިވެ އެވެ. އެހެންކަމުން އިންޑިއާއާ ދެކޮޅަށް ހަބަރު ފަތުރާ މީޑިއާތަކަށް ފިޔަވަޅު އެޅުމަށް އެދޭ ކަމަށް ހައި ކޮމިޝަނުންގެ ސިޓީގައި ބުނެފައިވެ އެވެ.

އެކަމާއި ގުޅޭގޮތުން މެންބަރު ޝަރީފް ވިދާޅުވީ އިންޑިއާ ހައިކޮމިޝަންގެ ބޭފުޅުންނާއި ދެކޮޅަށް ދައްކާ ވާހަކަތަކާއި ގުޅިގެން ފޮރިން ރިލޭޝަން ކޮމެޓީގެ މުގައްރިރުގެ ހައިސިއްޔަތުން އެ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަަށެވެ. އަދި އެކަން ފުލުހުން ތަހުގީގު ކުރަމުންދާ ކަމަަށްވެސް ވިދާޅުވިއެވެ.

ފުލުހުން އެ މައްސަލަ ބަލަމުންދާ ކަމަށް ޝަރީފް ވިދާޅުވި ނަމަވެސް މި މައްސަލާގައި ވާހަކަ ދައްކަން ފުލުހުން ދަނީ ދެކޮޅު ހަދަމުންނެވެ.

އަނެއްކޮޅުން އިންޑިއާއާ ގުޅޭގޮތުން އޮންލައިން ނޫހެއްގައި ލިޔުނު ރިޕޯޓެއްގެ މައްސަލަ ބަލައި ދިނުމަށް އެދި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވަނީ އެމްއެމްސީއަށް މައްސަލަ ހުށައަޅާފައެވެ. ކޮމެޓީގައިވެސް މަޝްވަރާ ނުކޮށް އަދި މެންބަރުންނަށްވެސް ނޭންގި އެ ކޮމެޓީގެ ނަމުގައި ރޮޒައިނާ އެމްއެމްސީއަށް މައްސަލަ ހުށައެޅީ އިންޑިޔާގެ ހައިކޮމިޝަނުގެ ނައިބު ރޯހިތު ރިތިޝް އޭނާގެ ސަމާލުކަމަށް އެކަން ގެންނެވުމުން ކަމަަށް ރޮޒައިނާ ވިދާޅުވެއެވެ.

ރާއްޖޭގައި އިންޑިއާގެ ނުފޫޒު ގަދަވެ ސަރުކާރުގެ މައްޗަށް އިންޑިއާގެ ވެރިންގެ ބާރު ވަރަށް މައްޗަށް އޮތް ކަމުގެ ތުހުމަތު އުފެދިފައިވާއިރު އިންޑިއާގެ ވެރިންގެ ދިފާއުގައި މިހާރު ފެށިފައިވަނީ މުޅީން އައު މަސައްކަތެކެވެ.