ރިޕޯޓް

މަޖިލިސް ރައީސްގެ ބަހުސާއެކު އެމްޑީޕީ ދެކަފި!

އަންނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދުމާއެކު އެމްޑީޕީއަށް ހުރިހާ ބާރެއް ލިބިގެން ދިޔައީ އެވެ. ރައްޔިތުންގެ މަޖިލީހަކީ ސަރުކާރެއް ހިންގަން އެންމެ މުހިންމު ބާރެވެ. ހާއްސަކޮށް މަޖިލީހުގެ ރައީސްގެ ދައުރު އޭގައި ބޮޑެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ދިފާއު ކުރެއްވުމަށް އޭރުގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވެސް ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. މިހާރުގެ ރައީސް ގާސިމް އިބްރާހިމް ވެސް އެ މަގާމުގެ ބޭނުން ފުރިހަމަ ގޮތުގައި ހިއްޕަވަ އެވެ.

އަންނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަންނަވާނީ އެމްޑީޕީގެ މެންބަރެކެވެ. އެއީ އެމްޑީޕީގެ ސަރުކާރުން ބޭނުންވާ ގޮތަށް މަޖިލިސް ހިންގަން މަގު ފަހިކުރާށެވެ. އެ މަގާމަށް މިހާރު ވެސް ޝައުގުވެރިކަން ފާޅު ކުރައްވާފައި ބޭފުޅުންގެ އަދަދު މަދެއް ނޫނެވެ. އެމްޑީޕީގެ ތެރެއިން ފަސް ބޭފުޅަކު މިހާރު ވަނީ އެކަން ހާމަ ކުރައްވާފަ އެވެ.

ޝައުގުވެރިވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ރޮޒައިނާ އާދަމް ވަނީ މަޖިލީހުގެ ރައީސް ކަނޑައަޅާނެ ގޮތުގެ ހިޔާލެއް ކުރިއަށް ނެރުއްވާފަ އެވެ. އެއީ އެމްޑީޕީގެ ޕީޖީ ގުރޫޕްގައި ސިއްރު ވޯޓެއް ނެގުމެވެ. ރައްޔިތުންގެ މަޖިލީހުގައި ވެސް ރައީސް ހޮވަން ނަގަނީ ސިއްރު ވޯޓެކެވެ. މީގެ ކުރިން އެމްޑީޕީއިން މަޖިލީހުގެ ރައީސް ކަމަށް މިފަދަ ވާދަވެރި ކަމެއް ނެތެވެ.

އެ ހިޔާލާއެކު އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވި އެވެ. ރޮޒައިނާގެ ހިޔާލަށް ވަރަށް އަވަހަށް ގިނަ ބޭފުޅުންތަކެއް ދެކޮޅު ހެއްދެވި އެވެ. އޭގެ ތެރޭގައި މެންބަރު އީވާ އަބްދުﷲ އާއި އިމްތިޔާޒު ފަހުމީ ހިމެނިވަޑައިގަންނަވަ އެވެ. އީވާއަކީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ބޭފުޅެކެވެ.

ސިއްރު ވޯޓަކަށް ކީއްވެ؟

ރޮޒައިނާ އޭނާގެ ހިޔާލު ދިފާއު ކުރައްވާ ވިދާޅުވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ފަދަ މަގާމަކަށް ވަޑައިގަންނަވާ ބޭފުޅަކު ސިއްރު ވޯޓަކުން ހޮވަން ޖެހެނީ އެ މަގާމުގެ ގޮތުންނެވެ. އެ މަގާމަށް އޭނާއަށް އާދެވެނީ ކޮން ބައެއް ވޯޓު ދީގެންތޯ ނޫނީ ވޯޓު ނުދީ ކޮން ބައެއްތޯ އެނގެން އޮތުން މަސްލަހަތަށް ރަނގަޅު ނޫނެވެ. ނަމަވެސް އެއީ ޕީޖީ ގުރޫޕްގައި ނިންމާނެ ނިންމުމެކެވެ. ކޮންމެ ގޮތަކަށް ނިންމިޔަސް އޭނާއަށް މައްސަލައެއް ނެތެވެ.

"ގައުމުތަކުގައި މަތީ މަގާމުތަކަށް އަންނަ މީހުން ހޮވަން ނަގާ ވޯޓުތައް ސިއްރު ކުރާ ސަބަބަކީ ނުފޫޒުން އެއްކިބާވެ ހުރެ ވޯޓުލުމުގެ ފުރުސަތު ދިނުމަށް، ހޮވޭ މީހާ ވޯޓު ނުދޭ މީހުންނަށް ތަފާތު ކުރުމުގެ ފުރުސަތު ނުދިނުމަށް،" ރޮޒައިނާ ވިދާޅުވި އެވެ.

އެކަމާ ދެކޮޅު ހެއްދެވި އިމްތިޔާޒު ފަހުމީ ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސް ކަމަށް ނަމެއް ހުށަހެޅުމަށް ޕީޖީ ގުރޫޕްގައި ވޯޓެއް ނެގުމަކީ މީގެ ކުރިން އެމްޑީޕީއިން ކޮށްފައިވާ ކަމެއް ނޫނެވެ. އޭނާ ވަނީ ސިއްރު ވޯޓެއް ޕީޖީ ގުރޫޕްގެ ތެރޭގައި ނެގުމަކީ ވޯޓު ވިއްކުމަށް ލިބޭ ފުރުސަތެއް ކަމަށް ސިފަ ކުރައްވާފަ އެވެ. އީވާ ވެސް ވިދާޅުވީ އެޖެންޑާ 19 ގައި ވަކާލާތު ކުރީ ހުޅުވާލެވިފައިވާ މަޖިލީހަށެވެ. ފެށުން ސިއްރެއް ނުކުރެވޭނެ އެވެ.

ރޮޒައިނާގެ ހިޔާލު މުޅިން ތަފާތެވެ. އޭނާ ވިދާޅުވި ގޮތުގައި ވޯޓު ގަންނަ މީހާ ބޭނުން ވަނީ ސިއްރު ވޯޓެއް ނޫނެވެ. އޭނާ ބޭނުންވާނީ ދިން ފައިސާއާ އެއްގޮތަށް ވޯޓުލީ ތަން ފެންނަ އޮންނަ ހާމަ ވޯޓެކެވެ.

"އެހެންވެ ނޫންތޯ ކަރުދާސް ކޮޅުގައި ކުރަހާ އެކި ގޮތްގޮތަށް ވޯޓު ހާމަ ކުރަނީ،" ރޮޒައިނާގެ އޭނާގެ ޕޮއިންޓް ސާބިތުކޮށް ދެއްވި އެވެ. އެމްޑީޕީ ޕީޖީ ގުރޫޕްގެ ލީޑަރާއި ނައިބު ލީޑަރު އަބަދުވެސް ހޮވަނީ ސިއްރު ވޯޓެއް ނަގައިގެންކަން ރޮޒައިނާ ފާހަގަ ކުރެއްވި އެވެ.

ހޮވީ ރިޝްވަތުގައި ޖެހޭނެ މެންބަރުންތަ؟

އެކަމަކު މިހާރު އުފެދޭ ސުވާލަކީ ސިއްރު ވޯޓެއް ނަގަން އުޅެފިނަމަ، ރިޝްވަތު ހިފާނެ ނޫނީ ވޯޓު ވިއްކާނެ ފަދަ ކެންޑިޑޭޓުންތަކެއް އެމްޑީޕީއިން އެންޑޯޒްކޮށް ހޮވާފައި ތިބީ ހެއްޔެވެ؟

އެމްޑީޕީގެ ރައީސް އަދި މައްޗަންގޯޅި މެދު ދާއިރާއަށް އިންތިހާބުވެވަޑައިގެންފައިވާ މެންބަރު މުހައްމަދު ނަޝީދު ކެމްޕެއިން ކުރައްވަމުން ދެއްވި ޔަގީން ކަމަކީ އެއީ އެވެ. އެމްޑީޕީއިން ނެރެފައިވާ ކެންޑިޑޭޓުން ވޯޓު ނުވިއްކާނެ ކަމެވެ. ރިޝްވަތުގެ ފައިސާގައި ނުޖެހޭނެ އޭއެވެ. ނަޒާހަތްތެރިވާނެ އޭއެވެ.

އެކަމަކު އެމްޑީޕީގެ އެތެރޭގައި ނަގާ ވޯޓާއެކު، ވޯޓު ވިއްކަފާނެ ކަމުގެ ބިރު އެ ޕާޓީގެ ބައެއް ބޭފުޅުންނަށް ހީވުމަކީ ސުވާލު އުފެދޭ ކަމެކެވެ. މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައިވީ ވައުދާ ފުށު އަރާ ޝައްކެކެވެ.

"ވޯޓު ދިނީ ނަޒާހަތްތެރިވާނެ ކަމަށް ބުނީމަ، އެންމެ ސިއްރު ވޯޓަކަށް ވޯޓު ވިއްކާނެ ކަމުގެ ބިރު އޮތިއްޔާ އެއީ މައްސަލައެއް، މީގެ ތެރޭގައި އެމްޑީޕީ ނޫން މެންބަރެއް ނެތް، އަމިއްލައަށް އެންޑޯސްކުރި މެންބަރުންނާމެދު އިތުބާރު އޮންނަން ވާނެ، ނޫންނަމަ ރައްޔިތުން ކުރާނީ ކޮން އިތުބާރެއް،" ސުވާލު އުފެއްދި މީހަކު ބުންޏެވެ.

ޕާޓީ ދެ ފެކްޝަނަކަށް

އެމްޑީޕީގެ ތެރެއިން ކުއްލިއަކަށް ފެޅި މި ހިޔާލު ތަފާތުވުންތަކާއެކު، އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިއްޖެ ކަމުގެ އަޑު ގަދަވެއްޖެ އެވެ. އެގޮތުން އެމްޑީޕީގެ ބައެއް އާންމު މެންބަރުން ޓްވިޓާގައި ރޮޒައިނާއާ "ޖައްސާލި" އެވެ. އެމީހުން ބުނާ ގޮތުން ރޮޒައިނާގެ އެ ވާހަކަތަކަކީ ރައީސް ނަޝީދާ ޖައްސާލުމުގެ އަމަލެކެވެ.

އެހެންކަމުން މިހާރު އޮތީ ރައީސް ނަޝީދުގެ ފެކްޝަނާއި އެމަނިކުފާނާ ދެކޮޅު ފެކްޝަން ކަމަށް ވެދާނެ އެވެ.

އެކަމަކު އެކަމާ ރޮޒައިނާ ދެކޮޅު ހައްދަވަ އެވެ. އޭނާ ވިދާޅުވާ ގޮތުގައު އޭނާގެ ހިޔާލެއް ދެއްވީ ރައީސް ނަޝީދާ ޖައްސާލުމަށް ނޫނެވެ. ފެކްޝަން ކުރާކަވެސް ނޫނެވެ. އަދި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން މިހާރު ނެތީތޯ އޭނާ ސުވާލެއް ކުރައްވަ އެވެ.

"ޑިމޮކްރަޓިކް ޕާޓީއެއްގަ ހިޔާލު ފާޅު ކުރާ އިރަށް ބޮލަށް އަރައިގަތުން އެއީ ކޮން ކަހަލަ ޑިމޮކްރަސީއެއްތޯ؟" އޭނާ ސުވާލު އުފެއްދެވި އެވެ.

ކޮންމެ ގޮތެއް ވިޔަސް މަޖިލީހުގެ ރައީސް ކަމަށް ފައި ނަންގަވައިގެން ތިއްބެވި ބޭފުޅުންނާއެކު، ޕާޓީގެ ތެރޭގައި ކޭމްޕްތައް އުފެދޭނެ އެވެ. ޕްރައިމަރީތަކާ ދިމާކޮށް ވެސް އެ މަންޒަރުތައް ފެނެ އެވެ. ރައީސް ނަޝީދު އިސްވެ ހުންނަވާ މުހައްމަދު އަސްލަމަށް ކެމްޕެއިން ކުރައްވާއިރު އެހެން ބޭފުޅުން ވެސް ތާއީދު ހޯއްދަވަން މަސައްކަތް ކުރައްވާނެ އެވެ. ކޭމްޕް ވެސް ބޮޑު ކުރައްވާނެ އެވެ.

މަޖިލީހުގެ ރައީސް ކަމަށް އެންމެ ވާދަވެރިގެން ދާނީ އަސްލަމާއި ރޮޒައިނާއާ ދެމެދު ކަމަށް މިހާރު ފެންނަ މަންޒަރުތަކުން ވަރަށް ބޮޑަށް އެބަ ބެލެވެ އެވެ. ދެ ފެކްޝަނެއް ބެހިގެން ދާނީ އެ ދެ ބޭފުޅުންގެ ތާއީދަށް ކަމަށް ވަރަށް ބޮޑަށް ލަފާ ކުރެވެ އެވެ.

މަޖިލީހުގެ ރައީސަކު ހޮވުމަކީ މީގެކުރިން ވެސް ޝައުގުވެރި ކަމަކަށް ވެގެން ދިޔަ އެވެ. ރައީސް ޔާމީން އާއި ގާސިމް އިބްރާހިމްގެ ކޯލިޝަން ވެސް މީގެ ކުރިން ރޫޅިގެން ދިޔައީ އެކަމުގެ ތެރޭގަ އެވެ. ގާސިމްގެ ބަދަލުގައި އަބްދުﷲ މަސީހު އެ މަގާމަށް ހޮވައިގެންނެވެ. އެހެންކަމުން އަންނަ މަޖިލީހުގެ ރައީސެއް ހޮވުމަށް ހިންގާ ކަންކަމުގެ ތެރޭގައި ބުރޫ އަރައިގެން ދާނީ ކޮން ގުޅުންތަކަކަށްތޯ ބެލުމަކީ ޝައުގުވެރި ކަމަކަށް ވާނެ އެވެ.