ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
އެގޮތުން މިމަސައްކަތުގެ ދަށުން އެޓާނީ ޖެނަރަލް އަހްމަދު އުޝާމް މިއަދު ވަނީ އޮޑިޓާ ޖެނަރަލް ހަސަން ނިޔާޒީއާއި އެ އޮފީހުގެ އިސްވެރިންނާ އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިސްވެރިންނާ ބައްދަލުކުރައްވާފަ އެވެ.
ބަންޑާރަނައިބްގެ އޮފީހުން ބުނީ ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެ އޮފީހުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އޮޑިޓާ ޖެނެރަލް އާއި އޭސީސީގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މިއަދު މަޝްވަރާ ކުރެވުނު ކަމަށެވެ.
"މިކަމަކީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް،" ބަންޑާރަނައިބް އޮފީހުން ބުނެފައިވެ އެވެ.
ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ވަރަށް އިސްކަންދޭނެ ކަމެއް ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ.
ޕީއެންސީ އިން މިދިޔަ ޖޫން 23 ވަނަ ދުވަހުގެ ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރްސީގެ ތެރޭގައި ހިންގާފައިވާ ހިޔާނާތް ކަމަށެވެ. އެހެންކަމުން ވަކި މީހެއްގެ މޫނަށް ބެލުމެއް ނެތި އެފަދަ ހުރިހާ މައްސަލަތަކެއް ބަލައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅުއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"ކޮރަޕްޝަނަކަށް ވައްކަމަކަށް ނާޖާއިޒު ގޮތެއްގައި ގަވައިދާ ހިލާފަށް ކަންކަން ކުރުމަށް އެ ފުރުސަތެއް ނޯންނާނެ. އެއީ އަކީއެއް ބަދަލު ހިފުމެއް ނޫން. އެއީ އަދުލު އިންސާފު ގާއިމުކުރުން. އެކަން އޮންނަ އުސޫލުގެ ތެރެއިން ބެލުމަކީ [އަދުލު އިންސާފު ގާއިމުކުރުން]. އެހެންވީމާ ކުރީގެ ސަރުކާރުން އެކިއެކި ކުންފުނިތަކުން ވިޔަސް އެހެން ފަރާތްތަކުން ވިޔަސް ހިންގާފައި ހުރި ކަންތައްތައް ނިޒާމުގެ ތެރެއިން ބައްލަވާ އަޅުއްވަންޖެހޭ ފިޔަވަޅެއް އޮތިއްޔާ މޫނެއް ކަނދުރާއަށް ބެލުމެއް ނެތި ފިޔަވަޅު އަޅާނަން،" ރައީސް ވިދާޅުވި އެވެ.