ހަބަރު

"ބަދަލުގެ ނަމުގައި ސަރުކާރުން ދަނީ ރައްޓެހިންގެ ޖީބު ފުރަމުން"

Oct 17, 2019
3

ވައްކަމާއި ކޮރަޕްޝަނާ ދެކޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރައްޔިތުންނަށްވި ވައުދާ ހިލާފުވަމުންދާ ކަމަށާއި، ސަރުކާރުން ބަދަލު ދިނުމުގެ ނަމުގައި "ރަށްޓެހިންގެ ޖީބު ފުރަމުންދާ" ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ސަރުކާރުން މިހާތަނަށް ބަދަލުގެ ގޮތުގައި ބިލިއަަނެއްހާ ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

އޭގެ ތެރޭގައި ދީބާޖާ ކުންފުންޏަށް ދޭނެ ކަމަށް ބުނާ 348 މިލިއަން ރުފިޔާއާ، ނެކްސް ބިޒްއަށް ދޫކުރި 276 މިލިއަން ރުފިޔާއާ، ދާދި ފަހުން ނޫމަޑިއަށް ދޫކުރަން ނިންމި 848 މިލިއަން ރުފިޔާ ހިމެނެ އެވެ. އޭގެ އިތުރުން ބިގް ކުންފުންޏަށް 78 މިލިއަން ރުފިޔާ ދީފައިވާ އިރު ސީޖީޓީއަށް 22 މިލިއަން ރުފިޔާގެ ބަދަލެއް ވަނީ ދީފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއެކު އިދިކޮޅުގެ އިސް ސަފުގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ޖަމީލް މިއަދު ވިދާޅުވީ ހުކުމަކާ ނުލައި ބަދަލު ދިނުމަށްވުރެ ބޮޑު ވައްކަމެއް ނޯންނާނެ ކަމަށެވެ.

"ބަދަލުގެ ނަމުގައި ރަށްޓެހިންގެ ޖީބު ފުރަމުންދަނީ. ހުކުމާ ނުލާ މޭޒުދަށުން ނިންމާ ނިންމުމަށް ވުރެ ބޮޑު ވައްކަމެއް އޮންނާނެ؟ މުޅިންވެސް ބަދަލު ލިބެނީ ރަށްޓެހިންނަށް، ކެމްޕެއިނަށް ހަރަދުކުރި މީހުންނަށް؟،" ޖަމީލް ތުހުމަތު ކުރެއްވި އެވެ.

ރައީސް ސޯލިހު ވެރިކަމަށް އަންނަ މަހު އެއް އަހަރު ފުރޭއިރު، މިހާތަނަށް ދައުލަތުން ވަނީ ގިނަ ބަޔަކަށް ގެއްލުމުގެ ބަދަލު ދީފައެވެ. އެއީ ކުރީ ސަރުކާރުން އެއްބަސްވުންތަކެއް އުވާލައިގެން ލިބުނު ކަމަށް ބުނާ ގެއްލުންތަކެވެ. އެތައް މިލިއަނުން ބަދަލު ދެމުންދާއިރު ސަރުކާރުން އެކަން ކުރަމުން ގެންދަނީ ކޯޓްގެ ތިން މަރުހަލާ ވެސް ނިމުމުގެ ކުރިންނެވެ. އަދި ބަދަލު ދޭ ފަރާތްތަކަކީ ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކެއް ކަމުގެ ތުހުމަތުވެސް އިދިކޮޅުން ކުރެއެވެ.

އެ ފާޑުކިޔުންތަކާއެކު، ސަރުކާރުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކާ ޙަވާލުކޮށްގެން ހިންގާފައިވާ އެކި މަޝްރޫއުތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތަކުގެ ތެރެއިން، މާލީގޮތުން ދައުލަތުން ބޮޑު ބުރައެއް އުފުލަންޖެހުމުގެ ފުރުސަތު އޮތް މައްސަލަތައް ކޯޓުން ބޭރުގައި ހައްލު ކުރުމާ ގުޅޭގޮތުން ރައީސަށް ލަފާދޭ ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކުގައި، ގެއްލުމުގެ މިންވަރު ދެނެގަނެ ބަދަލުގެ ގޮތުގައި ލިބެންޖެހޭ މިންވަރު އެކަށައެޅުމަށްޓަކައި، މިނިވަން އޮޑިޓް ފާމެއް އައްޔަންކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ބޮޑެތި އަދަދުތަކުން އަމިއްލަ ކުންފުނިތަކަށް ގިނަ ފައިސާތަކެއް ދޫކުރި މައްސަލައެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ މިހާރު ތަހުގީގު ކުރަން ފަށައިފަ އެވެ.