ހަބަރު

އަމީނު މަގާމުން ވަކި ނުކުރާތީ ސުވާލު އުފައްދައިފި

Oct 17, 2020

ކޮވިޑް-19 އާ ގުޅިގެން ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ބުނެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީ އިން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވީ ނަމަވެސް، އަމީން މަގާމުން ވަކި ނުކުރާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނުކުރައްވާފައިވާ ކޮރަޕްޝަނަށް އޮތް "ޒީރޯ ޓޮލަރަންސް" ގެ ސިޔާސަތާމެދު އިދިކޮޅުން ސުވާލު އުފައްދައިފި އެވެ.

އަމީނަށް ދައުވާ ކުރަން ފޮނުވި މައްސަލައަށް އިޝާރާތް ކުރައްވައި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަން ވެފައިވަނީ ބޮޑު "ސަމާސާ"އަކަށް ކަމަށާއި، ގާނޫނު އަސާސީން މަތިކޮށްފައިވާ ބާރުވެސް އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ޖަމީލް ވިދާޅުވީ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްކަމަށް ރައީސް ސޯލިހު އިއުލާނުކުރެއްވީ ކެމްޕޭނު ފޯރީގައި ކަމަށެވެ.

"މި ކުށަށް ތަހުގީގު ކުރެވި، ދައުވާ އުފުލިޔަސް، ލަދު ގަނެ، ވަޒީފާ ގެއްލޭ ވަރުގެ ކަމެއް ނޫން. މިއީ ހަމަ ތާހިރު ގޮތްތޯ؟" އަމީންގެ މައްސަލައަށް އިޝާރާތް ކުރައްވައި، ޖަމީލް ސުވާލު އުފެއްދެވި އެވެ.

ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވެފައިވަނީ އޭސީސީއިން މިނިސްޓަރު އަމީންގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ފޮނުވާފައިވާ ކަމަށާއި އެހެން ނަމަވެސް އަދި އެ މައްސަލާގައި ވަކި ގޮތެއް ނިންމަވާފައި ނުވާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތަކެއް ހޯދުމުގައި ހެލްތު މިނިސްޓްރީން ކުރި ހަރަދުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ކޮވިޑް-19 އިގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އެ ރިޕޯޓްގައި މިނިސްޓަރު އަމީނާއި އެ މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވް އަހްމަދު އަސްލަމާއި ބިޑް ކޮމިޓީގެ އިހުމާލު އޮތް ކަމަށް ފާހަގަކޮށްފައ ވެއެވެ.

އޮޑިޓު ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައި ވަނީ ތިން ކުންފުންޏަކާ ހަވާލު ކޮށްގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ހަދާފައިވާ ބޮޑެތި ގޯސްތަކެވެ. އެންމެ ބޮޑު މައްސަލައަކީ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކިޔާ ކުންފުންޏަކާ 34 މިލިއަން ރުފިޔާ އަށް ހަވާލުކޮށް ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައި ވުމެވެ.

ވެންޓިލޭޓަރުތައް ގެންނަން އެ ކުންފުންޏާ ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ރެކަމެންޑުކޮށްގެން ކަން ދައްކަން ލިއެކިއުންތަކުގައި މަސައްކަތްކޮށްފައިވާކަމަށް ރިޕޯޓުގައި ހާމަވެފައިވާއިރު ޖުމްލަ އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކައިފަ އެވެ.

ވެންޓިލޭޓަރުގެ މައްސަލައިގައި ތަހުގީގު ފުރިހަމަ ކުރުމަށްފަހު މިކަމުގައި ބައިވެރިވި އެންމެންގެ މައްޗަށް ދައުވާކުރުމަށް ފޮނުވާނެ ކަމަށް މީގެ ކުރިން އޭސީސީން ވަނީ ބުނެފަ އެވެ. އަދި މި މައްސަލަ ފުލުހުންނާއި ގުޅިގެން ދިޔައީ ތަހުގީގު ކުރަމުންނެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލަގާއި އަމީން އަމިއްލަފުޅަށް މަސައްކަތްތަކުން އެކަހެރިވެވަޑައިގެންނެވި ފަހުން މިހާރު ދެ މަހެއްހާ ދުވަސްވެފައިވާއިރު، ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން ނުވަތަ ދައުލަތުގެ ފައިސާއިން ވައްކަން ކުރުމުގެ ނިޔަތުގައި ހެލްތު މިނިސްޓްރީގެ އެއްވެސް މުވައްޒަފަކު ކަމެއް ކޮށްފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަމީން ވަނީ ކުރިން ވިދާޅުވެފަ އެވެ.