ހަބަރު

"ކުރިއެރުން ލިބުނަސް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ނުނިމޭ"

Jan 28, 2021
5

ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ހެޔޮ ނަތީޖާތައް ފެންނަމުން ދިޔަ ނަމަވެސް، އެ މަސައްކަތް ނިމުމާ އަދި ގާތްވެސް ނުވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގައި ކޮރަޕްޝަން އޮތް މިންވަރު ދައްކައިދޭން ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ކޮންމެ އަހަރަކު ނެރޭ ރިޕޯޓް "ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް" ގައި ދުނިޔޭގެ ނިސްބަތުންވެސް ރާއްޖޭން ހޯދި ބޮޑު ކުރިއެރުމަށް އިޝާރާތް ކުރައްވައި އެވެ.

އެ ރިޕޯޓުގައިވާ ގޮތުން، މުޅި އޭޝިއާ ޕެސިފިކް ސަރަހައްދުގައި ކޮރަޕްޝަން ހުއްޓުވަން ނުކުޅެދިފައިވާއިރު، ރާއްޖޭން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި އެ ލިސްޓުގެ ފަހަތަށް ވެއްޓުމަށްފަހު، މިދިޔަ އަހަރު ރާއްޖެ ވަނީ 14 ޕޮއިންޓު މައްޗަށް ޖެހިލައިފަ އެވެ.

"ކޮރަޕްޝަން ހުއްޓުވަން ކުރާ މަސައްކަތް ނިމުމަށް އަދި ގާތްވެސް ނުވި ނަމަވެސް، ކުރާ މަސައްކަތުން ރަނގަޅު ނަތީޖާއެއް ފެންނަމުންދިޔުމަކީ ލިބޭ ހިތްވަރެއް،" ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އިންޑެކްސް ދައްކާގޮތުގައި 43 ޕޮއިންޓާއެކު ރާއްޖެ އޮތީ 183 ގައުމުގެ ތެރެއިން 75 ވަނައިގަ އެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު، ގައުމުތަކުގެ ތަރުތީބުން 55 ދަރަޖައިގެ ކުރި އެރުމެކެވެ.

އެގޮތަށް ބަލާއިރު، އެ އިންޑެކްސްގައި ރާއްޖޭން ވަނީ ފުރަތަމަ ފަހަރަށް ސަރަހައްދުގެ އެހެން ގައުމުތައްކަމަށްވާ އިންޑިއާއާއި ސްރީލަންކާއަށް ވުރެ ވެސް ކުރީގަ އެވެ. މިދިޔަ އަހަރު 40 ޕޮއިންޓާއެކު އިންޑިއާ އޮތީ 86 ވަނައިގަ އެވެ.

ދެކުނު އޭޝިއާ ސަރަހައްދުން ރާއްޖެއަށް ވުރެ ކުރީގައި އޮތް ހަމައެކަނި ގައުމަކީ ބޫޓާން އެވެ. ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ދަށުގައި ވަނީ ބަންގްލަދޭޝްއާއި އަފްޣާނިސްތާނެވެ.

ކުރީ އަހަރެކޭ އެއް ފަދައިން މި އަހަރުވެސް ކޮރަޕްޝަން އެންމެ މަދު ގައުމުގެ ޝަރަފު ހޯދާފައިވަނީ ނިއު ޒީލެންޑާއި ޑެންމާކުންނެވެ. އެ ދެ ގައުމަށްވެސް ލިބިފައިވަނީ 88 ޕޮއިންޓެވެ.

މިދިޔަ އަހަރުގެ ސީޕީއައި ހެދުމުގައި ބަލާފައިވަނީ ދުނިޔޭގެ 183 ގައުމާއި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާކަމަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށް ކޮށްފައިވާ ސާވޭތަކަށާއި، ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި ޝާއިރުކުރާ ދިރާސާތަކުގެ މައްޗަށެވެ.

މި އިންޑެކްސް ގައި ބޭނުންކުރަނީ ސުމަކުން ފެށިގެން ސަތޭކަ އާއި ދެމެދުގެ މިންގަނޑެކެވެ. އެގޮތުން ސުމަކުން ވަރަށް ކޮރަޕްޓް ގައުމުތައް ރަމްޒުކޮށްދޭ އިރު، ސަތޭކައިން ރަމްޒުކޮށްދެނީ ކޮރަޕްޝަންގެ އަމަލުތައް މަދު، ހިންގުމުގެ ނިޒާމު ސާފު އަދި ހާމަކަން ބޮޑު ގައުމުތަކެވެ.

ސީޕީއައި ގައި ގައުމުތަކަށް ލިބޭ ޕޮއިންޓް ކަނޑައަޅަނީ މަދުވެގެން ތިން މަސްދަރެއް މެދުވެރިކޮށް ހޯދާ މައުލޫމާތު އެއްކޮށްގެން ނެރެވޭ ނަތީޖާއެއް ބޭނުންކޮށްގެންނެވެ.

ސީޕީއައި ގައި ކުރި ހޯދުމަކީ ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއްކަމުގައި ވީނަމަވެސް ރާއްޖެ އަދިވެސް ހިމެނެނީ 50 އަށް ވުރެ ދަށުން ޕޮއިންޓް ލިބުނު ތިންބައިކުޅަ ދެބައި ގަމުތަކުގެ ތެރޭގައިކަން ޓްރާންސްޕޭރަންސީން ވަނީ ފާހަގަކޮށްފަ އެވެ.

އަދި ވޭތުވެދިޔަ އަހަރުތަކުގައި ގާނޫނީ ނިޒާމު ހަރުދަނާކުރުން ފަދަ ދާއިރާތަކުން ރާއްޖެ ކުރި ހޯދާފައިވީނަމަވެސް ކޮރަޕްޝަނާ ދެކޮޅަށް ފުރިހަމަކަމާއެކު މަސައްކަތް ކުރުމަށް އަދިވެސް ނުކުޅެދިފައިވާކަން މިސާވޭ އިން ދައްކާކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.