ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކޮރަޕްޝަންގެ ކުޑަ އަމަލަކަށްވެސް ނުރުހެން: ރައީސް

Dec 9, 2022
2

ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަންގެ ކިތަންމެ ކުޑަ އަމަލެއް ހިންގުމަށްވެސް އެމަނިކުފާނު ރުހިވަޑައިނުގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ މި އަހަރުގެ ބައިނަލްއަގްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބާގައި ތަހުނިޔާ ވިދާޅުވެ ފޮނުއްވި ހިތޯބުގަ އެވެ.

ރައީސް ވިދާޅުވީ ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަންގެ ކިތަންމެ ކުޑަ އަމަލެއް ހިންގުމަށްވެސް އެމަނިކުފާނު ރުހިވަޑައިނުގަންނަވާ ކަމަށެވެ. ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މާލީ އެންމެހައި ކަންކަން ގާނޫނީ އިމުގެ ތެރެއިން އަދި ފުރިހަމަ ނަޒާހަތްތެރިކަމާ އެކުގައި ކުރުމަށާއި ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި އެފަދަ މުއާމަލާތްތައް ހިންގުމަށް އަބަދުވެސް އިރުޝާދު ދެއްވަމުން ގެންދަވާފައިވާނެ ކަމުގައިވެސް ފާހަގަކުރައްވާފައިވެ އެވެ.

"ހަމައެފަދައިން ދައުލަތުގެ އެއްވެސް އިދާރާއެއްގައި ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ފަދަ އެއްވެސް އަމަލެއް ހިނގާނަމަ އެކަމެއް ވީއެންމެ އަވަހަކަށް ރިޕޯޓްކުރުމަކީ ދިވެހި ރައްޔިތުންގެ ފަރާތުން ނުހަނު ބޮޑަށް އެދޭ ކަމެއް،" ރައްޔިތުންނަށް އިލްތިމާސް ކުރައްވާ ރައީސް ވިދާޅުވި އެވެ.

އެމަނިކިފާނު ވިދާޅުވީ ކޮރަޕްޝަންގެ އަމަލުތަކަކީ ހަމައެކަނި ވަކި މުއައްސަސާއަކުން ނުވަތަ ހަމައެކަނި ސަރުކާރުން ކަނޑައަޅާ ސިޔާސަތަކުން ހުއްޓުވޭނެ ކަމެއް ނޫން ކަމަށެވެ. ކޮރަޕްޝަން ހުއްޓުވުމަށްޓަކައި މުޅި މުޖުތަމައާއި ވަކިވަކި ކޮންމެ ފަރުދެއްމެ، ކޮރަޕްޝަންގެ އަމަލުތަކާ ދެކޮޅަށް ތެދުވެ ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސްގެ ހިތާބުގައި ވަނީ ދުނިޔޭގައި ކޮރަޕްޝަން ފެތުރިފައިވާ މިންވަރު ހާމަކުރައްވައި ގައުމެއްގައި ނުވަތަ މުޖުތަމައެއްގައި ކޮރަޕްޝަންގެ އަމަލުތައް ފެތުރިއްޖެނަމަ އެކަމުގެ ގެއްލުން ނުފޯރާ އެންމެ ދާއިރާއެއްވެސް ނޯންނަ ކަންވެސް ފާހަގަކުރައްވާފަ އެވެ.

"[ކޮރަޕްޝަންގެ ސަބަބުން] އިޖުތިމާޢީ ގޮތުންނާއި އިގްތިސާދީ ގޮތުން އެތައް ގެއްލުމެއް ތަޙައްމަލުކުރަން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުން ލަސްވާ ވަރަކަށް، އެކަމުގެ ސަބަބުން ގައުމީ ތަރައްގީއަށާއި ރައްޔިތުންގެ ފުދުންތެރިކަމަށާއި، މުޖުތަމައުގެ ހަމަޖެހުމަށް ލިބޭ ގެއްލުން ވަކިން ބޮޑަށް އިތުރުވެގެންދާ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށް އެޅޭނެ އެންމެ މުހިއްމު އެއް ފިޔަވަޅަކީ އެފަދަ މައްސަލަތައް ރިޕޯޓް ކުރެވޭނެ އިތުބާރު ހުރި ނިޒާމެއް ކަނޑައެޅިފައި އޮތުމާއި ދައުލަތުގެ މާލީ އަދި އިދާރީ ހިންގުންތެރިކަމުގެ ހާމަކަމާއި ފާޅުކަން މިހާރަށް ވުރެ އިތުރުކުރުން ކަމަށެވެ. ކޮރަޕްޝަންގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމުގެ ފުރިހަމަ މިނިވަންކަމާއި އިހްތިޔާރު އެކަމާ ގުޅުންހުރި މުއައްސަސާތަކަށް ދިނުން މުހިއްމު ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ހާސިލް ކުރެވޭނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބިގެން ކަމަށެވެ. ކޮންމެ މީހަކީ، އެމީހެއްގެ އަމިއްލަ ނަފްސުން ފެށިގެން އާއިލާއާއި މުޖުތަމައުގައި ވެސް، ކޮރަޕްޝަނަށް ނޫނެކޭ ބުނާ މީހަކަށް ވެއްޖެނަމަ ކޮރަޕްޝަންގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.