ހަބަރު

އޭސީސީގެ މަސައްކަތަށް ނުފޫޒެއް ނުފޯރުވާނަން: ރައީސް

އެންޓި ކޮަރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އެއްވެސް މަސައްކަތަކަށް ސަރުކާރުން އެއްވެސް ކަހަލަ ނުފޫޒެއް ނުފޯރުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި އިއްޔެ އޭސީސީގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮމިޝަނުގެ މަސައްކަތަށް ސަރުކާރުން އަދި ސަރުކާރުގެ އެއްވެސް އޮފިޝަލަކު ނުފޫޒު ފޯރުވަން ބޭނުންވެވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން އެންމެ އިސްކަމެއް ދޭ އެއް ދާއިރާއަކީ ކޮރަޕްޝަން ހުއްޓުވުން ކަމަށެވެ.

ކޮރަޕްޝަންގެ ކަންކަމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތްތައް އޭސީސީން އިތުރު ކޮށްދިނުމަށް ވެސ ްއެ ކޮމިޝަންގެ މެންބަރުންގެ ކިބައިން ރައީސް އެދިވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި އޭސީސީގެ މެންބަރުން ވަނީ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތާކައި ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތާ ބެހޭ ގޮތުން ރައީސަށް މައުލޫމާތު ހިއްސާ ކޮށްފަ އެވެ. ކޮމިޝަނަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން މަޝްރޫއެއްގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް އަންގާ ހާލަތްތަކުގައި އޭސީސީން އަމަލު ކުރާ އުސޫލުތަކުގެ މައުލޫމާތު ވެސް ހިއްސާ ކުރެއްވި އެވެ.

އޭސީސީގެ މެންބަރުން ރައީސް ސޯލިހާ އިއްޔެ ބައްދަލު ކުރީ އޭސީސީން ބަލަމުންދާ މައްސަލަތަކާ ގުޅިގެން މަޝްރޫއުތައް ހުއްޓާލަން އަންގާ ހާލަތްތަކުގައި، ތަރައްގީގެ ބައެއް މުހިއްމު މަޝްރޫއުތައް ހިންގަން ލަސްތަކެއް ވަމުންދާ ކަމަށް ވިދާޅުވެ ރައީސް ކަންބޮޑުވުން ފާޅު ކުރައްވާފައި ވަނިކޮށެވެ.

ރައީސް އެ މޭރުމުން ވިދާޅުވީ މިދިޔަ ހަފުތާ އުތުރުގެ އަތޮޅުތަކުގައި ކުރިއަށް ގެންދިޔަ އެމްޑީޕީގެ ހަރަކާތްތަކުގެ ތެރެއިން ހދ. ވައިކަރަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.