އެންޓި ކޮރަޕްޝަން ކޮމިޝަނަށް އައު ފަސް މެންބަރަކު މިއަދު އައްޔަން ކުރައްވައިފި އެވެ.
އެންޓިކޮރަޕްޝަން ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަންކުރެއްވި ބޭފުޅުންނަކީ ތ.ވިލުފުށި ރަތްވިލާގެ، އާދަމް ޝާމިލް އާއި ށ. ނަރުދޫ ހަވާ އަބްދުއްސަލާމް އާއި އދ. މާމިގިލީ ކަޅިހާރުގޭ ތާހާ މުޙައްމަދު އާއި ހދ. ނޮޅިވަރަންފަރު ރިހިވިލު، ޝަޒްނާ ހާޝިމް އަދި ރ.ހުޅުދުއްފާރު ނާރެސް، ޝިޔާމާ މުޙައްމަދު އެވެ.
މި ބޭފުޅުންގެ ތެރެއިން އާދަމް ޝާމިލް އެންމެފަހުން ހުންނެވީ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިންވެސްޓިގޭޝަން އެންޑް ލީގަލް ޑިޕާޓްމަންޓުގެ ޑިރެކްޓަރެއްގެ މަޤާމުގައެވެ. އާދަމް ޝާމިލް ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މާސްޓާ އޮފް ލޯސް ހާސިލު ކުރައްވާފައެވެ.
ޢަބްދުއްސަލާމް އެންމެފަހުން ހުންނެވީ ވަނީ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރުގެ މަޤާމުގައެވެ. ޢަބްދުއްސަލާމް ވަނީ ޤައުމީ ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ހާސިލު ކުރައްވާފައެވެ.
ޠާހާ މުޙައްމަދު ހުންނެވީ "ދަ ލިޓިޖެންޓްސް އެލް.އެލް.ޕީ"ގެ ޕާޓްނަރެއްގެ ގޮތުގައެވެ. މީގެ އިތުރުން ޠާހާ މުޙައްމަދު ވަނީ ރައީސުލްޖުމްހޫރިއްޔާ އުފައްދެވި "ފްލެޓްތަކުގެ މައްސަލަބަލާ ކޮމެޓީ"ގެ މެންބަރުކަން ވެސް ކުރައްވާފައެވެ. އޭނާ ވަނީ ޤައުމީ ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ހާސިލު ކުރައްވާފައެވެ.
ޝަޒްނާ ހާޝިމް އެންމެފަހުން ހުންނެވީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑިރެކްޓަރެއްގެ މަޤާމުގައެވެ. ޝަޒްނާ ހާޝިމް ވަނީ މިސްރުގެ އަލް އަޒްހަރު ޔުނިވަރސިޓީން ބެޗްލަރސް ޑިގްރީ އިން ކޮމަރސް (އެކައުންޓިން) ހާސިލުކުރައްވާފައެވެ.
ޝިޔާމާ މުޙައްމަދު އެންމެފަހުން ހުންނެވީ އިލެކްޝަންސް ކޮމިޝަނުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަޤާމުގައެވެ. ޝިޔާމާ މުޙައްމަދު ވަނީ ވިލާ ކޮލެޖުން މާސްޓަރ އޮފް ޝަރީޢާ ހާސިލު ކުރައްވާފައެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މި ފަސް ބޭފުޅުންނަށް އެންޓިކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނެވެ.