އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެެންބަރު ކަމަށް ކުރިމަތިލާ މީހުންނަށް ގާނޫނުން ލިބިދޭ ހައްގުތައް ދިނުމަށް އެދި އެ ކަމަށް ކުރިމަތިލެއްވި އިސްމާއީލް ޒަރިޔަންދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުއްވައިފި އެވެ. ދައުލަތަށް 32 އަހަރު ހިދުމަތް ކުރައްވާފައިވާ ޒަރިޔަންދުގެ ސިޓީގައި ހައްގު ގެއްލިފައިވާ ސަބަބު ވަރަށް ބޮޑަށް ތަފްސީލު ކޮށްދީފައިވެއެވެ.
ޒަރިޔަންދުގެ ސިޓީގައި ޑިސެންބަރު 2، 2021 ގައި އޭސީސީ އިން ހުސްވެފައިވާ މެންބަރު ކަމަށް އޭނާ ކުރިމަތިލައްވާފައި ވަނިކޮށް އޭސީސީގެ މެންބަރުން ހޯދުމަށް އާންމުކޮށް އިއުލާނުކޮށް އެކަމަށް އިޖާބަދިން މީހުންގެ ނަންތައް މަޖިލީހުގެ މައުލޫމާތަށްޓަކައި އެ މަޖިލީހަށް ފޮނުވަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވާކަން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ފެބްރުއަރީ 24 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޖިލީހަށް ފޮނުވި ލިސްޓްގައި އޭނާގެ ނަން ހިމެނިފައި ނެތުމުން ގާނޫނުން އޭނާއަސް ލިބެން ޖެހޭ ހައްގެއް ގެއްލިފައިވާ ކަމަށް ވަނީ ބުނެފައެވެ.
އެހެން ކަމުން އެ ހައްގު ލިބިގަތުމަށް އިއުތިމާސް ކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ގާނޫނީ ވަކީލުން ލަފާ ދީފައިވާތީ އެކަން ރައީސް ސޯލިހްގެ ސަމާލު ކަމަށް ވަނީ ގެނެސްފައެވެ.
ޒަރިޔަންދުގެ ސިޓީގައި ވިދާޅުވީ އޭސީސީގެ މެންބަރު ކަމުން އަލީ އަޝްރަފު އިސްތިއުފާ ދެއްވުމުން އެ ހުސްވި މަގާމަށް ޑިސެންބަރު 16، 2021 ގައި އޭނާ ކުރިމަތިލީ ތިން މަސް ދުވަހުގެ މުއްދަތު ހިމެނޭ ގާނޫނީ ފޯމްތަކަކާއި އެ މަގާމަށް ކުރިމަތިލުމަށް ދައުލަތާއެކު ވެވޭ އިގުރާރެއްގައި ސޮއިކޮށްފައި ކަމަަށެވެ. އަދި އެ ހުށައެޅުމާއެކު އެ އިގްރާރާއި އެ ފޯމްތަކާ ގުޅޭގޮތުން އޭނާއާ މުއާމަލާތް ކުރެވޭ ގޮތަށް އެޑްރެހާއި ފޯން ނަންބަރާއި އީމެއިލް އެޑްރެސް ރައީސް އޮފީހުގައި ރެކޯޑް ކުރެވިފައިވާނެ ކަމަށެވެ.
އޭރު އޭސީސީގައި ހަތަރު މެންބަރަކު މަގާމުގައި ތިއްބެވިއިރު މަގާމުން އިސްތިއުފާ ދެއްވި މެންބަރު އިސްތިއުފާ ދެއްވިތާ 60 ދުވަހުގެ ތެރޭގައި މެންބަރަކު އައްޔަން ކުރަން ޖެހޭ ކަމަށް ގާނޫނުގައި ބުނާނަމަވެސް އެ މުއްދަތު ހިނގަމުން ދަނިކޮށް އޭސީސީގެ މެންބަރުން ކަމުން އިބްރާހިމް ޝަކީލް އިސްތިއުފާ ދެއްވުމުން އެ މަގާމަށް އިތުރަށް ކުރިމަތިލާފައިނުވަނީ ދައުލަތުގެ މައްޗަށް މަތިކުރެވިފައިވާ މަސްއޫލިއްޔަތު އަދާ ކުރައްވާނެ ކަމަށް އިތުބާރުކޮށް ކުރިން ހުސްވި މަގާމަށް ކުރިމަތިލި އިގުރާރުގެ މަތީގައި ހުރުމުން ކަމަށެވެ.
މީގެ އިތުރުން އޭސީސީގައި ދެން ތިއްބެވި ތިން މެންބަރުން މަގާމުން އިސްތިއުފާ ދެއްވުމުން ރައީސް އޮފީހުން ކުރި އިއުލާނުގައި ކުރީން ކޮށްފައިވާ ދެ އިއުލާން ބާތިލުކޮށްފައިވާ ކަމަށް ލިޔެފައިވީނަމަވެސް އެ މާއްދާގެ ދަށުން މަގާމުތަކަށް ކުރިމަތިލާފައިވާ މީހުން ހުށައަޅާފައިވާ އިގުރާރާއި ގާނޫނީ ލިޔުންތައް ބާތިލުކުރިކަން އިއުލާނުގައި ނެތް ކަމަށެވެ. އަދި އިސްތިއުފާ ދޭ މެންބަރުން ހޯދުމުގައި ގާނޫނުގައި ބަޔާން ކުރާ މުއްދަތު އިތުރުކުރުމުގެ ފުރުސަތު ދައުލަތަށް ދީފައިވާ ކަމަށް އެ ގާނޫނުން އެކަން ނެތް ކަމަށްވެސް ޒަރިޔަންދުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
"... އެހެން ކަމުން އެ އިއުލާން އާއި ގުޅިގެން އަޅުގަނޑު އިތުރު ހުށައެޅުމެއް ހުށައަޅާފައި ނުވަނީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރު ކަމަށް މީހުން ހޯދުމަކީ ސަރުކާރުގެ އާންމު މަގާމުތަކަށް މީހުން ހޯދުމުގައި ކަންކުރާ އުސޫލުން ހިނގާ ކަަމަށް ނުވެފައި ގާނޫނުގައި ވަކި ގޮތަކަށް ބަޔާންވެފައިވާ އިޖުރާއަތްތަކެއް ހިމެނޭ ކަމަކަށް ވީ ހިނދު، އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން ސީދާ ގޮތުގައި ދައުލަތާއެކު އިގުރާރުވެ މުއާމަލާތް ކުރެވިފައިވާތީ އަދި ދިވެހިރާއްޖޭގެ ވޭތިވެދިޔަ 53 އަހަރުގެ ރިޔާސީ މާޒީގައިވެސް ސަރުކާރުގެ އިދާރާތަކުން ކަންކުރާ ގޮތަކީ މިފަދަ އިގުރާރާއި [ލިޔުންތަކުގެ މުއްދަތު ހަމަވާ ތާރީހު ކަނޑައެޅިފައިވާ] ގާނޫނީ ފޯމެއް ހުށައެޅޭ މުއާމަލާތްތަކުގައި އެ ލިޔުންތަކުގެ މުއްދަތުގެ ތެރޭގައި ކުރަންޖެހޭ މުއާމަލާތްތަކާއި އެ ލިޔުންތައްް ބާތިލުކުރާނަމަ އެ ކަމެއްގެ މައުލޫމާތު ސީދާ ގޮތުގައި އެ ލިޔުމެއް ހުށަހެޅި ފަރާތާއެކު ކުރުމެވެ. ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަން އިން އިސްތިއުފާ ދެއްވި ފުރަތަމަ މެންބަރު އިސްތިއުފާ ދެއްވިތާ 60 ދުވަހުގެ ތެރޭގައި [2 ފެބްރުއަރީ 2020 ގެ ނިޔަލަށް] ނުވަތަ މެންބަރުން ހޯދުމަށް ކުރެއްވި އިއުލާންތަކުގެ މުއްދަތު ހަމަވުމާއި ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަޅުގަނޑާއި އެއްވެސް މުއާމަލާތެއް ކުރައްވާފައެއް ނެތެވެ،"
ޒަރިޔަންދުގެ ސިޓީގައި މަޖިލީހަށް ފޮނުވި ނަން ލިސްޓްގައި އޭސީސީގެ މެންބަރު ކަމަށް ކުރިމަތިލީ މީހެއްގެ ގޮތުގައި އޭނާގެ ނަން ހިމެނިފައި ނެތުމުން އޭނާގެ މަސައްކަތަށް ތާއީދުކުރާ އެތައް ބަޔަކު އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ. އެހެން ކަމުން ރައީސްގެ "ކޮރަޕްޝަން" ހުއްޓުވުމުގެ ވައުދު ފުއްދުމުގައި އޭސީސީގައި އިންނަވަން ރައީސަށް ފެނިވަޑައިގަންނަވާ ނަންތަކުގެ ތެރޭގައި އޭނާގެ ނަން ހިމެނިފައި ނެތަސް ގާނޫނުގައި ބަޔާން ކުރާ އުސޫލުން އޭސީސީގެ މެންބަރު ކަމަށް ކުރުމަތިލީ މީހެއްގެ ގޮތުގައި އޭނާގެ ނަން މަޖިލީހަށް އަންގައިވައިދެއްވުމަށް ޒަރިޔަންދު ވަނީ އެދިވަޑައިގެންފައެވެ.
މި ސިޓީ ޒަރިޔަންދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށްވެސް ފޮނުއްވާފައެވެ. އަދި އޭނާގެ ހައްގު ގެއްލިފައިވާކަން މަޖިލީހުގެ ސަމާލު ކަމަށް ވަނީ ގެނެސްފައެވެ.
ހުސްވެފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރު ކަމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވެވި ނަންތައް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ. އަދި އެ ނަންތައް ދިރާސާ ކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައި ކޮމެޓީ އަށް ނަންތައް ވަނީ ފޮނުއްވައިފަ އެވެ.
ރައީސް ފޮނުއްވި ނަންތައް
- އާދަމް ޝާމިލް- ރަތްވިލާގެ/ ތ. ވިލުފުށި
- އަބްދުއް ސަލާމް- ހަވާ/ ށ. ނަރުދޫ
- ތޯހާ މުހައްމަދު- ކަޅި ހާރުގެ/ އދ. މާމިނިގިލި
- ޝަޒްނާ ހާޝިމް- ރިހިވިލު/ ހދ. ނޮޅިވަރަންފަރު
- ޝިޔާމާ މުހައްމަދު- ނާރެސް/ ރ. ހުޅުދުއްފާރު
އޭސީސީގެ މެންބަރުންގެ ގޮތުގައި އެންމެ ފަހުން ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތިމަތު އަނޫލާ އާއި މެންބަރު އައިޝަތު އަބްދުﷲ އެވެ. މި ތިން ބޭފުޅުން އިސްތިއުފާ ދެއްވެވީ މިދިޔަ ޑިސެންބަރު މަހުގެ 27 ވަނަ ދުވަހު އެވެ. އެ ބޭފުޅުންގެ ކުރިން އަލީ އަޝްރަފާއި، އިބްރާހީމް ޝަކީލް ވެސް ވަނީ އޭސީސީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ. އަޝްރަފް އިސްތިއުފާ ދެއްވީ ޑިސެމްބަރު ދެވަނަ ދުވަހު އެވެ. ޝަކީލް އިސްތިއުފާ ދެއްވީ ޑިސެންބަރު 15 ވަނަ ދުވަހު އެވެ.
އޭސީސީއަށް މެންބަރުން އައްޔަންކުރުމަށް ރައީސް ސޯލިހް މަޖިލީހަށް ނަންތަކެއް ފޮނުއްވީ މިމަހުގެ 23 ވަނަ ދުވަހު އެވެ.
މަޖިލީހަށް ނަންތައް ފޮނުއްވީ ގާނޫނުގައި އެކަން ކުރަން ބުނެފައިވާ މުއްދަތުގެ ފަހުންނެވެ. އޭސީސީގެ ގާނޫނުގައި އެ ކޮމިޝަންގެ މެންބަރަކު އިސްތިއުފާ ދެއްވައިފިނަމަ އެ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މީހަކު އައްޔަންކުރަންވާނެ ކަމަށް ބުނެފައިވެ އެވެ.