ސަރުކާރުގެ ދެ މިނިސްޓްރީއެއްގެ މަސައްކަތްތަކަށް ބަދަލުތަކެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މަސައްކަތްތަކަށް ބަދަލު ގެނައުމަށް ނިންމާފައިވަނީ ޕްލޭނިން މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އަށެވެ.
މިބަދަލު ގެނައުމަށް ނިންމަވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުއްވި ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.
ޕްލޭނިން މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރެއިން ބަދަލު ގެނެސްފައިބަނީ އެ މިނިސްޓްރީގެ ދަށުގައި އޮންނަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ބައެއް މަސައްކަތްތަކަށެވެ.
ހެލްތު މިނިސްޓްރީގެ މަސައްކަތްތަކަށް ބަދަލު އައީ ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓުމެންޓުގެ ނަމުގައި ސަރުކާރުގެ އިދާރާއަށް އުފައްދައި އެ އިދާރާއަކީ ހެލްތު މިނިސްޓްރީގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅިގެންނެވެ.
ސަރުކާރުގެ މިނިސްޓްރީތަކުގެ މަސައްކަތްތަކަށް ބަދަލު ގެނެސްފިނަމަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ ބަދަލެއް ފާސްކުރަންޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވެ އެވެ.