ރައްޔިތުންގެ މަޖިލީހުގެ ހިނގަމުންދާ ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ނިންމާފައިވާ 22 ބިލްގެ ތެރެއިން ހަތް ބިލް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
ރައީސް އޮފީހުން މި މައުލޫމާތު ހާމަކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވި ވާހަކަފުޅަކާ ގުޅިގެންނެވެ. ރައީސް ނަޝީދު މިއަދު ވިދާޅުވީ މަޖިލީހުގެ ހިނގަމުންދާ ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ނިންމާފައިވާ 22 ބިލްގެ ތެރެއިން މިއަދުގެ ނިޔަލަށް ލިބިފައިވަނީ ދެ ބިލް ކަމަށެވެ. އެއީ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ކުނި ނައްތާލުމާއި މެނޭޖުކުރުމުގެ ބިލް އެކަނި ކަމަށެވެ.
މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވީ 17 މެއިގައި އޮތް ޖަލްސާގަ އެވެ. ކުނި ނައްތާލުމާއި މެނޭޖުކުރުމުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވީ 16 މެއިގައި އޮތް މަޖިީހުގެ ޖަލްސާގަ އެވެ.
މަޖިލީހުގެ މިދައުރު ފެށީ މިމަހުގެ 16 ވަނަ ދުވަހު އެވެ. ދައުރު ނިންމާލާނީ ކުރިއަށް އޮތް ޖޫން 30 ދުވަހު އެވެ.
ރައީސް އޮފީހުން މިރޭ ބުނީ މަޖިލީހުގެ ހިނގަމުންދާ ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ނިންމާފައިވާ 22 ބިލްގެ ތެރެއިން ހަތް ބިލް މިހާރު މަޖިލީހަށް ފޮނުވާފައިވާނެ ކަމަށެވެ. ނަމަވެސް ބިލްތައް ފޮނުވި ދުވަހެއް ސަރުކާރުން ބުނެފައެއް ނުވެ އެވެ.
ސަރުކާރުން މަޖިލީހަށް ފޮނުވި ހަތް ބިލަކީ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ޖުޑިޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ކުނި ނައްތާލުމާއި މެނޭޖުކުރުމުގެ ބިލްގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
މިދައުރަށް ސަރުކާރުން ހުށަހަޅާ ބިލްތައް
- ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ޖުޑިޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ދައުލަތުގެ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ކުނި ނައްތާލުމާއި މެނޭޖުކުރުމުގެ ބިލް
- ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް
- ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލް
- ދިވެހިރާއްޖޭގެ ފޮރިން އިންވެސްޓްމަންޓް ބިލް
- އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- އާބިޓްރޭޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- މޯލްޑިވްސް ހެލްތު ސާވިސަސްގެ ބިލް
- ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލް
ރައީސް އޮފީހުން ބުނީ ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލްތަކުގެ މަސައްކަތް މަޖިލީހުން ކުރިއަށް ގެންދާ ކަމަށް އެ އިދާރާއިން މައުލޫމާތު ދީފައިވާ ކަމަށެވެ. ބާކީހުރި ބިލުތައް މަޖިލީހުގެ ދައުރު ނިމުމުގެ ކުރިން ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
"މިފަދަ ބިލްތަކަކީ ފަންނީ އަދި އެހެނިހެން ހޯދުންތަކުގެ އަލީގައި ޑްރާފްޓްކުރެވޭ ބިލްތަކެކެވެ. އަދި ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ބިލްތައް ހުށަހެޅުމަށް ސަރުކާރުން އަބަދުވެސް އިސްކަންދެމެވެ. ސަރުކާރުން ހުށަހަޅާ ބިލްތަކުގެ މަސައްކަތް މަޖިލީހުން އަވަސް ކޮށްދެއްވައި، އަވަހަށް ފާސްކޮށްދެއްވުމުގެ މުހިންމުކަން ފާހަގަކުރަމެވެ." ރައީސް އޮފީހުން މީޑިއާ އަށް ފޮނުވި މެސެޖުގައިވެ އެވެ.