ބައިނައްލުގުވާމީ ދެ މުއާހަދާއެއްގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވި ސިޓީގައި ވަނީ އިންޓަނޭޝަނަލް މޯބައިލް ސެޓަލައިޓް އޯގަނައިޒޭޝަން (އިމްސޯ) މުއާހަދާގައި ބައިވެރިވުމަށާއި އިންޓާނޭޝަނަލް އެސޯސިއޭޝަން އޮފް މެރިން އެއިޑްސް ޓު ނެވިގޭޝަން އެންޑް ލައިޓް ހައުސް އޮތޯރިޓީސް (އައިއޭއެލްއޭ) މުއާހަދާގައި ބައިވެރިވުމަށް ހުށަހަޅުއްވާފަ އެވެ.
އައިއޭއެލްއޭ އަކީ ނޯޓިކަލް ތަޖުރިބާއާއި ލަފާ އެއްކުރުމާއި ދިނުމަށް 1957 ވަނަ އަހަރު އުފެއްދި ބައިނައްލަގުވާމީ ޖަމިއްޔާ އެކެވެ. އަދި އިމްސޯއަކީ އިންމާސެޓް ސެޓެލައިޓް މެދުވެރިކޮށް ފޯރުކޮށްދޭ ޕަބްލިކް ސެޓެލައިޓް ސޭފްޓީ އަދި ސެކިއުރިޓީ ކޮމިއުނިކޭޝަން ހިދުމަތްތައް ބަލަހައްޓާ ބައިނައްލަގުވާމީ ޖަމިއްޔާ އެކެވެ.
ރާއްޖެއިން މި ދެ މުއާހަދާގައި ބައިވެރިވުމަށް ފެނިވަޑައިގަންނަވާ ކަމަށް ވަޒީރުންގެ މަޖިލީހުން ވަނީ ރައީސް ސޯލިހަށް މަޝްވަރާ އަރުއްވާފަ އެވެ.
މި ދެ މުއާހަދާގައި ބައިވެރިވުމުގެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މިއަދު ވަނީ ފޮނުވާފަ އެވެ. އަދި އެ ކޮމިޓީން އެކަން ދިރާސާކުރުމަށް ފަހު ރިޕޯޓް ނިންމުމުން މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާ ގޮތްތަކެއް ނިންމާނެ އެވެ.
ގާނޫނޫއަސާސީގައި ބުނެފައިވަނީ ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ކުރާ ފަރާތުން ބައިވެރިވާ ބައިނައްލަގުވާމީ މުއާހަދާތަކުގެ މައްޗަށް އަމަލުކުރަން ވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކުރުމަށްފަހު އެ މަޖިލީހުން ނިންމާ ގޮތުގެ މަތިނ ް ކަމަށެވެ.