އޭސީސީ

އޭސީސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ހުސްވެފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކޮށްފި އެވެ،

އޭސީސީގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވި ފަހުން އެ ކޮމިޝަން މެމްބަރުކަމަށް ކުރިމަތިލާން އެންމެ ފުރަތަމަ ހުޅުވާލީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ. އަދި މާދަމާއާ ހަމައަށް އެ ފުރުސަތު އޮތީ ހުޅުވާލައިފަ އެވެ. ނަމަވެސް މިއަދު ވަނީ މި ފުރުސަތު މިމަހުގެ 31 ވަނަ ދުވަހުގެ މެންދުރު 12:30 އިގެ ނިޔަލަށް އިތުރު ކޮށްފަ އެވެ.

އޭސީސީގެ މެންބަރުންގެ ގޮތުގައި އެންމެ ފަހުން ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތިމަތު އަނޫލާ އާއި މެންބަރު އައިޝަތު އަބްދުﷲ އެވެ. މި ތިން ބޭފުޅުން އިސްތިއުފާ ދެއްވެވީ މިދިޔަ މަހު 27 ވަނަ ދުވަހު އެވެ. އެ ބޭފުޅުންގެ ކުރިން އަލީ އަޝްރަފާއި، އިބްރާހީމް ޝަކީލް ވެސް ވަނީ އޭސީސީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ. އަޝްރަފް އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ ދެވަނަ ދުވަހު އެވެ. ޝަކީލް އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.

އޭސީސީގެ މެންބަރުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅީ ކޮމިޝަންގެ މަސައްކަތްތަކާއި މެންބަރުންގެ މަސައްކަތްތައް އޮޑިޓް އޮފީސް މެދުވެރިކޮށް އޮޑިޓް ކުރުމަށް ފަހު އެވެ. އޮޑިޓް ރިޕޯޓްގެ ދިފާއުގައި އޭސީސީގެ މެންބަރުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ އޮޑިޓް އޮފީހުން، އޭސީސީގެ ޕާފޯމަންސް އޮޑިޓެއް ހަދައި އެކުލަވާލި ރިޕޯޓްގައި ކޮމިޝަންގެ ގިނަ ކަންތައްތަކަކަށް ރިއާޔަތް ކޮށްފައި ނުވާ ކަމަށެވެ. އަދި އެ އޮޑިޓް ހަދާފައިވަނީ ކޮމިޝަނަށް އެންމެ ފަހުން އައްޔަންކުރެއްވި މެންބަރުންގެ ދައުރުގައި ހިނގި މަސައްކަތްތަކަށް އެކަނި ބަލައިގެން ނޫން ކަމަށްވެސް ބުނެފައިވެ އެވެ.

މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ނިންމާލުމަށް ފަހު މެންބަރުން ޗުއްޓީއަށް ވަޑައިގަތުމުގެ ކުރިން އޮޑިޓް ރިޕޯޓާއެކު އޭސީސީގެ މެމްބަރުންނަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަަމަށް ނިންމައި އޭސީސީގެ މެމްބަރުން ވަކިކުުރުމަށް ކޮމިޓީން ކުރިން ވެސް އޮތީ ފާސްކޮށްފަ އެވެ.

ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާތަކެއް ބާއްވަން ނިންމީ ވެސް އެ މައްސަލާގައި ގޮތެއް ނިންމުމަށް މަޖިލީހުގެ މެންބަރުންތަކެއް ސޮއި ކުރައްވާ މަޖިލީހުގެ ރައީސް އަށް ހުށަހެޅުއްވުމާ ގުޅިގެންނެވެ.

ދައުރުން ބޭރުގައި މިދިޔަ މަހު 16 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާތައް ފެށުމަށް ފަހު އެ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ތަޅުމުން ވަނީ އޭސީސީގެ މެންބަރުން ވަކި ކުރުމުގެ މައްސަލަ ފަށައި އެ މައްސަލަ ކޮމިޓީއަށް ފޮނުވާފަ އެވެ. އޭގެ ފަހުން އޭސީސީގެ މެންބަރުން އިސްތިއުފާ ދެއްވާފައި ވަނީ އެ ބޭފުޅުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިދިޔަ މަހުގެ 26 ވަނަ ދުވަހު ދެވަނަ ފަހަރަށް ފާސް ކޮށްފައި ވަނިކޮށެވެ.