އޭސީސީ

އޭސީސީގެ މެންބަރު ކަމަށް ހުޅުވާލައިފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސުތު މިއަދު ހުޅުވާލައިފި އެވެ.

އޭސީސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލާފައި މިވަނީ އެ ކޮމިޝަންގައި އެންމެ ފަހުން ތިއްބެވި ތިން މެންބަރުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.

މެންބަރު ކަމަށް ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 17ވާ ހޯމަ ދުވަހުގެ މެންދުރު 12:30ގެ ނިޔަލަށެވެ.

ރައީސް އޮފީހުން ބުނީ އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިގުރާރާއި، ކުށުގެ ރެކޯޑް ފޯމު ދޫކުރުމާއި، ފޯމުތަކާއި އިގުރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 އަދި 17 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރު 12:30 އަށް އެ އޮފީހުން ކަމަށެވެ.

ކޮމިޝަންގެ މެންބަރުންގެ ގޮތުގައި އެންމެ ފަހުން ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބް ރައީސް ފާތިމަތު އަނޫލާ އާއި މެންބަރު އައިޝަތު އަބްދުﷲ އެވެ. މި ތިން ބޭފުޅުން އިސްތިއުފާ ދެއްވެވީ މިދިޔަ މަހު 27 ވަނަ ދުވަހު އެވެ. އެ ބޭފުޅުންގެ ކުރިން އަލީ އަޝްރަފާއި، އިބްރާހީމް ޝަކީލް ވެސް ވަނީ އޭސީސީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ. އަލީ އަޝްރަފް އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ ދެވަނަ ދުވަހު އެވެ. ޝަކީލް އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.

އޭސީސީގެ މެންބަރުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅީ ކޮމިޝަންގެ މަސައްކަތްތަކާއި މެންބަރުންގެ މަސައްކަތްތައް އޮޑިޓް އޮފީސް މެދުވެރިކޮށް އޮޑިޓް ކުރުމަށްފަހު އެވެ. އޮޑިޓް ރިޕޯޓްގެ ދިފާއުގައި އޭސީސީގެ މެންބަރުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ އޮޑިޓް އޮފީހުން، އޭސީސީގެ ޕާފޯމަންސް އޮޑިޓެއް ހަދައި އެކުލަވާލި ރިޕޯޓްގައި ކޮމިޝަންގެ ގިނަ ކަންތައްތަކަކަށް ރިއާޔަތް ކޮށްފައި ނުވާ ކަމަށެވެ. އަދި އެ އޮޑިޓް ހަދާފައިވަނީ ކޮމިޝަނަށް އެންމެ ފަހުން އައްޔަންކުރެއްވި މެންބަރުންގެ ދައުރުގައި ހިނގި މަސައްކަތްތަކަށް އެކަނި ބަލައިގެން ނޫން ކަމަށްވެސް ބުނެފައިވެ އެވެ.

މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ނިންމަވާލެއްވުމަށްފަހު މެންބަރުން ޗުއްޓީ އަށް ވަޑައިގަތުމުގެ ކުރިން އޮޑިޓް ރިޕޯޓާ އެކު އޭސީސީގެ މެމްބަރުންނަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަަމަށް ނިންމައި އޭސީސީގެ މެމްބަރުން ވަކިކުުރުމަށް ކޮމިޓީން ކުރިން ވެސް އޮތީ ފާސްކޮށްފަ އެވެ.

ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާތަކެއް ބާއްވަން ނިންމީ ވެސް އެ މައްސަލާގައި ގޮތެއް ނިންމުމަށް މަޖިލީހުގެ މެންބަރުންތަކެއް ސޮއިކުރައްވާ މަޖިލީހުގެ ރައީސް އަށް ހުށަހެޅުއްވުމާ ގުޅިގެންނެވެ.

ދައުރުން ބޭރުގައި މިދިޔަ މަހު 16 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާތައް ފެށުމަށްފަހު އެ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ތަޅުމުން ވަނީ އޭސީސީގެ މެންބަރުން ވަކިކުރުމުގެ މައްސަލަ ފަށައި އެ މައްސަލަ ކޮމިޓީއަށް ފޮނުވާފަ އެވެ. އޭގެ ފަހުން އޭސީސީގެ މެންބަރުން އިސްތިއުފާ ދެއްވާފައި ވަނީ އެ ބޭފުޅުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިދިޔަ މަހުގެ 26 ވަނަ ދުވަހު ދެވަނަ ފަހަރަށް ފާސްކޮށްފައި ވަނިކޮށެވެ.