އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަލުން އެކުލަވާލި ނަމަވެސް ކޮރަޕްޝަންގެ މައްސަލަތައް ނުބެލޭނެ ކަމަށް ކުރީގެ ނާއިބު ރައީސް އަދި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
އޭސީސީގައި މެންބަރަކު ނެތި އެ ކޮމިޝަން ގާނޫނީ ހުސްކަމެއްގައި ވަނިކޮށް ކޮމިޝަނަށް އައު މެންބަރުން އައްޔަން ކުރެއްވީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. އެ ކޮމިޝަނުން ވަނީ ބަދަލުތަކަކާއެކު މަސައްކަތް ބައްޓަން ކުރާނެ ޕްލޭނެއް އެކުލަވާލާފައެވެ.
އޭސީސީގެ މަސައްކަތްތަކާއިމެދު އޮތް ކަންބޮޑުވުން ފާޅުކުރައްވާ ޖަމީލް ވިދާޅުވީ އަލަށް އައްޔަންކުރި އޭސީސީ މެންބަރުންގެ މަސައްކަތްވެސް ރައީސުލްޖުމްހޫރިއްޔާއާ ހަމައިން ހުއްޓޭނެ ކަމަށެވެ. ޖަމީލް ވިދާޅުވީ މި ސަރުކާރުން ހިންގި ވެންޓިލޭޓަރުގެ ހިޔާނާތާއި ރައީސް ސޯލިހަށް ތުހުމަތު ކުރެވޭ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ނުބެލޭނެ ކަމަށެވެ.
"ވަޒީފާގެ ބިރު އޮވެ ތިކަން ނުވާނެ. އެ ޕާޓީން [އެމްޑީޕީ] އެ ވާހަކަ އެ ދައްކަނީ. ރޯޔަލް ރޭޕް، ކޮރަޕްޝަން ބެލޭނެތޯ،" ސަފާރީއެއްގައި ހިނގި ކަަމަށް ބުނާ ރޭޕްގެ މައްސަލަ އާއި މި ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކަށް އިޝާރާތް ކުރައްވާ ޖަމީލް ސުވާލު ކުރެއްވިއެވެ.
މި މަހުގެ ފަސްވަނަ ދުވަހު އޭސީސީގެ މެންބަރުން ބޭއްވި ފުރަތަމަ ނޫސްވެރީންގެ ބައްދަލްވުމުގަައި ކޮމިޝަންގެ މެމްބަރުން ވަނީ މަސައްކަތްތައް ބައްޓަން ކުރާނެ ޕްލޭނާއި އަދި މަސައްކަތްތައް ތަހުގީގު ކުރުންފަދަ ކަންކަމުގައި ގެންނަންޖެހޭ ބަދަލުތައް ނޫސްވެރިނާއި ހިއްސާކުރައްވާފައެވެ.
އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ އޭސީސީގައި މައްސަލަތައް ބަލާއިރު ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ދެނެގަނެވިފައިވާ ކަމަށެވެ. އެހެންކަމުން ކުރު ރާސްތާގެ އޮޕަރޭޝަނަލް ޕްލޭންގައި ހަ ކަމެއް ހާސިލްކުރުމަށް އަމާޒުހިފާފައިވާ ކަމަށް ވިދާޅުވި އެވެ.
އެގޮތުން މައްސަލަތައް ތަހުގީގުކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ މަސައްކަތްތައް އަވަސް ކުރުމަށް ގޮތްތަކެއް ރާވާފައިވާކަމަށް ޝާމިލް ވިދާޅުވި އެވެ. މުވައްޒަފުންގެ ތެރޭ ހުރި ގޮންޖެހުންތަކާއި އެމީހުންގެ ތެރޭގައި ހުރި ފަންނުވެރިކަން ދެނެގަތުމުގެ އިތުރުން، ކޮމިޝަންގެ މަސައްކަތް ޑިޖިޓަލައިޒް ކުރުން ހިމެނެ އެވެ. އަދި އިދާރީ ގޮތުން ކޮމިޝަން ހިންގުން ފުރިހަމަކުރުމާއި، އެހެން އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރުމާއި އަދި ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތް ކުރަން ޕްލޭންގައި ހިމަނާފައިވާނެ ކަމަށް ޝާމިލް ވިދާޅުވި އެވެ.
އަދި ދައުލަތަށް ގެއްލިފައި ހުރި ފައިސާ ހޯދުމަކީ ކޮމިޝަނުން އިސްކަން ދޭނެ ކަމެއް ކަމަށެވެ. އެސެޓް ރިކަވަރީ ކޮމިޝަން އުވައިލުމާއި ގުޅިގެން، އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލަތަކުގައި ޖޮއިންޓް އިންވެސްޓިގޭޝަންގައި ހިމެނޭ މެމްބަރުންނާ ވެސް މަޝްވްރާކުރައްވާފައިވާ ކަަމަށް އޭސީސީގެ ނާއިބު ރައީސް އަބްދުއްސަލާމް ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން މިހާރު ބޮޑު ހިޔާނާތް ތަހުގީގުކުރުމަށް 12 އިންވެސްޓިގޭޓަރުން ހިމެނޭ ޓީމެއް އެކުލަވާލައިފައިވާނެ ކަމަށް ވިދާޅުވިއެވެ. މި ޓީމުން މަސައްކަތް ކުރާނީ ފުލުހުންނާއި އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ވެސް ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.