ހަބަރު

ދީބާޖާ އިސްތިއުނާފު ލަސްކުރިކަމަށް ބުނެ އުޝާމްގެ މައްސަލަ އޭސީސީއަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުމެއް އޭގެ ފަހުން އުވާލި މައްސަލާގައި ލިބުނު ގެއްލުމުގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް ބަދަލު ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްނިއުފާނުކޮށް ލަސްކުރީ، ގަސްތުގައި އެ ކުންފުންޏަށް ނާޖާއިޒު މަންފާއެއް ހޯދައި ދޭން ކަމަށް ބުނެ، އޭރުގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި ވިލިމާލެ ދާއިރާގެ މިހާރުގެ މެންބަރު އަހުމަދު އުޝާމްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

ދެހާސް ދިހަ ވަނަ އަހަރުގެ ތެރޭގައި ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏަށް ނ، ރ، ބ އަދި ޅ އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި އެވެ. ނަމަވެސް އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށް ދޭން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.

ސަރުކާރުން އެއްބަސްވުން ބާތިލްކުރީ ދީބާޖާ ކުންފުނިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ. އެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ރިސޯޓް ތަރައްގީ ކުރުމަށާއި ފެރީ ޓާމިނަލްތައް ހެދުމަށް ބިން ދޫކުރަން އޮތީ ލާޒިމްކޮށްފަ އެވެ. ނަމަވެސް އެ ބިންތައް ވެސް އެ ކުންފުންޏަށް ދޫކޮށްފައެއް ނުވެ އެވެ.

އެއްބަސްވުން ބާތިލް ކުރުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ނިންމީ އެ ކުންފުންޏާ އެއްކޮޅަށެވެ. އެއީ އެ ބިންތައް ހަވާލުނުކޮށް އޮތުމަކީ ދައުލަތުން އެއްބަސްވުމާ ހިލާފުވުން ކަމުގައި ކަނޑައެޅުމަށްފަހު އެވެ. އެހެންވެ ގެއްލުމުގެ ބަދަލު ދީބާޖާ ކުންފުންޏަށް ދޭން ސިވިލް ކޯޓުން ހުކުމްކުރި އެވެ. އެއީ 348.10 މިލިއަން ރުފިޔާ އެވެ. އޭގެފަހުން ހައިކޯޓުން އެ ހުކުމް ބާތިލްކުރި އެވެ.

ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓަށް ދީބާޖާއިން ގެންދިޔައީ އެންމެ ނުކުތާއެއްގެ މައްޗަށް ރިއާޔަތްކޮށެވެ. އެއީ އެ މައްސަލާގައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އިސްތިއުނާފަށް ކަނޑައަޅާފައިވާ މުއްދަތަށްވުރެ ފަހުން ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާ އެވެ. އެނުކުތާގެ މައްޗަށް ބިނާކޮށް، ސްޕްރީމް ކޯޓުން ވަނީ ދީބާޖާއަށް ލިބުނު ގެއްލުމުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ހުކުމްކޮށްފަ އެވެ.

އެއްބަސްވުމެއް އުވާލި މައްސަލާގައި ލިބުނު ގެއްލުމުގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް 348.10 މިލިއަން ރުފިޔާގެ ބަދަލުގައި 174 މިލިއަން ރުފިޔާ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބަންޑާރަ ނައިބުގެ އޮފީހުން އެކުލަވާލި ސެޓެލްމެންޓް ކޮމިޓީން ނިންމުމަށްފަހު، މަޖިލީހުގެ ޕްރެޝަރުތަކާހުރެ ބަދަލު ދިނުމަށް ދައުލަތުގެ މައްޗަށް ކުރި ހުކުމް ރިވިއު ކުރުމަށް އޭޖީ އޮފީހުން ހުށަހަޅައި، އެ މައްސަލަ ސުޕްރީމް ކޯޓުން މިހާރު ދަނީ ބަލަމުންނެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ، އޭޖީ އޮފީހުން ދީބާޖާ މައްސަލަ އޭރު ކުރިއަށް ގެންދިޔައީ އުޝާމްގެ ސީދާ ބެލުމުގެ ދަށުން ކަމަށެވެ.

އަދި އިސްތިއުނާފުގެ މުއްދަތު ހަމަވިއިރު، އެ މައްސަލަ ހުށަނާޅާ އޮތީ ސީދާ އުޝާމްގެ އަމުރަށްކަމަށް އެ ސިޓީގައި ތުހުމަތުކޮށްފައިވެ އެވެ.

މީގެ އިތުރުން، އެ މައްސަލަ ސުޕްރީމް ކޯޓުން ރިވިއު ކުރަމުންދާއިރު، އިސްތިއުނާފީ މައިގަނޑު ނުކުތާއެއްގެ ގޮތުގައިވެސް އިސްތިއުނާފުގެ މުއްދަތު ހަމަވިއިރު އިސްތިއުނާފު ނުކުރެވިފައިވަނީ ވަކީލުގެ އިހުމާލުންކަމަށް ބުނެފައިވީ ނަމަވެސް، އޭގެ ތަފްސީލެއް ދީފައިނުވާކަން ވަނީ ފާހަގަކޮށްފަ އެވެ.

"އޭރު ބަންޑާރަނައިބުގެ އޮފީހުގައި މި މައްސަލައާ ހަވާލުވެހުރި ވަކީލު، އެކި ތަންތަނުގައި މި މައްސަލައާ ގުޅޭގޮތުން ދައްކާ ވާހަކާގައި، އޭނާ މި މައްސަލަ އިސްތިއުނާފުނުކޮށް އޮތީ އަހުމަދު އުޝާމްގެ އަމުރަށް ކަމަށާއި، ދީބާޖާ ކުންފުނީގެ ފަރާތުން އަހުމަދު އުޝާމަށް މަންފާވެފައިވާކަމަށް ވާހަކަ ދައްކާފައިވޭ،" އޭސީސީއަށް ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.

އެހެންކަމުން، ގާނޫނުން ކަނޑައަޅާފައި މުއްދަތުގައި އިސްތިއުނާފުކޮށްފައި ނުވަނީ، އުޝާމް ދީބާޖާއަށް ނާޖާއިޒު ހޯދައިދިނުމަށްކަމަށްވާތީ، އެ މައްސަލަ ތަހުގީގުކޮށް ދިނުމަށް އޭސީސީގެ ކިބައިން ވަނީ އެދިފައި އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލު މިއަދު އަވަސް އަށް ވިދާޅުވި ގޮތުގައި، އެ މައްސަލަ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ދިރާސާ ކުރެވެމުންދާއިރު، އެ މައްސަލަ ތަހުގީގު ކުރުމާމެދު އަދި ގޮތެއް ނިންމާފައިވާ ނުވާކަމަށް އޭނާ ވިދާޅުވި އެވެ.