އަސުރަށް ބަންގި ގޮވާން ފެށުމާއެކު ހީވީ ހޮހޮޅައެއްގެ ތެރެއިން މީހުންތަކެއް ނުކުންނާ ފެށިހެނެވެ. އެންމެން ބައި ހަދާފައި ގޮސް އިސްކުބަރިއަކަށް ނުވާ އިސް ކުރުބަރިއަކުން އަތްފައި ދޮންނާން ފަށައިފި އެވެ. އެ މީހަކާ އެމީހެކެވެ. މިއީ މި ފަހުން ފުލުހުންނާ ކުރުމަތިލައި ހުޅުމާލޭގައި ކުރި މުޒާހަރާއެއްގެ ސަބަބުން ވަރަށް ބޮޑަށް މަޝްހޫރުވި އައިލެންޑް އެކްސްޕާޓް ކުންފުނީ ބިދޭސީ މަސައްކަތްތެރިންގެ ގިނަ ބައިވަރު މީހުން ދިރިއުޅޭ ލޭބާ ކްއާޓަރެވެ.
ވަރަށް ތަފާތު މާހައުލެއް އޮތް ތަނެކެވެ. ބަލާ ބެލުމަށް މި ލޭބާ ކްއާޓަރު ސިފަވަނީ ވަރަށް ބޮޑަށް ވީރާނާ އުސް ފަސްގަނޑެއް ނުވަތަ ސުންނާފަތި ފަރުބަގަނޑެއްގެ ތެރޭގައި ދިރިއުޅޭ ބައެއްގެ ހިޔާވައްސެއްގެ ގޮތުގަ އެވެ. މުޅި ތަނުގެ އެކި ދިމަ ދިމާ ފެންނަނީ އަޑިގުޑަންކޮށެވެ. ބައެއް ދިމަ ދިމާގައި ހޮހޮޅަ އާއި ގަބީލާ ވައްޓާފާޅީގެ ދިރިއުޅުން ސިފަ ވެއެވެ. ގިނަ އަދެއްގެ ބަޔަކު ޖަމާވެ އުޅޭ މިތާގެ ތެރެއަށް ބަލައިލާއިރު ބައިބޯ ކަމުން މީހުންގެ އަދަދު 200 އާ ކައިރިކޮށްފާނެ ކަމަށް ބެލެވެ އެވެ. އެކަމަކު މިތާނގައި އުޅޭ މީހުން ބުނާ ގޮތުން ގިނަ ވެގެން އުޅޭނީ 100 އެއްހާ މީހުނެވެ. ޖުމްލަ ހިސާބެއް ހެދިފައެއް ނެތެވެ.
ދުނިޔެއަށް ޖެހިފައިވާ ކޮވިޑް-19 އިގެ ބަލާއާފާތުގެ ނުރައްކާ ރާއްޖޭގައި އޮތް އިރު މިތާނގައި ދިރިއުޅޭ ބިދޭސީންގެ މެދުގައި އެއްވެސް ވަރެއްގެ ގައިދުރު ކަމެއް ވެސް އަދި ނަމަކަށް މަދު މީހަކު މާސްކެއް އަޅައިލުން ފިޔަވައި އިތުބާރު ކުރެވޭ ރައްކާތެރި ކަމުގެ ފިޔަވަޅުތަކެއް ވެސް ނެތެވެ. އެފަދަ ގައިދުރު ކަމެއް ބެހެއްޓޭނެ ފަދަ ޖާގައެއް ވެސް މިތާކުން ނުލިބެ އެވެ.
މި ބައި މީހުން ފެންވަރައި ގައިން ތާހިރުވެ އުޅެނީ ސިމެންތިން ރާނައި ފެން އަޅާ ފުރައި ކޯރެއް ގޮތަށް ހަދާފައިވާ ހަތަރެސްކަން ބޮޑު ފެން ވަޅުގަނޑަކަށް ހެލްމެޓާއި ބާލިދީ އާއި ތަށިފަދަ ތަކެތި ގަންބައި އެއިން އެ މީހަކަށް ނެގުނު ގޮތަށް ފެން ނަގައިގެންނެވެ. ފެންވަރަން ވަދެ އުޅެނީ އެންމެން ބައި ހަދާފައި އެކީ އެއް ފަހަރާ އެވެ. ދަަތް އުނގުޅާއި ކޯދޮވެ ފެންވަރާއި ގައި ދޮވެ، ހުރިހާ ކަމެއް ވެސް ހިނގަނީ މިތާނގެ ވަށައިގެން ތިބެ އެވެ.
މި އެންމެންގެ ތެރެއިން ގިނައިން ވާހަކަ ދައްކާ އުޅޭ އެކަކު ބުނި ގޮތުގައި އެމީހުން ފެނަވަރާ ނަޖިހުން ތާހިރުވާން ސާފު ފެނެއް ނުލިބެ އެވެ. އެ މީހުން އެރި ފެންވަރަން ބަކަތަޅައި އުޅޭ ފެންގަނޑު ވެސް ވަރަށް ހަޑިވެފައި މުޑުދާރެވެ. ފެންގަނޑު ގަރަނބު ކުލައިގައި ހުންނަ އިރު އެ ފެނުން ދުވާ، ފާ ވަހުން ނޯއް ދަމާލާކަށް ނުކުރެ އެވެ. އެކަމަކު އެނޫން ދެން އޮތީ ވެސް ކޮން ގޮތެއް ހެއްޔެވެ؟
"[ވާހަކަ ދެއްކުމުގެ އިބާރާތް ހަމަޖައްސައިދީފައި] މިތާގައި އަހަރުމެން މި އުޅެނީ ވަރަށް ނިކަމެތި ހާލެއްގައި ކާން ލިބުނަަސް ފެންވަރާ ތާހިރުވާން މިޖެހެނީ މާސިންގާ ވަޅުގަނޑެއްގެ ތެރެއަށް އެންމެން އެކީ ފުންމާލައިގެނާއި އަތް ބާނައިގެންނާއި ބާލިދީ އާއި ހެލްމެޓާއި ކާތަށި ގަންބައިގެން،" އޭނާ ބުންޏެވެ. "އަހަރެމެން ނިދާތަން މި ހުންނަނީ ބިންމައްޗާއި އެއްވަރަށް، އެއް ހަމައެއްގައި. އެމަކު ބައްޔާއި ރޯގާތައް އައމުން ކުށްވެރިވާން ޖެހޭ ބަޔަކީ ވެސް އަހަރެމެން... އެކަމަކު އަހަރުމެންގެ ގިނަ ބަޔަކު ގެނެސް ނިންދަވަން ބައިތިއްބަނީ އެންމެން އެކުގައި ކުޑަކުޑަ ތަންކޮޅެެއްގެ ތެރެއަށް ގަންނަވާލައިގެން، އެހެންވީމަ މިތާނގައި ގައިދުރުކަމެއް ވެސް ނުބޭއްވޭ،"
މި އެންމެން ފާހާނާ ކުރަން ހަދާފައިވާ ފާހާނަ ބަރިއަކީ އާދަމުގެ ދަރީން ބޭނުން ކުރާން އެކަށީގެންވާ އެއްވެސް ކަހަލަ ސާފުތާހިރު ކަމެއްގައި ހުރި ތަނެއް ނޫނެވެ. މާލޭގައި ހުންނަ ދެރަވަރު އާންމު ފާހާނާ ބަރިއަށް ވުރެ މި ފާހާނާ ބަރީގެ ކަންކަން ގޯހެވެ. މިއިން ތަނެއް ތަޅުލެވޭ ގޮތް ނުހުންނައިރު އެތަން ބާވެ ރަނގަޅަށް ވާރޭ ހިޔާވާނެ ވާނެ ގޮތްވެސް ނެތެވެ.
ބިދޭސީންގެ މި އެންމެން ތިބީ މުސާރައިގެ އިންތިޒާރުގަ އެވެ. އެކަމަކު އެއީ ލިބޭ އެއްޗެއް ނޫނެވެ. އެއީ ލިބޭނެ ކަމަށް ބުނާ އެއްޗެކެޗެ. އެކަމާ ގުޅޭ ކިތަންމެ ޝަކުވާއެއް ކުރިޔަސް އެ ޝަކުވާތައް އަޑުއަހާނެ ކަންފަތެއް ނެތެވެ. މި އެންމެން އާއިލާ އާއި އަނބިދަރިންނާއި އެތައް މޭލެއްގެ ދުރަށް އައިސް ކުރާ ބުރަ މަސައްކަތަކުގެ އުޖޫރަ ނުލިބުމުހެ ހިތާމަ އެމީހުން ވަށާލާފައިވާއިރު މި އެންމެންމެ ތިބެނީ އެކަމާ ރުޅި އައިސް ކެކިކި އެވެ.
"މިހާރު މުސާރައެއް ނުލިބޭތާ ފަސް މަހަށްވުރެ ގިނަ ދުވަސް ވެއްޖެ، އާއިލާގެ ހާލު ބަލާލަން ގުޅާލަން ފޯނަށް ރުފިޔާވެސް އަޅައެއް. ނުދޭ" އެކަކު ބުންޏެވެ.
ކިތަންމެ ހާލެއްގައި އުޅުނު ނަމަވެސް ވަގުތުން ވަނުމާއެކު މި އެންމެން އަތްފައި ދޮވެ ވޫލުކޮށްލައިގެން ނަމާދަށް އަރަ އެވެ. ނަމާދު ކުރަން ހާއްސަކޮށް ކުޑަ ތަންކޮޅެއް ވެސް ހަދާފައިހުރެ އެވެ. އަދި ވުލޫކުރަން ހާއްސަ އިސްކުރު ބަރިއެއްވެސް މިތާނގައި ހަދާފައި އެބަހުއްޓެވެ.