ބިދޭސީން

ނިޒާމު ރޫޅި، ބިދޭސީ މުޒާހަރާތަކާ ހަމައަށް!

Jul 25, 2020
5

ބިދޭސީންގެ ކަންތައް ބެލެހެއްޓުމުގައި ސަރުކާރުގެ އިދާރާތައް ފެއިލްވުމުގެ ސަބަބުން، އަޅާނުލައި އެއްފަރާތް ކޮށްލާފައިވާ ބިދޭސީ ލޭބަރުންގެ ހައްގުތައް ނުލިބިގެން ތެޅޭ ތެޅުމުގެ ތެރެއިން އަނދިރި އެތައް ހާދިސާއެއް ހިނގަމުން ގޮސް އެންމެ ފަހުން ފެނިގެންދިޔަ މަންޒަރަކީ އެމީހުންގެ އަސާސީ ހައްގުތައް ހޯދަން ފުލުފުލުގައި ދާދި ފަހުން -- މިހާރު -- ކުރާ މުޒާހަރާތަކެވެ.

ކޮވިޑް-19 އާއި ގުޅިގެން ކުއްލި ބާރުމިނުގައި އަޑިއަޅާލާފައިވާ ރާއްޖޭގެ އިގްތިސޯދީ ހާލަތުގެ ސަބަބުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ ލޭބަރުންނަށް މުސާރަ ނުދެވި ފައިސާ ތާށިވެ ބިދޭސީ ލޭބަރުންގެ އާއިލާތަކަށް އެމީހުންނަށް އެހީ ފޯރުކޮށް ނުދެވި އަދި އާއިލާ ކައިރިއަށް އެނބުރި ދެވޭނެ ގޮތެއް ވެސް ނެތި ތިބެން ދިމާވެފައިވާ އެތައް ބިދޭސީންނެއް ވަނީ ހާލުގައި ޖެހިފަ އެވެ.

ފަހުގެ ތާރީހުގައި ރާއްޖޭގެ އިގުތިސޯދު ކުރިއަރަމުންދާ ދުވެލި ހަލުއިވުމުގެ ނަތީޖާއަކީ އެ އިގްތިސޯދަށް ބޭނުންވާ ވަރަށް ލޭބަރުން ގައުމުގައި ނެތުމުން އަގުހެ ޔޮކޮށް ލޭބަރުން ބޭރު ގައުމުތަކުން ގެންނަން ފެށުމެވެ. އިގްތިސޯދީ ކަންކަމުގައި ބޭނުންކުރާ އަގު ހެޔޮ ލޭބަރުންނަކީ ވިޔަފާރިވެރިން އަބަދު ވެސް ކަޅިއަޅައަޅައި ތިބޭ ބައެކެވެ. އެކަން ހުރިހާ ގައުމެއްގައި ވެސް ހިނގަނީ އެބީދައިންނެވެ.

ނަމަވެސް މިފަދަ މުހިންމު ކަމެއް ބަލަހައްޓާނެ ނިޒާމެއް ނެތި ފޫ ގޮސްފައި ވުމުން މިހާރު ބިދޭސީން ރާއްޖޭގައި މިވަނީ އިންތިހާއަށް ގިނަވެ ގައުމުގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ބިދޭސީ ލޭބަރުން ގިނަވެފަ އެވެ. މީގެތެރެއިން ވެސް ބޮޑު ބައެއް މިވަނީ އެމީހުންނަކީ ކާކުކަން އަންގައިދޭ ލިޔުމެއްހާ ހިސާބު ވެސް ނެތްކަމަށް ބުނެ ރެފިއުޖީންގެ ދަރަޖައަށް ވައްޓާލާފަ އެވެ.

ރާއްޖެއަށް ބިދޭސީ ލޭބަރުން ގެނައުން ވެފައި މިވަނީ ހައްޓަށް ލުއި ފަސޭހައިން ބޮޑު ފައިދާ ލިބޭ އިންސާނީ ވަގު ވިޔަފާރިއަކަށެވެ. ބަޔަކު ކުރިއަރުވަމުން ގެނައި މިބޮޑު ވިޔަފާރީގެ ނަތީޖާ އާމެދު މިއަދު ވެސް އަދިވެސް ވިސްނާލެވޭ ވަރަށްވުރެ ބޮޑަށް ލޭބަރުން ގެނައުމުން ލިބޭ ބޮޑު ފައިދާގެ ހިޔަނިން މިވަނީ މައްސަލައިގެ ސީރިއަސްކަން ފޮރުވާފަ އެވެ.

މީގެ އިތުރުން ބިދޭސީ ލޭބަރުންގެ ނިޒާމު ފޫގޮސްފައި ވުމުން އެ ލޭބަރުންގެ އަސާސީ ހައްގުތައް ވެސް ނުބެލެހެއްޓި މުޅި ނިޒާމުގެ ދޯދިޔާ މިންވަރު ބިދޭސީ ލޭބަރަށް ވެސް ފެނިއެނގި އެއިގެ ބޭނުން ނުހަމަ ގޮތުގައި ބޭނުންކުރުން މިހާރު މިވަނީ އާއްމު ކަމަކަށް ވެފައެވެ.

އަސާސީ ހައްގުތައް ހޯދުމަށް ދިވެހިންގެ ފަހުގެ ސަގާފަތުގެ ތެރެއިން ފާޅުވެ އާއްމުވެފައިވާ މުޒާހަރާކުރުން ބިދޭސީން ވެސް ތަޖުރިބާކޮށް ދިވެހިންގެ ހިއްވަރުން ހިއްވަރު ލިބިގަނެ އެ ވަނީ މުޒާހަރާ ކުރަން ވެސް ފަށާފަ އެވެ. އެގޮތުން އެމީހުންގެ އަސާސީ ހައްގުތައް ހޯދަން ކުރި މުޒާހަރާތަކުގައި ރަޔަޓް ފުލުހުންނާ ދިމާލަށް ދަނގަނޑުބުރިއާ ގަލާ އަތުޖެހުނު ހަތިޔާރެއް އުކައި ހަމަލާ ވެސް ދީފަ އެވެ. އަދި މިހާތަނަށް ރާއްޖޭގައި ރައްޔިތުން ކުރި މުޒާހަރާތަކުގައި ފުލުހުންނަށް އަނިޔާ ކުރަން ދިމާ ނުކުރާވަރަށް އަނިޔާ ކުރަން ކުރިމަތިލީ މަންޒަރު މިވަނީ ފެނިގެން ގޮސްފަ އެވެ. އަދި މިމައްސަލައިގެބ ހުރި ސީރިއަސްކަން އެހެން ގޮތަކަށް މިދިއަ ހަފުތާގައި އަސްކަރިއްޔާގެ ފަރާތުން ވެސް މިވަނީ ފާޅުކޮށްފަ އެވެ.

ބިދޭސީ ލޭބަރުންގެ މައްސަލައަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް އިންތިހާއަށް ސީރިއަސްކަން ދޭ މައްސަލަތަކެކެވެ. އެއީ ގައުމުތަކުގެ އަސްލު ރައްވެހީންގެ ބާރުކެނޑި ފޮރިނަރުން އެއީ ރައްޔިތުންނަށް ބަދަލުވެ އެ ގައުމުތަކުގެ ބާރު ބޭރު މީހުންގެ އަތްމައްޗަށް ފުރޮޅި ގޮސް ގައުމުގެ ރައްވެހީންގެ ހައްގުތައް ގެއްލި އިންތިހާއަށް ހިތި ނަތީޖާ ގައުމުތަކުގައި ހިނގައިގެންގޮސްފައިވާތީ އެވެ. އަދި ލޭބަރުންގެ މައްސަލަ ރެފިއުޖީންނަށް ބަދަލުވެ ރެފިއުޖީންގެ އަދަދު ގިނަވެ ގައުމުތަކުގެ އިގުތިސޯދަށް ރެފިއުޖީންގެ އިތުރު އެތައް މައްސަލައެއް އުފެދި އިޖްތިމާއީ ސަގާފީ އެކިއެކި ބޮޑެތި މައްސަލަތަކަށް ދޮރު ހުޅުވިގެން ދާތީ އެވެ.

ލޭބަރުންގެ މިފަދަ ރެފިއުޖީ ހާލަތެއް ގައުމެއްގައި ދިމާވުމުން ނަތީޖާއަކަށް ވަނީ އެންމެ ފަހުން ލޭބަރުން ތިބި ގައުމުން އެމީހުންގެ ކަންކަން ހައްލު ކުރަން ހަވާލުވާން ޖެހުމެވެ. ލިޔެކިޔުން ނެތް ބިދޭސީން އެ ގައުމުތަކުގެ ސަރުކާރުން ވެސް މިއަދު ބަލައިގަތުމަށް ދަނީ ދެކޮޅުހަދަމުންނެވެ. ނަމަވެސް ރާއްޖޭގައި އެތެރެވެފައި ތިބި ކޮންމެ ބިދޭސީއެއްގެ މައުލޫމާތު އިމިގްރޭޝަނުގައި ހުންނަންޖެހޭނެކަމީ ޔަގީން ކަމެކެވެ. ނެތްތަނަމަ ޒިންމާވާބަޔަކު އެ ދާއިރާގައި އަދިވެސް ތިބިނަމަ އެއްފަރާތްކޮށް އެފަރާތްތަކަށް ގާނޫނީ ފިޔަވަޅު ކޮންމެހެން އަޅަން ޖެހެއެވެ.

ރާއްޖޭގައި ބޭރު މީހުންނާ ބެހޭ ގާނޫނެއް ވުޖޫދަށް ގެންނަން އެބަޖެހެއެވެ. އެ ގާނޫނުގެ ދަށުން ރާއްޖެއަށް އެތެރެވެވޭ އެންމެހާ ބިދޭސީންނާބެހޭ މައުލޫމާތު އެއްކުރެވޭނެ ގޮތް އޮންނަންޖެހެ އެވެ. މިގޮތުން ބިދޭސީއަކު ރާއްޖެ އެތެރެވުމަށް ފަހު އެ ބިދޭސީއަކު ހުންނަތަނެއް 24 ގަޑިއިރުތެރޭ ޕޮލިހުގައި ރަޖިސްޓްރީ ކުރެވެން ޖެހޭނެ އެވެ. އަދި ރާއްޖެ އެތެރެވާ ބިދޭސީއަކާ ހަވާލުވާ ދިވެއްސަކު އޭނާ 24 ގަޑި އިރުތެރޭ ރަޖިސްޓްރީ ނުކޮށްފިނަމަ އެދިވެހި މީހާ އަށް ހަރުކަށިފިޔަވަޅު ގާނޫނުގެ ދަށުން އަޅަންޖެހެ އެވެ.

އަދި ދިވެއްސަކު ޒިންމާވާ ބިދޭސީއަކު ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދިއުމުގައި ވެސް ޕޮލިހުން ހުއްދަ ނަގައި ޒިއްމާވާ ދިވެހި ފަރާތާ ހަމައަށް އަނބުރާ އަންނަންދެން މޮނިޓާ ކުރެވެންޖެހެ އެވެ. ކޮންމެ ކައުންސިލް އޮފީހެއްގައި ފޮރިނަރުން ރަޖިސްޓްރީ ކުރެވޭނެ އޮފީހެއް ގާއިމް ކުރަންޖެހެ އެވެ. ބޭރު މީހެއް ރާއްޖެ ލޭބަރެއްގެ ގޮތުގައި އައިސް އެމީހަކު މަސައްކަތް ކުރާ ރަށެއްގައި ތިން ދުވަސްތެރޭ ފޮރިނާސް ރަޖިސްޓްރޭޝަން އޮފީހުގައި ރަޖިސްޓްރީ ކޮށް މަސައްކަތް ކުރުމުގެ ހުއްދައަށް އެދި އެހުއްދަ ދޫކުރަން ޖެހެ އެވެ. އަދި ހަމަ އެހެންމެ ރާއްޖޭގައި މިވަގުތުތިބި ބިދޭސީ އެންމެހާ ލޭބަރުންގެ މައުލޫމާތު އެއްތަން ކުރެވި ބިދޭސީ ލޭބަރުންގެ ހުއްދަތައް ޗެކު ކުރެވި އެ ހުއްދައިގެ ދަށުން ކަންކަން ހިންގަން ފިޔަވަޅު އަޅައި ބަލާނެ ވަރުގަދަ ނިޒާމެއް ގާއިމް ކުރަން ޖެހެ އެވެ.

ހުސް އެކަނި އިމިގްރޭޝަނުން ތައްގަނޑު ޖަހައި ވިސާ ފީ ދެއްކުމުން ބޭރު މީހުންގެ ކަންކަން މުޅީން ބެލުނީ ކަމަށް ނިންމައިގެން މިތިބޭ ތިބުން ހުއްޓާލައި އާ ނިޒާމެއް ގާއިމް ކުރަންޖެހެ އެވެ.

މިފަދަ ނިޒާމެއް ގާއިމް ކުރުމަށްފަހު ރާއްޖޭގެ ކުރިއެރުމަށް ބޭނުންވާ ސްކިލްޑް ލޭބަރުންނާއި އަދި ނޮންސްކިލްޑް ލޭބަރުން ގެނައުމަކަށް ހުރަހެއް ނޭޅޭނެ އެވެ. ރާއްޖޭގައި ތިބީ ބިދޭސީ ލޭބަރުންނެވެ. ބިދޭސީ ރެފިއުޖީންނެއެއް ނޫނެވެ. ރެފިއުޖީންގެ ގޮތުގައި ލޭބަރުން އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ގޮތެއް ނޯންނާނެ އެވެ. ބިދޭސީ ލޭބަރުން ރެފިއުޖީންނަށް ހަދާ މިފަދަ ބޮޑު ބާގަނޑެއް ނިޒާމުން ހެދިޔަ ދީގެން ނުވާނެއެވެ. އެމީހުންގެ ލިޔެކިޔުން ގެއްލިފައިވާ ފަރާތްތަކުގެ އެހެނިހެން މައުލޫމާތު އިމިގްރޭޝަނުން ހޯދެން ވާނެ އެވެ. ލޭބަރުންގެ މައްސަލަ ހައްލު ކުރަން ޖެހޭނީ ލޭބަރުން ގެންނަ ފަރާތްތަކެވެ. ހައްލު ނުކުރެވޭ ބިދޭސީ ލޭބަރުންގެ މައްސަލަ އެ ބިދޭސީ ލޭބަރުންނަށް ހައްލު ކޮށްދޭނެ ބޭރު ގައުމުތަކުގެ އެމްބަސީތައް އެބަހުއްޓެވެ.

ބިދޭސީ ލޭބަރުން ރެފިއުޖީންނަށްވެ ރާއްޖޭގެ އާބާދީގެ ތެރެއަށް އެއްވެގެން ދިއުމަށް ހަމައެއްގޮތަކަށް ވެސް ޖާގަ ދީގެން ނުވާނެ އެވެ. ދުނިޔޭގެ އެއްވެސް ގައުމެއްގައި ރައްޔިތުކަން ބޭރުގެ ފަރާތްތަކަށް އެ ގައުމަކަށް ގެއްލުން ވެދާނެ ގޮތަކަށް ނުދެއެވެ. ސިޔާސީ ފަރާތްތަކުން މިފަދަ މައްސަލަތަކުގެ ފައިދާ ނަގަން ލޯ އަޅާނެ އެވެ. އެއީ ބިދޭސީ ލޭބަރުން ރެފިއުޖީންނަށް ހަދައި ރައްޔިތުކަން ދީގެން ވިޔަސް މެއެވެ. އެފަދަ އަޑުތައް މިހާރުވެސް ރާއްޖެއިން މިދަނީ އިވެމުންނެވެ. ނަމަވެސް ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް މިކަމަށް ނޫނެކޭ ބުނަން އެބަޖެހެއެވެ.

ބޭރު މީހުންނަށް ރައްޔިތުކަމުގެ ޖާގަ ހުޅުވައިގެން ގައުމުގެ ސިޔާސީ ބާރު ވަކި ބަޔަކު ނަގަން ދިމާކޮށްފިނަމަ ސިޔާސީ ބޮޑެތި ހަމަނުޖެހުން ހިނގައި މި ގައުމުގައި ލޭ އޮހުރުވުން ވާނީ ދާދި ކައިރީގަ އެވެ. ދިވެހިން ފަދަ ބިންކުޑަ ވަސީލަތްތައް މަދު ގައުމެއްގައި ބިދޭސީންގެ މައްސަލައިން ނުކުންނާނެ ނަތީޖާ އިންތިހާއަށް ހިތިވާނެ އެވެ.

ސަބަބަކީ ދިވެހިންނަކީ އެއްބަހަކުން ވާހަކަ ދައްކާ އެއް ނަސްލެއްގެ ބަޔަކަށްވެފައި އެއް ދީނެއްގެ ބަޔަކަށްވެފައި އެއް ސަގާފަތެއްގެ ބަޔަކަށްވާތީ އެވެ. މިފަދަ އެއްބައެއްވަންތަ ބައެއްގެ ތެރެއަށް ބިދޭސީންތަކެއް އެއްކުރުމުން އިޖުތިމާއީ ސަގާފީ އަދި ސިޔާސީ އަދި ދީނީ ބޮޑެތި ހަމަނުޖެހުމަށް މަގުފަހި ވާނެ އެވެ. އެކަން ބޭރު ގައުމުތަކުން ފެންނަމުން އެދަނީ އެވެ. ދީނީ ގޮތުންނާ ސަގާފީ ގޮތުން ނުކުންނަ ބޮޑެތި މައްސަލަތަކުގައި ބޮޑެތި ލޭއޮހުރުވުންތައް އެދަނީ މިއަދު ވެސް ހިންގަމުންނެވެ. ބިދޭސީ ލޭބަރުންގެ މައްސަލައިން ގައުމުގައި ސިޔާސީ ހަމަނުޖެހުމަށް ޖާގަ ލިބިދިވޭކަށް ދިވެހި ރައްޔިތަކު ބޭނުމެއް ނުވާނެ އެވެ. އެހެންކަމުން ބިދޭސީ ލޭބަރުން ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކޮށް ފިޔަވަޅުއަޅައި ރައްޔިތުންނަށް ހަގީގީ އޯގާތެރިވާން އެބަޖެހެއެވެ.

އެޑިޓަރުގެ ނޯޓް: މި ލިޔުން ލިޔުއްވެވި މުޙައްމަދު ފަރުޙާދަކީ ޚާރިޖީ ދާއިރާގައި ވަރަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވެވި އަދި ފަހުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ރާއްޖޭގެ ސިޔާސީ މަސްރަހާއި، ބައިނަލްއަގުވާމީ މަސްރަހާއި އަދި މުޖްތަމައުގެ ތަފާތު އެކި މައްސަލަތައް ދިރާސާ ކުރައްވާ ބޭފުޅެކެވެ. އިންޑިއާގެ އޮޒްމޭނިއާ ޔުނިވަސިޓީން ސިޔާސީ ދާއިރާއިން ފުރަތަމަ ޑިގްރީ އަދި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން ސިޔާސީ ދާއިރާއިން މާސްޓާސް ހޯއްދަވާފަފައި ވެއެވެ.