ބިދޭސީން

ނަންބަރުތަކުން ފެންނަ ހާސްކަމާއި ނުރައްކާ

ދި ވެހިންގެ ފުރިހަމަ ބާރު އޮތް ކިތަންމެ މަސައްކަތެއް މިހާރު ކޮންޓްރޯލް ކުރަނީ ބިދޭސީންނެވެ. ސިޔާސަތު ކަނޑައަޅުއްވާ ބައެއް ބޭފުޅުން މި ހަގީގަތް ގަބޫލުކުރަން ދެކޮޅު ހެއްދެވި ނަމަވެސް މިއީ ވަރަށް ސާފުކޮށް އެނގެން އޮތް ކަމެކެވެ. ބައެއް މަސައްކަތްތައް ބިދޭސީން ކޮންޓްރޯލް ކޮށްފައިވަނީ އެކަންކަމާ މެދު ފުންކޮށް ވިސްނަންޖެހޭ މިންވަރަށެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ އިގްތިސާދަށް ނުރައްކާވެދާނެ ކިތަންމެ ކަމެއް އެބަހުއްޓެވެ. ބާޒާރުގައި އަސާސީ ބައެއް މުދަލުގެ އަގު މިހާރުވެސް އެމީހުން ކޮންޓްރޯލް ކުރެ އެވެ. ރާއްޖޭގައި ހިންގާ ބޮޑެތި ކުށްތަކުގައި ބިދޭސީން ބައިވެރިވެ އެވެ.

ރާއްޖޭގެ އިގްތިސާދީ ދާއިރާތަކަށް ބިދޭސީން ނުފޫޒު ފޯރުވާފައި އޮތް މިންވަރާ ގުޅޭގޮތުން އަބަދުވެސް ދައްކަނީ ހުސްވާހަކަތެކެކެވެ. މައްސަލައިގެ ހައްލަށް ވާސިލްވުމަށް ނުކުޅެދިފައި ވަނިކޮށް ކަންބޮޑުވާންޖެހޭ އިތުރު މައްސަލައެއް މިވަނީ ފެންމަތިވެފަ އެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކް (އެމްބީއެސް) އިން މިދިޔަ ސެޕްޓެމްބަރުގައި ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރާއްޖޭގައި ދިވެހިންގެ އާބާދީ އިތުރުވާ މިންވަރަށްވުރެ ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ އަދަދު ދަނީ ވަރަށް ބާރަށް އިތުރުވަމުންނެވެ.

ބޯހިމެނުމުގެ 2014 ވަނަ އަހަރާއި 2022 ވަނަ އަހަރު އަޅާކިޔާއިރު މިދިޔަ އަށް އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީއަށް އިތުރުވި ދިވެހިންގެ އަަދަދަކީ 16،897 މީހުންނެވެ. މި މުއްދަތުގެ ތެރޭގައި 33،527 ބިދޭސީން އާބާދީއަށް އިތުރުވެއްޖެ އެވެ. މި އަދަދުތަކަކީ މުސްތަގުބަލަށް ވިސްނައިފިނަމަ ނުރައްކަލެކެވެ. ދިވެހިންގެ އަތުން ދޫވަމުންދާ ދިވެހި އިގްތިސާދުގެ ކޮންޓްރޯލް ބިދޭސީންގެ އަތްމައްޗަށް ދިއުމުގެ ފުރުސަތު އިތުރަށް ފުޅާވެފައި އޮތް މިންވަރު މިއަދަދުން ބުނެދެ އެވެ. ދިވެހިންގެ މައްޗަށް ބިދޭސީން ބަސް ކިޔުމަކީ އެތައް ކަމެއްގައި ގައުމީ ސަލާމަތަށް އޮތް ނުރައްކަލެކެވެ. ބިދޭސީ އާބާދީ އިތުރުވަމުން ދަނީ ވަރަށް އަވަސް ހައްލުތަކެއް ހޯދަން މަސައްކަތް ނުކޮށްފިނަމަ ގައުމުގެ އެތައް ކަމަކަށް ލޮޅުން އަރާ ފަދަ ގޮތަކަށެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރަން ބަލާއިރު އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ސައްހަ އަދަދެއް ސާފުކޮށް އެނގެން ނެތުމެވެ. ކިތަންމެ ގަލެއް ފުރޮޅިއަސް ކިތަންމެ އަޑިއަށް ފީނި ނަމަވެސް ދެން އެއީ ހޯދޭނެ އަދަދުތަކެއް ކަމަކަށްވެސް ގަބޫލެއް ނުކުރެވެ އެވެ. މިއީ އެތައް އަހަރުތަކެއްގެ އިހްމާލެވެ. އެތައް ސަރުކާރެއް ޒިންމާވާންޖެހޭ ގައުމީ ބޮޑު މައްސަލަ އެކެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދާ ގުޅޭގޮތުން މުޅިންވެސް އިވެނީ އަންދާޒީ އަދަދުތަކެކެވެ. ޔަގީން ނުވާ އަދަދުތަކުން އެކަނިވެސް ރާއްޖޭގައި ލައްކައެއްހާ ބިދޭސީން ގަވައިދާ ހިލާފަށް އުޅޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މީގެ ކުރިން ވިދާޅުވެފައިވެ އެވެ

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އެ މީހުން އަދާކުރާ ބައެއް ވަޒީފާ ތަކަށް ބިދޭސީން ގެންނަން ކޯޓާ ދޫކުރުން މީގެކުރިން ހުއްޓާލި އެވެ. އެއީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެޅި ފިޔަވަޅެކެވެ. އެގޮތުން "ފޮޓޯގްރަފީ" އަދި "ކޭޝިއަރުން"ގެ މަގާމަށް ބިދޭސީންނަށް ކޯޓާ ދޫކުރުމުގައި ހަރުކަށި ގޮތްތަކެއް ގެންގުޅުނެވެ. ބިދޭސީންނަށް ފިހާރަތަކުގައި "ސޭޓުންގެ" ގޮތުގައި ނުތިބެވޭ ގޮތްވެސް ހެދި އެވެ. އެކަމަކު ބޮޑެތި ވިޔަފާރިވެރިންގެ ފިއްތުއްތަކާ ގުޅިގެން މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް ހަރުކަށި ފިޔަވަޅުތަކަށް ނިމުން ގެނައީވެސް ޔާމީންގެ ސަރުކާރުގަ އެވެ.

ބިދޭސީންގެ މައްސަލަ ބޮޑުވެ އެ މައްސަލަ ހައްލުކުރުމަށްޓަކައި ކޮވިޑް 19ގެ ކުރިން ސެޕްޓެމްބަރު 19، 2019 ގައި މިސަރުކާރުން ބިދޭސީންގެ ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ނުވަތަ ގާނޫނީ އިމުން ބޭރުގައި އުޅޭ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ފެއްތުމަށް ހާއްސަ ޕްރޮގްރާމެއް ފެށި އެވެ. މިޕްރޮގްރާމުގެ ދަށުން އޮގަސްޓް 22، 2022ގެ ނިޔަލަށް ގަވައިދަށް ފެއްތުނީ 43،787 ބިދޭސީން ނެވެ. އެކަމަކު ކޮވިޑް 19 އަށް ފަހު މި ޕްރޮގްރާމު ވެސް އެދެވޭ ގޮތަކަށް ކުރިއަކަށް ނުދެ އެެވެ. އޭގެފަހުން އަނެއްކާވެސް ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަަލަތައް ދަނީ ގޯސްވަމުންނެވެ. ކުށުގެ ވެށީގައި އުޅޭ ބިދޭސީންގެ އަދަދުތައް ވެސް ވަނީ އިތުރުވެފަ އެވެ.

ގަވާއިދަށް ފެއްތުނު ބިދޭސީން ނިސްބަތްވާ ގައުމުތައް

  • ބަންގްލަދޭޝް - 43،410 ބިދޭސީން
  • އިންޑިއާ - 246 ބިދޭސީން
  • ސްރީލަންކާ 58 ބިދޭސީން
  • ފިލިޕީންސް - 29 ބިދޭސީން
  • ނޭޕާލް - 27 ބިދޭސީން
  • އިންޑޮނީޝިއާ - ހަތް ބިދޭސީން
  • އިޓަލީ - ފަސް ބިދޭސީން
  • ޗައިނާ - ދެ ބިދޭސީން
  • ޕާކިސްތާން - އެއް ބިދޭސީ
  • ތައިލެންޑް - އެއް ބިދޭސީ
  • ޔުގަންޑާ - އެއް ބިދޭސީ

އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ތެރެއިން 8،938 ބިދޭސީން ވަނީ އަމިއްލަ ގައުމަށް ފޮނުވާލާފަ އެވެ. މީގެތެރޭގައި ޕްރޮގްރާމްގެ ތެރެއިން ރަޖިސްޓްރީވި 8،724 ބިދޭސީން ހިމެނެ އެވެ.

ބިދޭސީންގެ ކަންކަމާ އެންމެ ބޮޑަށް ގުޅިފައިވާ އެއް އިދާރާ އަކި މޯލްޑިވްސް އިމިގްރޭޝަނެވެ. އިމިގްރޭޝަން ހިންގަނީ ޑިފެންސް މިނިސްޓްރީގެ ދަށުންނެވެ. ޑިފެންސް މިނިސްޓްރީން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެކަނިވެސް ރާއްޖެއިން 60،967 ވޯކް ވިސާ ދޫކޮށްފައިވެ އެވެ.

ރާއްޖެ ތަރައްގީގެ ބިޔަ މަޝްރޫއުތައް ހިންގާނަމަ އެ އަދަދަށް ބިދޭސީން ބޭނުންވެދާނެ އެވެ. ނަމަވެސް ވޯކް ވިސާގައި ރާއްޖެ އެތެރެވުމަށްފަހު ބައެއް ބިދޭސީން އެމީހުންގެ އެޖެންޓުންނަށް ފިލައިގެންދާ މައްސަލައަށްވެސް އަދިވެސް ހައްލެއް ނުލިބެ އެވެ. ފިލައިގެން އުޅޭ ބިދޭސީން ގިނަ ފަހަރު ރާއްޖޭގައި އުޅެނީ އެމީހުން އަމިއްލައަށް މަސައްކަތް ހޯދައިގެންނެވެ. އެގޮތަށް އެމީހުން ހޯދާ އާމްދަނީ އަކީ ރާއްޖެއިން ބޭރުވާ ބޭރު ފައިސާ އެވެ. ދައުލަތަށް މިހާރުވެސް ބޭރު ފައިސާ ލިބުމުގައި ދަތިތައް ހުރި އިރު ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންނަށް މަސައްކަތް ހަވާލުކުރުން ހުއްޓާލަންޖެހެ އެވެ. އެހެން ނޫނީ ދެން ނިކުންނަ މައްސަލަތަކުން ލިބޭ ގެއްލުމާއި ނުރައްކާ ބޮޑުވާނެ އެވެ.