ހަބަރު

ބޮޑުފިނޮޅުން ހައްޔަރު ކުރި މީހުންގެ ބަންދަށް އިތުރު 15 ދުވަސް

ބ. ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގައި ފުލުހުންނާ މަރާމާރީ ހިންގި 19 ބިދޭސީންގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފި އެވެ.

މި މަހު ތިން ވަނަ ދުވަހު ބ. ބޮޑުފިނޮޅުގައި ބިދޭސީން ހިންގި ހަމަނުޖެހުމުގައި ވަނީ އެ ރަށަށް ދިޔަ ފުލުހުންނަށް ހަމަލާދީ އެ ރަށުގައި 12 ދިވެއްސަކު ރަހީނު ކޮށްފަ އެވެ. މާރާމާރީ ހިންގި 19 ދިވެހިން ހައްޔަރު ކުރުމަށްފަހު އެމީހުންގެ ބަންދަށް އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ޖެހި އެވެ.

ފުލުހުން މިއަދު ބުނީ، މާރާމާރީ ހިންގައިގެން ހައްޔަރު ކުރި ބިދޭސީންގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް މިއަދު ދީފައިވާ ކަމަށެވެ.

ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުމުގައި ބަންގްލަދޭޝް ހައި ކޮމިޝަންގެ އެހީތެރިކަމާއެކުގައި އެ މީހުންނާ މުއާމަލާތްކޮށް ރަށުގައި ހިނގައިދިޔަ ހަމަނުޖެހުމުގައި ބައިވެރިވިކަމަށް ބެލެވޭ 19 މީހަކު ހައްޔަރުކޮށްފައިވަނީ އިއްޔެ އެވެ.

ބިދޭސީންނަށް ހަ މަހަށް ވުރެ ގިނަ ދުވަސް ވަންދެން މުސާރަ ނުދިން މައްސަލައިގައި އެ މީހުން ހަމަނުޖެހުން ހިންގައި، ދިވެހިންތަކެއް ރަހީނުކުރި މައްސަލަ ވަނީ ހޫނުވެފަ އެވެ. މުސާރަ ނުދެވުނީ އެ ރަށް ތަރައްގީކުރާ ސީލް މޯލްޑިވްސް އިން ފައިސާ ނުދިނުމުން ކަމަށް ރިޒް ކުންފުނިން ވަނީ ބުނެފަ އެވެ. އެކަމަކު ސީލް ކުންފުނިން އެކަމަށް އިންކާރު ކުރެ އެވެ.