ހަބަރު

މުޒާހަރާ ހަނިކުރާ ގާނޫނު އުވާލަން ގޮވާލައިފި

Jul 15, 2020

ވެރި ކަމަށް އައުމުގެ ކުރިން މި ސަރުކާރުން ރައްޔިތުންނަށްވި ވައުދާ އެއްގޮތަށް، އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރާ ގޮތަށް ހުރި ގާނޫނުތައް އުވާލަން، ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ގޮވާލައިފި އެވެ.

އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާ އާއި ފުރައްސާރަ ކުރުމާ ދެކޮޅަށް މާލޭގައި މި ފަހުން އިހުތިޖާޖުތަކެއް ކޮށްފައި ވަނިކޮށް، ހޯމް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ފުލުހުންގެ ހުއްދަ ލިބިގެން ނޫނީ މާލޭގައި ކުރާ އެއްވެސް މުޒާހަރާއެއް، ނުވަތަ އެއްވުމެއް ވެސް ބޭއްވޭނީ ހަމައެކަނި މާލޭގެ ކާނިވާ ސަރަހައްދުގައި ކަމަށް އޮކްޓޫބަރު، 2016 ގައި އިއުލާނަކުން ކަނޑައަޅާފައި ވާނެ ކަމަށެވެ.

ހޯމް މިނިސްޓްރީން ބުނީ "ސުލްހަވެރިކަމާއެކު އެއްވެއުޅުމާ ބެހޭ" ގާނޫނުގެ 24 ވަނަ މާއްދާގެ ޅ. ގެ ދަށުން ފުޅަނދު ބުރުތަކާއި އެއްވުންތައް މާލޭގައި ބޭއްވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި ކަމަށެވެ.

އޭގެ އިތުރުން، މުސާރަ ނުދޭކަމަށް ބުނެ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންވެސް މުޒާހަރަތަކެއް ކޮށްފަ އެވެ. އަދި އެ މުޒާހަރާތަކުގެ ތެރެއިން ފުލުހުންނާ ކުރިމަތިލުމާއި، ހަމަނުޖެހުންތަކެއް ހިނގާފައިވާއިރު، އެކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ޓްރާންސްޕޭރަންސީން މިއަދު ބުނީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ އަސާސީ ހައްގުތަކަކަށް އަރައިގަތުން ކުށްވެރިކުރާ ކަމަށެވެ.

އަދި އިޖުތިމާއީ އެއްބައިވަންތަކަން ކުރިއެރުވުމުގެ ބަދަލުގައި، އެއްވެ އުޅުމުގެ ހައްގުގެ ބޭނުންހިފައިގެން، ރައްޔިތުން މަގުމައްޗަށް ނުކުންނަން މެދުވެރިވި ސަބަބަށް އަޅާނުލެވި، ނުތަނަސްކަން އިތުރުވުމުގެ މަގު ފަހިވެގެންދާ ކަމަށްވެސް އެ ޖަމިއްޔާ އިން ބުންޏެވެ.

"ކެމްޕެއިން ތެރެއިން ވި ވައުދުތަކާ އެގޮތަށް، މިފަދަ ގާނޫނު އަސާސީ އާ ހިލާފު އިސްލާހުތައް އުވާލައި، އެއްވެ އުޅުމުގެ މިނިވަންކަން ފުރިހަމައަށް ދިނުމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލަން،" ޓްރާންސްޕޭރަންސީން އިތުރަށް ބުނެފައިވެ އެވެ.

ޓްރާންސްޕޭރަންސީން މި ގޮތަށް ގޮވާލާފައިވާއިރު، މިފަހުން ކުރަމުންދާ މުޒާހަރާތައް ހުއްޓުވައި، އެއްވެ އުޅުމާއި ހިޔާލުފާޅު ކުރުން ފަދަ އަސާސީ ހައްގުތަކަށް ހުރަސް އަޅަމުން ދާކަމަށް ބުނެ، ހައްގުތަކާބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާއެއްކަމަށްވާ ހިއުމަން ރައިޓްސް ވޮޗް (އެޗްއާރުޑަބްލިއު) އިން ވެސް ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.