އިމްރާން އަބްދުﷲ

މުޒާހަރާ ރޫޅާލަން އަމަލު ކުރީ ރަނގަޅަކަށް ނޫން: އިމްރާން

ނަވާނަވައިގެ ހަރަކާތުން މުޒާހަރާ ކުރަން ފެށުމާއެކު ފުލުހުން މުޒާހަރާގެ ބައިވެރިން މަޖިލިސް ކައިރިން ދުރަށް ޖައްސަނީ -- ފޮޓޯ: ނަވާނަވައި
100%
0%
0%

މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީސް ކައިރީގައި ވާތު ފިޔައިގެ ސިޔާސީ ހަރަކާތެއް ކަމުގައިވާ ނަވާނަވައިން އިންތިޒާމުކޮށްގެން ބޭއްވި މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކޮށްފައިވަނީ އެންމެ ރަނގަޅަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މަޖިލީހަށް މިއަދު މިނިސްޓަރު އިމްރާން ހާޒިރުވެވަޑައިގެންނެވިއިރު، މިނިސްޓަރަށް ސުވާލު ކުރުމަށް ހަމަޖެހިފައިވާ ވަގުތުގެ ތެރޭގައި މަޖިލީހުގެ ބައެއް މެންބަރުން ވަނީ ހޯމަ ދުވަހުގެ އެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާ ގުޅޭ ގޮތުން ސުވާލު ކުރައްވައިފަ އެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ އެ މުޒާހަރާގެ ކަންކަން ހިނގައިދިޔަ ގޮތް ވަރަށް ގާތުން ބައްލަވާނެ ކަމަށާއި މިހާރު ވެސް މުޒާހަރާތަކާއި ޣައިރު ގާނޫނީ އެއްވުންތައް ރޫޅާލުމުގައި ފުލުހުން އަމަލު ކުރަމުންދާ ގޮތް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ.

"މުޒާހަރާ ރޫޅާލުމުގައި އަމަލު ކުރީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކެން. އަޅުގަނޑު އެދެން އެ ކަންކަން ރަނގަޅު ވެގެން ދިއުމަށް." މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހުގައި ޖަވާބުދާރީވެވަޑައިގަންނަވަނީ -- ފޮޓޯ: މަޖިލީސް

މަޖިލީސް ކައިރީ ކުރި އެ މުޒަހާރާ ކޮންޓްރޯލް ކުރަން ނުކުމެ ތިބި ފުލުހުންގެ އައިޑެންޓިޓީ އެނގޭ ގޮތަށް ނެތް ކަމަށް މެންބަރަކު ފާހަގަ ކުރެއްވުމުން މިނިސްޓަރު އިމްރާން ވިދާޅުވީ މުޒާހަރާތައް ކޮންޓްރޯލް ކުރަން ނެރޭ ފުލުހުންގެ އައިޑެންޓިޓީ އެނގޭ ގޮތަށް ތިބުން މުހިއްމު ކަމަށެވެ. މިހާރު ހުށަހެޅިފައިވާ ފުލުހުންގެ ބިލާއެކު ހައްލުތަކެއް އަންނާނެ ކަމަށެވެ.

"މުޒާހަރާތައް، އަދި އެހެނިހެން ކުށްތަކަށް ވެސް، ސީންތަކަށް، އެޓެންޑްވުމުގައި އަމަލުކުރަންވީ ގޮތް އިތުރަށް ހަރުދަނާ ކުރަން ޖެހޭ، ފުލުހުންގެ ބިލް ފާސްވެ ގަވާއިދުތަކާއި އުސޫލުތައް ހެދިގެން އައިމަ އެ ކަމަށް އެކަށީގެންވާ ހައްލުތަކެއް އަންނާނެ ކަމަށް ދެކެނީ،" އިމްރާން ވިދާޅުވި އެވެ.

ނަވާނަވައި ސިޔާސީ ހަރަކާތުން އިސްވެ އިންތިމާޒު ކޮށްގެން މަޖިލިސް ކައިރީ ފެށި މުޒާހަރާގައި ގާތްގަނޑަކަށް ދިހަ މީހުން ތިބި އިރު، މާ ގިނައިރުތަކެއް ނުވެ މަޖިލިސް ކައިރީގައި ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުން ވަނީ އެ މީހުން ދުރަށް ޖައްސާފަ އެވެ. ދުރަށް ޖެއްސުމުގައި މުޒާހަރާގެ ބައެއް ބައިވެރިން ހިފައިގަނެގެން ގެންގޮސްފައިވެ އެވެ.

މުޒާހަރާގެ ބައިވެރިން ދުރަށް ޖައްސަމުން ގޮސް ހޮޓެލް ޖެންއާ ހަމައަށް ދުރަށް ހަމަޖެއްސުމަށްފަހު، އެ ހިސާބުން މަޖިލީހުގެ އިދާރާއަށް ކައިރިއަށް ނުދެވޭ ގޮތަށް ބެރެކޭޑް ޖެހައި މަގު ބަންދުކުރި އެވެ. ނަމަވެސް އެ ތަނުގައި މުޒާހަރާގެ ބައިވެރިން އަޑު އުފުލައި މުޒާހަރާ ކުރަން ފުރުސަތު ދިނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345