މާލޭގައި މިފަހުން ކުރަމުންދާ މުޒާހަރާތައް ހުއްޓުވައި، އެއްވެ އުޅުމާއި ހިޔާލުފާޅު ކުރުން ފަދަ އަސާސީ ހައްގުތަކަށް ހުރަސް އަޅަމުން ދާކަމަށް ބުނެ، ހައްގުތަކާބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާ އާއި ފުރައްސާރަ ކުރުމާ ދެކޮޅަށް މާލޭގައި މި ފަހުން އިހުތިޖާޖުތަކެއް ކޮށްފައި ވަނިކޮށް، ހޯމް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ފުލުހުންގެ ހުއްދަ ލިބިގެން ނޫނީ މާލޭގައި ކުރާ އެއްވެސް މުޒާހަރާއެއް، ނުވަތަ އެއްވުމެއް ވެސް ބޭއްވޭނީ ހަމައެކަނި މާލޭގެ ކާނިވާ ސަރަހައްދުގައި ކަމަށް އޮކްޓޫބަރު، 2016 ގައި އިއުލާނަކުން ކަނޑައަޅާފައިވާނެ ކަމަށެވެ.
ހޯމް މިނިސްޓްރީން ބުނީ "ސުލްހަވެރިކަމާއެކު އެއްވެއުޅުމާ ބެހޭ" ގާނޫނުގެ 24 ވަނަ މާއްދާގެ ޅ. ގެ ދަށުން ފުޅަނދު ބުރުތަކާއި އެއްވުންތައް މާލޭގައި ބޭއްވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި ކަމަށެވެ.
އޭގެ އިތުރުން، މުސާރަ ނުދޭކަމަށް ބުނެ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންވެސް މުޒާހަރަތަކެއް ކޮށްފަ އެވެ. އަދި އެ މުޒާހަރާތަކުގެ ތެރެއިން ފުލުހުންނާ ކުރިމަތިލުމާއި، ހަމަނުޖެހުންތަކެއް ހިނގާފައިވާއިރު، އެކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ހިއުމަން ރައިޓްސް ވޮޗް (އެޗްއާރުޑަބްލިއު) ނެރުނު ބަޔާނެއްގައި ބުނީ، ކުރީގެ ސަރުކާރުން އެއްވެ އުޅުމާއި ހިޔާލުފާޅު ކުރުމުގެ ހައްގު ހަނި ކުރުމާ ގުޅިގެން، މި ސަރުކާރުން ވެރިކަމަށް އައީ އެ ހައްގުތައް ފުރިހަމަ އަށް އިއާދަކޮށް ދޭނެ ވައުދާއެކު ކަމަށެވެ.
"ރާއްޖޭގެ ރައީސް ކެމްޕއިން ކުރެއްވީ އެއްވެ އުޅުމާއި ހިޔާލުފާޅު ކުރުމުގެ ހައްގު ހަނިވާ ގޮތަށް ހުރި ގާނޫނުތައް އުވާލާނެ ކަމުގެ ވައުދުގެ މަތީގައި. އެކަމަކު އެމަނިކުފާނުގެ މިނިސްޓަރުން ހަމަ ކުރީގެ އުކުޅުތައް ބޭނުން ކުރައްވައިގެން މުޒާހަރާތަކަށް ހުރަސްއަޅާ މަންޒަރު މިފެންނަނީ،" އެ ޖަމިއްޔާގެ އޭޝިއާ ސަރަހައްދުގެ އެސޯސިއޭޓް ޑިރެކްޓަރު ޕެޓްރީޝިއާ ގޮސްމަން ވިދާޅުވި އެވެ.
އަދި ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ތެރެއިން ނިކަމެތި ހާލުގައި ތިބި ބިދޭސީ މަސައްކަތްތެރިންގެ އާދޭސްތައް އަޑުއެހުމުގެ ބަދަލުގައި، އެ މީހުންގެ އަޑުކަނޑުވާލަންވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް ގޮސްމަން އިތުރަށް ވިދާޅުވި އެވެ.
އޭގެ އިތުރުން، އެފަދަ ބިދޭސީންނާ އެއްކޮޅަށް ވަކާލާތު ކުރަމުންދާ މަދަނީ ޖަމިއްޔާތަކަށްވެސް ނުސީދާކޮށް ސަރުކާރުން އިއްޔެ ވަނީ އިންޒާރެއް ދީފަ އެވެ.
އެގޮތުން، ރަޖިސްޓްރީ ކޮށްގެން ހިންގާ ޖަމިއްޔާތަކާއި ޖަމާއަތްތަކުން ސޯޝަލް މީޑިއާ އާއި އެހެނިހެން ޕްލެޓްފޯމްތަކުގައި ގައުމީ ސަލާމަތާއި އާންމު މަސްލަހަތަށް އުނިކަން އަންނަ ގޮތަށް ހިންގާ ހަރަކާތްތަކަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ނުދައްކަން ޔޫތު މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފަ އެވެ.
އެ މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ގައުމީ ސަލާމަތާއި އާންމު މަސްލަހަތަށް އުނިކަން އަންނަ ގޮތަށް ހިންގާ ހަރަކާތްތަކަށް ހިތްވަރު ލިބޭ ގޮތަށް ބައެއް ޖަމިއްޔާ އާއި ޖަމާއަތްތަކުން ވާހަކަ ދައްކަމުންދާތީ ކަންބޮޑުވާ ކަމަށެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުންފާޅު ކުރައްވަމުން، ގޮސްމަން ވިދާޅުވީ ގައުމަށް ކުރިމަތިވެފައިވާ މިފަދަ ނާޒުކު އަދި ދަތި ހާލަތެއްގައި ސަރުކާރުން ހުރިހާ ފަރާތްތަކެއް އަޑުއަހަންޖެހޭ ކަމަށެވެ. އަދި ކަންކަން ރަނގަޅުކުރަން ހާއްސަކޮށް ސަރުކާރާ ދެކޮޅު އަޑުތައް އަޑުއަހަން ސަރުކާރަށް އެ ޖަމިއްޔާ އިން ވަނީ ގޮވާލައިފަ އެވެ.