ހަބަރު

އަފްޝަންއަށް ޖިންސީ ފުރައްސާކުރި މީހަކު ހައްޔަރު ކޮށްފި

ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސިއީއޯ އަފްޝަން ލަތީފަށް ޖިންސީ ފުރައްސާކުރި ބިދޭސީއަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ކަސްރަތު ކުރަން ނިކުމެ އުޅުނު ބަޔަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ މައްސަލައެއް ރޭ 11:00ގައި ހުށަހެޅުނު ކަމަށެވެ. އަދި މި މައްސަލަ އާއި ގުޅިގެން 38 އަހަރުގެ ބަންގްލަދޭޝް މީހަކު ހައްޔަރުކޮށް މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އަފްޝަން ކުރެއްވި ޓުވީތެއްގައި ވިދާޅުވީ ދުވަހުގެ މަސައްކަތް ނިންމާލުމަށްފަހު ދަރިން ނިދީމާ އަމިއްލަ ނަފްސު ހަމަޖައްސާލަން ލިބޭ ހަމައެކަނި ވަގުތަކީ ކަސްރަތަށް ނިކުންނަ ވަގުތު ކަމަށާއި އެހެން ނަމަވެސް ބައެއް ފިރިހެނުންގެ އަމަލުތައް ހުންނަ ގޮތުން އެ މިނިވަންކަމާއި އަމާންކަންވެސް ނުލިބޭ ކަމަށެވެ.

އަފްޝަން ކުރެއްވި ޓުވީޓު-

އެމްޑީޕީގެ ކުރީގެ ސެކެރެޓަރީ ޖެނެރަލްގެ މަގާމުވެސް ފުރުއްވާފައިވާ އަފްޝަން ވިދާޅުވީ ކަސްރަތު ކޮށްލުމަށް ސިނަމާލެ ބްރިޖަށް ގޮސް އުޅެނިކޮށް މީހަކު އޭނާ ގައިގައި އަތްލާ ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަމަށެވެ. އަދި އެވަގުތު ކަސްރަތައް ނިކުމެ އުޅުނު އެހެން މީހަކަށްވެސް އެމީހާގެ ފަރާތުން ޖިންސީ ފުރައްސާރަ ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެ ބިދޭސީ މީހާ އަތުލައި ފުލުހުންނާއި ހަވާލު ކޮށްފައިވަނީ އެތާނގައި އެވަގުތު ކަސްރަތު ކުރަން ތިބި މީހުންނާއި ބްރިޖުގައި އެވަގުތު ޑިއުޓީގައި ތިބި ފުލުހުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.