ހަބަރު

މުޒާހަރާ ކުރެވޭނީ ކާނިވާގައިކަން ހަނދާންކޮށްދީފި

Jul 14, 2020
1

މާލޭގައި ކުރާ މުޒާހަރާތައް ހަމައެކަނި ކުރެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި ކަމަށް ހޯމް މިނިސްޓްރީން މިއަދު ހަނދާން ކޮށްދީފި އެވެ.

އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާ އާއި ފުރައްސާރަ ކުރުމާ ދެކޮޅަށް މާލޭގައި މި ފަހުން އިހުތިޖާޖުތަކެއް ކޮށްފައި ވަނިކޮށް، ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ފުލުހުންގެ ހުއްދަ ލިބިގެން ނޫނީ މާލޭގައި ކުރާ އެއްވެސް މުޒާހަރާއެއް، ނުވަތަ އެއްވުމެއް ވެސް ބޭއްވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި ކަމަށް އޮކްޓޫބަރު، 2016 ގައި އިއުލާނަކުން ކަނޑައަޅާފައިވާނެ ކަމަށެވެ.

ހޯމް މިނިސްޓްރީން ބުނީ "ސުލްހަވެރިކަމާއެކު އެއްވެއުޅުމާ ބެހޭ" ގާނޫނުގެ 24 ވަނަ މާއްދާގެ ޅ. ގެ ދަށުން ފުޅަނދު ބުރުތަކާއި އެއްވުންތައް މާލޭގައި ބޭއްވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި ކަމަށެވެ.

"... މިކަން އެންމެހައި ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ،" މިނިސްޓްރީން ބުންޏެވެ.

ކުރީގެ ސަރުކާރުން މި ބަދަލު ގެނައުމުގެ ކުރިން އެއްވެއުޅުމުގެ ގާނޫނު އޮންނަ ގޮތުން، ފުލުހުންނަށް އެންގުމަށް ފަހު، ގްރީން ޒޯން ކަމުގައި ނުހިމެނޭ މާލޭގެ ކޮންމެ ސަރަހައްދެއްގައި އެއްވުންތައް ބޭއްވެ އެވެ. ފަހުން އެ ބަދަލު ގެނައީ އޭރުގެ އިދިކޮޅު ފަރާތްތަކުން އޭރުގެ ސަރުކާރާ ދެކޮޅަށް ކުރަމުންދިއަ ހަރަކާތްތަކަށް ހުރަސްއަޅަން ކަމަށް ބުނެ އޭރު ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.

އޭގެ ތެރޭގައި ގިނައީ މިހާރު ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުންނެވެ. އަދި އެއްވެއުޅުމާއި ހިޔާލުފާޅު ކުރުމުގެ ފުރިހަމަ މިނިވަންކަންދޭނެ ކަމަށް ވެސް ވެރިކަމަށް އައުމުގެ ކުރިން، އެފަދަ ބޭފުޅުން އެކި ފަހަރު މަތިން ތަކުރާރުކޮށް ވިދާޅުވެފައި ވެއެވެ.