ހަބަރު

އެއްވެ އުޅުން ހަނިކުރި މާއްދާ އުވާނުލާތީ މައުމޫންގެ ކަންބޮޑުވުން

އެއްވެ އުޅުމުގެ ހައްގު ހަނިވާ ގޮތަށް އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުން އެއްވެ އުޅުމުގެ ގާނޫނަށް ގެނައި ބަދަލު އުވާނުލައި ރައްޔިތުންގެ މަޖިލީހުގައި އެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ މަސައްކަތް ލަސްވަމުންދާތީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށް ކުރީގެ މަޖިލީހުން އޮގަސްޓް 18، 2016 ގައި ވަނީ، އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނެސްފަ އެވެ. އެ އިސްލާހަށް ފަހު، މާލޭގައި ހުއްދަ ނުހޯދާ މުޒާހަރާކުރެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް އޮތީ ކަނޑައަޅައިފަ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މިހާރު ހިނގަމުންދާ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހަށް ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެ މާއްދާ އުވާލަން ހުށަހެޅުއްވި އެވެ. މަޖިލީހުގެ ތަޅުމަށް ބިލު ބަލައިގަނެ، ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވި އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ބިލު އޮތީ ކޮމިޓީ މަރުހަލާގަ އެވެ.

ކޮމިޓީ މަރުހަލާގައި ބިލު އޮތްތާ އަހަރެއްހާ ދުވަސް ވާން ގާތްވެފައިވަނިކޮށް، ހޯމް މިނިސްޓްރީން އިއްޔެ އަންގާރަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ވަނީ މާލޭގައި އެއްވެވޭނީ ކުރިން ހުއްދަ ހޯދައިގެން ކަމާއި، ހުއްދަ ނުހޯދައި އެއްވެވޭނީ ކާނިވާއަށް އެކަނި ކަން ހަނދާން ކޮށްދީފަ އެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނު ނިސްބަތްވާ ޕާޓީ، އެމްއާރުއެމް އިން އޮންލައިންކޮށް ރޭ ބޭއްވި އެ ޕާޓީގެ އެކްސްކޯ ބައްދަލުވުމުގައި، އެ ބިލް މަޖިލީހުގައި ތާށިވެފައި އޮންނަތާ އަހަރެއްހާ ދުވަސް ވެފައި އޮތުމުން ޕާޓީގެ މެންބަރުން އެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވި ގޮތުގައި، ކުރިން ފުލުހުންގެ ހުއްދަ ހޯދައިގެން މާލޭގައި އެއްވެވޭ ގޮތަށް އޮތް ގާނޫނީ މާއްދާއަކީ ގާނޫނު އަސާސީން ކަނޑައަޅާފައިވާ އެއްވެ އުޅުމުގެ ހައްގު ހަނިވާ ގޮތަށް އޮތް ގާނޫނު އަސާސީއާ ހިލާފު މާއްދާއެކެވެ. އެހެންކަމަށްވީއިރު އެކަމާ އަޅާއި ނުލައި ރައްޔިތުންގެ މަޖިލިސް އޮތީ ކީއްވެގެންތޯ މައުމޫން ސުވާލު ކުރެއްވި އެވެ.

މިދިޔަ ރިޔާސީ ދައުރުގައި ވެރިކަން ކުރި ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅި ބިލް ދިރާސާކުރުމުގެ ގޮތުން މިދިޔަ އަހަރު މަޖިލީހުގެ ކޮމިޓީއަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާޒިރުކުރެއްވި އެވެ. އެ ކޮމިޓީގައި އިމްރާން ވާހަކަ ދައްކަވާފައިވަނީ އެ މާއްދާ އުވާނުލާން ތާއީދުކުރައްވަ އެވެ.