ބިދޭސީން

މަޑަވެލީގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލަނީ

Jul 19, 2020
3

ގދ. މަޑަވެލީގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދައި، އެ މީހުން ފޮނުވާލުމުގެ މަސައްކަތް ފަށަން އެ ރަށު ކައުންސިލުން ތައްޔާރު ވެއްޖެ އެވެ.

މަޑަވެލި ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ އެ ރަށުގައި ވޯކް ޕާމިޓާއި ވިސާ ނެތި، ގިނަ އަދަދެއްގެ ބިދޭސީން އުޅެމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ސައްހަ ލިޔުން ނެތް ބިދޭސީންގެ ތެރެއިން ގައުމަށް ދާން ބޭނުންވާ ފަރާތްތަކަށް އިކޮނޮމިކް މިނިސްޓްރީން ދޭން ނިންމާފަ އެވެ. އެހެންވެ އަތުގައި ސައްހަ ލިޔުމެއް ނެތް އަނބުރާ ގައުމަށް ދާން ބޭނުންވާ ބިދޭސީންގެ އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ކުރިން އެ ރަށުގެ ކައުންސިލަށް އަންގަން އެދިފައިވެ އެވެ.

މަޑަވެލި ކައުންސިލްގެ ނައިބު ރައީސް އަޒަމް މުހައްމަދު މިއަދު ވިދާޅުވީ އެ ރަށުގައި 60 އަށްވުރެ ގިނަ ބިދޭސީން އުޅޭ ކަމަށް ލަފާ ކުރެވިފައިވާ ކަމަށެވެ. ނަމަވެސް ސީދާ އަދަދެއް އެނގޭނީ ބިދޭސީން ދަފުތަރު އެކުލަވާލުމުން ކަމަށެވެ.

"އަބަދު މި އޮންނަނީ މިހާރު ބިދޭސީންގެ މައްސަލެއް. އެމީހުން ފުލުންނާ ކުރިމަތިލި ވާހަކަ. އެހެންވެ މިރަށުގައި [މަޑަވެލީ] ގައި އެފަދަ ކަމެއް ހިނގުމުގެ ކުރިން ފިޔަވަޅު އަޅަން ބޭނުން ވަނީ. އެހެންވެ ގަވާއިދާ ހިފާލަށް އުޅޭ ހުރިހާ މީހުން ބޭރުން ކުރަން ފަށަން މި ތައްޔާރު ވަނީ،" ޖުމްހޫރީ ޕާޓީގެ މެޖޯރިޓީ އޮންނަ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޑަވެލީގެ މަސް ދޯނި ފަހަރުގައި ވެސް ބިދޭސީން އުޅެމުންދާ ކަމަށާ، މީގެ ކުރިން އެތަށް ފަހަރެއްގެ މަތިން ދޯނި ފަހަރުގައި ބިދޭސީން ނުގެންގުޅެން އެދިފައިވާނެ ކަމަށެވެ.

"މި ރަށުގައި އަށް ދޯނި އޮވޭ. މީގެ ކޮންމެ ދޯންޏެއްގައި ހަތަރު ބިދޭސީން އެވްރެޖުކޮށް އުޅޭ. މިއީ ހުސް ގަވާއިދާ ހިފާލަށް އުޅޭ މީހުން. ރާއްޖޭގައި މަސްވެރިކަން ކުރާ އޮޑި ފަހަރުގައި ބިދޭސީން ނު ގެންގުޅެވޭނެ. އެއީ މަނާކަމެއް،" އަޒަމް ވިދާޅުވި އެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. ދާދި ފަހުން ދެ ހާދިސާއަކާ ގުޅިގެން ފުލުހުންނާއި ބިދޭސީން ކުރިމަތިލުމަކަށް ގޮސްފައިވެ އެވެ. އިކޮނޮމިކް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް 70،000 ބިދޭސީން ހަރަކާތްތެރިވެ އެވެ.