ގަލޮޅު ދަނޑު ކައިރިއަށް މިއަދު ހެނދުނުން ފެށިގެން ބިދޭސީންތަކެއް އެއްވާން ފެށުމުން ފުލުހުން އެ މީހުންގެ އެއްވުން ރޫޅާލައި ދުރަށް ޖައްސައިފި އެވެ.
މިއަދު ހެނދުނު ގާތްގަނޑަކަށް 7:30 އިން ފެށިގެން ދަނޑު ކައިރިއަށް ބިދޭސީން ޖަމާވާން ފެށި އެވެ. އަދި 9:00 ޖެހި އިރު ގިނަ އަދަދަކަށް އެ ސަރަހައްދަށް ބިދޭސީން އެއްވެފައި ތިއްބެވެ. ބިދޭސީންތަކެއް އެ ތަނަށް އެއްވުމާއެކު އެސްއޯ ފުލުހުން އެ ތަނަށް ގޮސް ވަނީޫ އެ މީހުންނަށް ދުރަށް ދާން އަންގައިފަ އެވެ.
ފުލުހުން ބުނީ، ގަލޮޅު ދަނޑު ކައިރިއަށް މިއަދު ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު އެއްވި ކަމަށާއި އެ މީހުން މިހާރު އެ ސަރަހައްދުން ދުރަށް ޖައްސައި ފޮނުވާލާފައިވާ ކަމަށެވެ. ބިދޭސީން ދުރަށް ޖެއްސުމުގައި އެއްވެސް ހަމަނުޖެހުމަށް ހިނގާފައެއް ނުވެ އެވެ.
އެ ސަރަހައްދުގައި ހުރި ބިދޭސީއަކު ބުނި ގޮތުގައި އެ މީހުން ދިޔައީ އިކޮނޮމިކް މިނިސްޓްރީން ބިދޭސީން ރަޖިސްޓާ ކުރުމުގެ މަސައްކަތްތަކެއް އެތަނުގައި ހިނގާތީ ކަމަށެވެ. ނަމަވެސް ގިނަ ބަޔަކު އެތަނަށް ދިޔުމުން އެ މީހުން މަސައްކަތް ހުއްޓާލާ ބަންދު ކުރި ކަމަށެވެ.
"އަހަރުމެން ބޭނުން ވަނީ ރަށަށް ދާން އެހެންވެ ދިޔައީ... އެއްވެސް މަސައްކަތެއް ނުލިބޭ. ހަތަރު މަސް މިވަނީ މަސައްކަތެއް ނެތި މާލެ ތެރޭގައި އުޅޭތާ،" އޭނާ ބުންޏެވެ.
މިއަދު ބީދޭސީންގެ ބަޔަކުޔ އެއްވީ ރަޖިސްޓާ ކުރުމަށް ކަމަށް އެ މީހުން ބުނި ނަމަވެސް އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ބިދޭސީން ރަޖިސްޓާ ކުރުމުގެ އެއްވެސް މަސައްކަތެއް މިއަދު ދަނޑުގައި ނުކުރެ އެވެ.
ފަހަކަށް އައިސް މުސާރަ ނުދިނުމާއި ވަޒީފާގެ މައްސަލަތަކުގައި ބިދޭސީންގެ މުޒާހަރާތައް ދަނީ އިތުރުވަމުންނެވެ. އެއިން ބައެއް މުޒާހަރާތުގައި ފުލުހުންނާއި ބިދޭސީންނާ ދެމެދު ކުރިމަތިލުންތައް ހިނގައި، ފުލުހުންނާއި އާންމުންގެ ބައެއް ތަކެއްޗަށް ގެއްލުން ވެސް ލިބިފައިވެ އެވެ. ސަރުކާރުން ބުނާ ގޮތުގައި، އެއީ ބިދޭސީން ލައްވައި ބަޔަކު އަޑީގައި ތިބެގެން ކުރުވާ ކަމެކެވެ.
ރާއްޖޭގައި ރަޖިސްޓާ ކޮށްގެން 100،000 އެއްހާ ބިދޭސީން ދިރިއުޅެމުންދާއިރު ގަވައިދާ ހިލާފަށް 60،000 އަށް ވުރެ ގިނަ ބިދޭސީން އުޅޭ ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.