ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބިދޭސީން

ބިދޭސީން ތަފާތުކުރުން: ބަހާ އަމަލު ދިމައެއް ނުވޭ!

ކޮވިޑް-19 އާ ގުޅިގެން މުޅި މާލެ ސަރަހައްދު ލޮކްޑައުންކޮށް އެންމެން ގޭބަންދަށް ދާން ޖެހުނު ފަހުން އެންއީއޯސީގެ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމަށް މުޅި ގައުމު، ދެ އިރަށް އިންތިޒާރު ކުރެ އެވެ. މި ބަލާއާފާތާ ގުޅިގެން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދާށެވެ. ކޮންމެ ދުވަހަކު ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު އިތުރުވަމުން ދާއިރު، އެ މީހުނާ ގުޅުންހުރި މީހުންގެ އެންމެ ފަހުގެ ހަބަރުތައް ހޯދާށެވެ. އެންމެންގެ ސަމާލުކަން ވެސް އޮންނަނީ މިހާރު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބާއްވާ އެ ނޫސްކޮންފަރެންސަށެވެ.

މީގެ ކުރިން އަޑުވެސް ނާހާ އާ ނޫސްތަކާއި އާ ނޫސްވެރިން ވެސް ބައިވެރިވާ އެ ބައްދަލުވުމުގައި މިދިއަ ހޯމަ ދުވަހުގެ ފަހު ބައްދަލުވުންވީ ވަރަށް ތަފާތު ބައްދަލުވުމަކަށެވެ. އެ ބައްދަލުވުމުގައި ބައިވެރިވ ނޫސްވެރިއަކު ކުރަން ފެށި ސުވާލަކާއެކު ރާއްޖެ ކެކި އަރައިގަތެވެ. އެ ކަން އައީ ގިނަ ބަޔަކަށް ނުވެސް އެނގޭ ނޫހެއްގެ ފަރާތުން ބައިވެރިވި ފިލްމީ ތަރިއަކު ކުރި ސުވާލެއްގައި ބަންގްލަދޭޝްގެ ރައްޔިތުންނަށް ނިސްބަތްކޮށް "ބަންގާޅީން" ކަމަށް އިޝާރާތްކޮށް ސުވާލެއް ކުރިއަށް ގެންދަން ފެށުމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ރަފީގު އެކަން ހުއްޓުވުމާ އެކުއެކީ އެވެ.

"އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ސުވާލު ކުރާއިރު ވެސް ހަމަ އެންމެންނަކީ އިންސާނުން ކަމަށްވީމަ ދޭންވާ ރެސްޕެކްޓްހެން [އިހުތިރާމްކުރުންހެން] ބަހުރުވައިގައި ވެސް ހުންނަން ވާނީ،" ނަޒްލާ ވިދާޅުވި އެވެ. އޭގެ ފަހުން އެ މީހާ ވަނީ ލަފުޒު ފުރޮޅާލައި "ބަންގްލަދޭޝް" ކަމަށް ބުނެފަ އެވެ.

އޭނާގެ ސުވާލު ފަހުން ވެސް ކުރި އެވެ. އޭގެ ޖަވާބު ނަޒްލާ ދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި އުޅޭ އެންމެންގެ ސިއްހަތު ސަލާމަތް ކުރަން މަސައްކަތް ކުރުމަކީ އެޗްޕީއޭގެ މައްޗަށް ލާޒިމް ކަމެކެވެ. އޭގައި ވަކި ބައެއް އަދި ވަކި ގައުމަކުން އައިސް ތިބި ބަޔަކު ތަފާތު ކުރުމެއް ނޯވެ އެވެ.

"އަޅުގަނޑަށް ނުވިސްނޭ ވަކި ގައުމަކުން އައިސް ތިބި ބަޔަކާމެދު ތަފާތު ކުރުން މި އޮންނަ ސަބަބެއް، ވަކި ބަޔަކު ނުވަތަ ވަކި ގައުމެއްގެ ބަޔަކަށް [ބަލި] ޖެހިއްޖެއާ އަހަރެމެންނަށް ޖެހޭނެއޭ... އެކަމަކު ފުރަތަމަ ވެސް [ރާއްޖެއިން ބަލި] ފެނުނީ ދިވެއްސެއްގެ ފަރާތުން ނޫންތޯ؟" ސުވާލުތަކަށް ޖަވާބު ދެއްވުމުގައި "ގޮތެއް" ގެންގުޅުއްވާ ނަޒްލާ އެއްސެވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބަންގްލަދޭޝްގެ މީހުން ރާއްޖެ އައިސް އުޅެމުން އަންނަ ހާލަތަކީ އެކަމުގައި ދިވެހިން ޒިންމާ ނަގަން ޖެހޭ ކަމެކެވެ. އެމީހުން ރާއްޖެ ގެނެސް އެ ހާލަތަށް ދޫކޮށްލީ ވެސް ދިވެހިންނެވެ. ނަޒުލާގެ އެ ވާހަކައަކީ ދެބަހެއް ނެތް މުޅީން ތެދު ވާހަކަ އެކެވެ.

ނަޒްލާގެ ޖަވާބާއެކު ގިނަ ބައެއްގެ ތައުރީފު އޭނާއަށް ބަންޑުންވި އެވެ. އަދި ނޫސްވެރިޔާއަކީ ނަސްލީ ތަފާތު ކުރުމާއި ނަފުރަތު އުފެއްދުމުގެ މޫނެއްގެ ގޮތުގައި ވެސް ބަޔަކު ކަނޑައަޅައި އެ އެންމެން ވެގެން އޭނާ "ނޮޅައިލި" އެވެ. މީގެ ކުރިން ވަރަށް ފާޅުގައި ބިދޭސީ މަސައްކަތްތެރިންނަށް ބަދު ބަސް ރައްދުކޮށްފައިވާ މީހުން ވެސް ކުއްލިއަކަށް ހުދު ތޮފި އަޅައި ނޫސްވެރިޔާގެ ސުވާލު ކުށްވެރިކުރި އެވެ.

ޒިންމާ ފެށެނީ ސަރުކާރާ ހަމައިން

ދޭދޭ ގައުމުތަކާއި ބަންގްލަދޭޝް ފަދަ އަވަށްޓެރި ގައުމުތަކުން ރާއްޖެ އައިސް އުޅޭ މީހުންގެ ހާލު އެއްވެސް ދިވެއްސަކަށް އޮޅިފައެއް ނޯންނާނެ އެވެ. އަދި އެކަން ހިނގާ ގޮތް ވެސް މީހުނަށް އޮޅިފައެއް ނޯވެ އެވެ. އެއީ އެއިރެއްގައި އޮންނަ ސަރުކާރަކާ ވިޔަފާރިވެރިންނާ ދެމެދު ކޮރަޕްޝަނާއި ފަސައިދާއިގެ ފާލަމެއް އަޅައިގެން ކުރާ ބޮޑު ވިޔަފާރި އެވެ. އޭގައި ހިއުމަން ޓްރެފިކިން ވެސް ހިމެނެ އެވެ. އެކަމަށް ހަމަ އެއްވެސް ސަރުކާރަކަށް ހައްލެއް ނުގެނެވެ އެވެ. ކޮރަޕްޝަނާއި ފަސާދައިގެ ތެރެއިން ވިޔަފާރި ނަފާ ވަންޏާ އެކަން ކޮންޓްރޯލް ކުރަން ބޭނުންވާނީ ވެސް ކާކު، ކޮން ކޮންޓްރޯލާއެއް ހެއްޔެވެ؟

މާލޭގައި ކޮވިޑް-19 ފެތުރިގެން ދިއުމުގެ ކުރިންވެސް، އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެންމެ ބޮޑު ނިކަމެތިކަމެއް ލިބޭނީ ބިދޭސީން، ހާއްސަކޮށް އޭގައި ގިނަ އަދަދަކަށް ހިމެނިފައިވާ ބަންގުލަދޭޝްގެ މީހުން ކަމަށް އެންމެނަށް ވެސް އޮތީ ގަބޫލު ކުރެވިފަ އެވެ.

މިހާރު ކަން ހިނގަމުން މިދަނީ ވެސް ކުރިން އަންދާޒާ ކުރެވުނު ގޮތަށެވެ. ފިލައިގެން އުޅުނު އެތަކެއްހާސް ބިދޭސީން ހޮރުން ނުކުންނަން މަޖުބޫރު ވެއްޖެ އެވެ. އެތަކެއް ހާސް ބިދޭސީންނެއް ވަޒީފާ ގެއްލި ބިކަ ވުމާއެކު މަގުމަތިވެއްޖެ އެވެ. އެ މީހުން ކާބޯތަކެތި ލިބޭނެ ގޮތެއް ނެތެވެ.

ތޮއްޖެހިފައި ހުންނަ ކުދި ކުދި ތަންތަންކޮޅުގައި ބިދޭސީން ބައިތިއްބާފައި ތިބޭއިރު، ގައިދުރު ކުރުމާއި ސާފުތާހިރުކަން އިސްކުރެވޭނެ ގޮތެއް އެމީހުނަކަށް ނެތެވެ. އެއިން ކަމެއް ނުވިސްނޭ ދިވެހިން މާގިނަ އެވެ.

ކިތަންމެ ހިއުމަން ރައިޓްސް ވެފައިވި ނަމަވެސް ކިތަންމެ މޮޅު ޑިމޮކްރަސީއެއް ވިޔަސް ބިދޭސީންނަށް ތަފާތު ކުރުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި މޫ ލާފައި އޮތް މައްސަލަ އެކެވެ. އެކަން ހައްލު ކުރަން ބޭނުން ނަމަ އެ ނަމޫނާ ފުރަތަމަ ދައްކަންޖެހޭނީ ދިވެހި ސަރުކާރުގެ އިދާރާތަކާއި ދިވެހި ދައުލަތުގެ މުއްސަސާތަކުގެ އިސްވެރިންނެވެ.

އަޅުގަނޑަށް ނުވިސްނޭ ވަކި ގައުމަކުން އައިސްފަ ތިބި ބަޔަކާމެދު ތަފާތު ކުރުން މި އޮންނަ ސަބަބެއް، ވަކި ބަޔަކު ނުވަތަ ވަކި ގައުމެއްގެ ބަޔަކަށް ޖެހިއްޖެއާ އަހަރެމެންނަށް ޖެހޭނެއޭ، އެކަމަކު ފުރަތަމަ ވެސް ފެނުނީ ދިވެހިންގެ ފަރާތުން ނޫންތޯ؟
ޑރ. ފާތިމަތު ނަޒްލާ ރަފީގު

ކޮވިޑް-19 އަށް މާލެއިން ޕޮޒިޓިވްވި ކޭސްތަކަކާ ގުޅިގެން، ކަރަންޓީނަށް ގެންދިޔަ ބިދޭސީ މަސައްކަތްތެރިންތަކެއް އިންސާނުން ބައިތިއްބަން އެކަށީގެން ނުވާ ތަނަކަށް ގެންގޮސް ދޫކޮށްލި އެވެ. ދަނގަޑު ޓިނުން ހަދާފައިހުރި ފާހަނާތަކެއް ހުރި ތަނެއްގެ ތެރެއަށް ނިކަމެތިވެފައި ތިބި އިންސާނުންތަކެއް ގެންގޮސް އަޅައިލީ އެވެ. އެހެން ނަމަވެސް މިއީ ސަރުކާރުން ކުރާ ގިނަކަންކަން ސިއްރު ކުރަން ވަރަށް ދަތި ޒަމާނެކެވެ. ކަމެއް ހިނގާއިރަށް އެ ކަމަކާއި ތަނުގެ ފޮޓޯތަކާއި ވީޑިއޯތައް ބޭރުވެ އެވެ. އެހެންވެ މިކަމުގައި ވެސް ސަރުކާރުން އެންމެ ފަހުން މަފަށް އެދެން ޖެހުނީ އެވެ.

ބިދޭސީންތައް ކޮއްޕާލި ތަނުގެ ފާހަނާތަކުގައި ދޮރުވެސް ނެތް އިރު، ކަރަންޓީނަށް ގެންދާ ނިކަމެތި ބިދޭސީންނާމެދު އަމަލުކުރަނީ މިގޮތަށްތޯ ބުނެ، ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.

އެންއީއޯސީގެ ތަރުޖަމާން، އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވި ގޮތުގައި މާލޭގައި ވަރަށް ތޮއްޖެހިފައިވާ ތަނަކުން، 80 ބިދޭސީ މަސައްކަތްތެރިން ވަރަށް ކުއްލި ގޮތަކަށް ވިލިވަރުގައި ގާއިމު ކޮށްފައިވާ ކަރަންޓީނު ފެސިލިޓީއަށް ގެންދިޔަ އެވެ. އެތަނަކީ 30 ކޮޓަރީގެ ފެސިލިޓީއެކެވެ. ރިިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް އެތަނުގައި ކުރިއަށް ދިއައިރު، ގާއިމުކޮށްފައިހުރި ބައެއް ވަސީލަތްތައް އެތަނަށް ގެންދިއަ ބައެއް މީހުން ބޭނުން ކުރަން ޖެހުނެވެ. މިހާރު އެ ހުރިހާ މީހުން، ކުޑަބަނޑޮހަށާއި އިރުފުށި ރިސޯޓުގައި ގާއިމުކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކަށް ވަނީ ބަދަލުކޮށްފަ އެވެ.

"އެއްގޮތަކަށްވެސް އެތަނުގައި ގިނަ ދުވަހު ބައިތިއްބާކަށް ނޫން. [ބިދޭސީންނާމެދު] އެއް ގޮތަކަށްވެސް އެ ގޮތަށް އަމަލެއް ނުކުރާނެ. އެކަން އެގޮތަށް ހިނގާފައިވާތީ ނިހާޔަތަށް މައާފަށް އެދެން،" ތަރުޖަމާނު މަބުރޫކު ވިދާޅުވި އެވެ.

އެކަމަކު މަބުރޫކު ވިދާޅުވި ސަބަބު އެއްގޮތަކަށްވެސް ދެކޮޅު ޖެއްސޭނެ ގޮތެއް ނުފެނެ އެވެ. ކިތަންމެ އަވަހަށް ބިދޭސީންތަކެއް ތިބި ތަނުން ނެރެންޖެހުނަސް، އެފަދަ ތަނަކަށް 80 މީހުން ލެވޭނެ ގޮތެއް ނުވިސްނެ އެވެ. ތޮއްޖެހިފައި އޮތް ތަނަކުން އެމީހުން ނެރެ އަނެއްކާވެސް ތޮއްޖައްސަން އެހެންތާކަށް ލުމަކީ ދެކޮޅުޖެހޭ ކަމަކަށް ނުވެ އެވެ.

ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި އެ 80 މީހުން ފަހުން ބަދަލުކުރި ކުޑަބަނޑޮހާއި އިރުފުށި ވެސް ހުރީ ތައްޔާރަށެވެ. އަދި އެ ނޫންވެސް ފެސިލިޓީތައް ވެސް ހުއްޓެވެ. ވީއިރު އެމީހުން ވިލިވަރަށް ގެންދަންޖެހޭ ސަބަބު މަބުރޫކު ލައްވާ ސަރުކާރުން ތަރުޖަމާ ކޮށްދިނަސް ގަބޫލު ކުރާނީ ކާކު ހެއްޔެވެ؟

ސޯޝަލް މީޑިއާގައި ކުރާ ސުވާލަކީ، އެ މީހުނަކީ ދިވެހިންނަމަ، ނޫނީ ފަތުރުވެރިންނަމަ އެފަދަ ތަނަކަށް ވަގުތީ ގޮތުން ގެންދާނެ ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު ވަރަށް ސާފެވެ. ނޫނެކެވެ. ނުގެންދާނެ އެވެ. އެފަދަ ހާލެއްގައި އެމީހުން ޖެއްސީ ނިކަމެތި ބިދޭސީންނަށްވީމަ އެވެ. އެކަން ފަޅާ އަރުވާނުލިނަމަ އަދިވެސް އެމީހުން ތިބޭނީ އެތަނުގަ އެވެ.

މި ބަލާއާފާތުގެ ތެރެއިން މިހާރުވެސް ގިނަ ބިދޭސީންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އިތުރަށް ނިކަމެތިވާނެ އެފަދަ އެތައް ބިދޭސީ މަސައްކަތްތެރިންނެއް ތިބޭނެ އެވެ. މަގުމަތިވެ، ބަނޑަށްޖެހޭނެ އެތައް ބިދޭސީންނެއް ވެސް ކުރިއަށްއޮތް ދުވަސްތަކުގައި ފެންނާނެ އެވެ.

ދިވެހި މުޖުތަމައުގެ ތެރޭގައި އޮތް ތަފާތުކުރުމުގެ ބަލި ކޮވިޑް-19 އަށް ވުރެ ވަކި ނުރައްކާކަން ކުޑައެއް ނޫނެވެ. އިންސާނިއްޔަތުކަމާއި ދީލަތިކަމާއި، އޯގާތެރިކަން އިސްކުރަންޖެހޭ މިއަށްވުރެ މުހިއްމު ދަނޑިވަޅެއް ރާއްޖެ ކީއްކުރަން މި ދުނިޔެވެސް މީން ޒަމާނަކު ނުދެކެ އެވެ. ރާއްޖޭގައި މިހާލަތުގައި ރައްޔިތުންނަށް ނަމޫނާ ދައްކަންވީ ފުރަތަމަ ސަރުކާރުންނެވެ. އެކަން ނުވާނަމަ، އެންމެ ކުޑަމިނުން ސަރުކާރުގެ އެކިއެކި ބޭފުޅުންގެ ބަހާއި އަމަލު ދިމާކުރަންޖެހެ އެވެ. އޭރުން އެ ބިދޭސީން ނިސްބަތްވާ އަވަށްޓެރި ގައުމުތަކުން ދޭ އެހީގައި ހިފާއިރު، ލަދު ނުގަނެ ސަލާމަތްވާނެ އެވެ.