މިދިއަ އާދީއްތަ ދުވަހުގެ ރޭ މާފަންނު އޯޑިއޯން ކައިރިން މަގުމައްޗަށް ވެއްޓިފައި އޮއްވާ ނަގައި ފަރުވާ ދޭން ހޮސްޕިޓަލަށް ގެންދިއަ ބިދޭސި މީހާ މަރުވެފައިވާއިރު، އޭނާއާ ކޮވިޑް-19 ބައްޔާ ގުޅުމެއްނެތް ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.
އެ މީހާ ފެނިފައި ވަނީ މަގުމަށްޗަށް ވެއްޓިފައި އޮއްވަ އެވެ. އުމުރުން 50 އަހަރުގެ އެ މީހާއަކީ ބަންގްލަދޭޝް ރައްޔިތެކެވެ. އެމްއެންޑީއެފުން އޭރު ބުނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށައި މެޔަށް ތަދެއް އަރައިގެން އޭނާ އުޅުނު ކަމަށް ބުނާ މައުލޫމާތެއް ވެސް ލިބުނު ކަމަށެވެ.
އެންއީއޯސީގެ ފަރާތުން މިރޭ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒް ވިދާޅުވީ، އެ މީހާ ކޮވިޑް-19 އަށް ޓެސްޓު ކުރި ކަމަށާއި، ޓެސްޓުގެ ނަތީޖާ ނެގެޓިވް ކަމަށެވެ.
ކޮވިޑް ޖެހިފައިވާ މިއަދުގެ ކޭސްތަކާއެކު، ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 128 އަށް އަރައިފަ އެވެ.
މިއަދު ފުރަތަމަ ފެނިފައިވަނީ ދެ ދިވެހިންނާއި ބަންގްލަދޭޝް ދެ މީހެއްގެ އިތުރުން އިންޑިއާ މީހަކާއި ސްރީލަންކާގެ ކުޑަ އަންހެން ކުއްޖެކެވެ. މީގެ ތެރޭގައި އުމުރުން 60 އަހަރުން މަތީގެ ދިވެއްސެއް ވެސް ހިމެނެ އެވެ. އެހެން ކަމުން މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ ދިވެހިންގެ ތެރޭގައި އުމުރުން ދުވަސްވީ ދެ މީހަކު ހިމެނެ އެވެ.
ފަހުން ޕޮޒިޓިވްވީ 12 މީހުންގެ ތެރޭގައި އުމުރުން 12 އަހަރުގެ ކުއްޖަކު ވެސް ހިމެނެ އެވެ. އެ ކުއްޖާގެ މަންމައާ ބައްޕަ ވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.
މިރޭ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަދު ޕޮޒިޓިވްވީ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން އާ ކްލަސްޓާއެއް ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އަފްޒަލް ވިދާޅުވި އެވެ. އަދި ދެން ފެނުނު ކޭސްތަކަކީ ކުރީގެ ކޭސްތަކާ ގުޅުންހުރި ކޭސްތަކެއް ކަމަށް ވިދާޅުވި އެެވެ.
މި މަހުގެ 15 ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ފުރަތަމަ ފަހަރަށް މާލެއިން ފެނިފައިވާއިރު، މުޅި މާލެ ސަރަހައްދު ވަނީ 14 ދުވަހަށް ލޮކްޑައުންކޮށްފަ އެވެ. އަދި އަތޮޅު ތެރޭގައި ވެސް ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، އެ ރަށުން އަނެއް ރަށަށް ދަތުރުކުރުން ވެސް ވަނީ މުއްދަތެއްނެތް ގޮތަށް މަނާ ކޮށްފަ އެވެ.